ވައްކަމުގެ މައްސަލަތައް ވަރަށްގިނަ، ސައިކަލު ޕާކު ކުރުމަށް ފަހުގައި ރަނގަޅަށް ލޮކު ކުރެވިފައިވޭތޯ ބަލަންޖެހޭ: ފުލުހުން

ވައްކަމުގެ މައްސަލަތަކުގެ އެންމެ ގިނަ އެއް މައްސަލައަކީ ސައިކަލުން ކުރާ ވައްކަން ކަމަށާ، ސައިކަލު ޕާކުކުރާއިރު އިތުރަށް ސަމާލުވާންޖެހޭ ފުލުހުން ބުނެފިއެވެ. 
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ ފްރޮންޓްލައިން އޮފް ޕޮލިސިން ގެ ހެޑް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުالله ރަޝީދު ވިދާޅުވީ، އަހަރުގެ މިހާތަނަށް 2288 ވައްކަމުގެ މައްސަލަތައް ހުށަހެޅިފައިވާ ކަމަށެވެ. 
އަދި ސުކޫލުތައް ބަންދު މަހެއްް ކަމުގައިވާ ޑިސެންބަރު މަހަކީ ވައްކަންތައް ގިނަ މައްސަލަތަކެއް ކަމަށާ، ކޮންމެ އަހަރެއްގެވެސް އެ މަހުގައި ހުށަހެޅޭ މައްސަލަތައް ގިނަކަން ފާހަގަކުރެއްވިއެވެ. 
އެގޮތުން، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު 168 މައްސަލަ ހުށަހެޅުނު އިރު 2024 ވަނަ އަހަރު 115 ވައްކަމުގެ މައްސަލަ ހުށަހެޅުނު ކަމަށް ބުންޏެވެ. އަދި މި އަހަރުގެ ޑިސެންބަރު މަހުގެ މިހާތަނަށް 22 ވައްކަމުގެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް އަބްދުالله ރަޝީދު ވިދާޅުވިއެވެ. 
މިއާއެކު އޭނާ ވިދާޅުވީ، ވައްކަމުގެ މައްސަލަތަކަށް ބަލާލާއިރު މައިގަނޑު ދެ ސަބަބެއް ފާހަގަވެފައިވާ ކަމަށެވެ. 
އެއްސަބަބަކީ ތަކުރާރުކޮށް ކުށް ކިރާ ފަރާތްތައް، ގާތްގަނޑަކަށް 1000 މީހުން އެބައުޅޭ ތަކުރާރުކޮށް ކުށްކުރާ. 1000 މީހުން ގާތްގަނޑަކަށް މި ހުރިހާ ކުށްތަކެއްގައި މިއުޅެނީ. ދެން މި އޮންނަނީ ފުރުސަތު ލިބިގެން ކުރާ ވައްކަން. އެންމެ ގިނަްިން މި ހުށަހެޅެނީ ސައިކަލުގެ ވައްކަން. ސައިކަލުގެ ސެޓަލޮކް ނުލައި ހުރުމުގެ ސަބަބުން ތަޅުދަނޑިޖަހައިގެން ކުރާ ވައްކަން ވަރަށް ގިނަ. 
މާލޭގެ ފްރޮންޓްލައިން އޮފް ޕޮލިސިން ގެ ހެޑް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުالله ރަޝީދު 
މީގެ އިތުރުން ސައިކަލުގެ މަޑި ދަށުން ކުރާ ވައްކަމާއި، ސައިކަލުގެ ވަށިގަނޑުގެ ތެރެއަށް ލާފައި ހުންނަ އެއްޗެހިން ކުރާ ވައްކަންތައް ވަރަށް ގިނަކަން އަބްދުالله ފާހަގަކުރެއްވިއެވެ. 
ވައްކަން އެންމެ ގިނައިން ހިނގާ ގޮތަށް ބަލާފައި އެބައޮތް އަޅުގަނޑުމެންގެ އިލްތިމާސެއް. ހާއްސަކޮށް ސައިކަލު މަޑިދަށުގައި އަގުބޮޑު ތަކެތި ބަހައްޓާފައި ނުދާށޭ. ސައިކަލު ތަނެއްގައި ބަހައްޓަންޏާ ލޮކް ކޮށްފައި ބަހައްޓާށޭ. އެ ފުރުސަތު ނުދޭށޭ. ދެން ހަމަ ގިނަ ދުވަހަށް ސައިކަލު ބަަހައްޓާފައި ރަށަކަށް ދަންޏާމުން ކޮންމެސް ރައްޓެއްސެއް ކައިރީ ބުނެލަދޭށޭ ސައިކަލު ބަލާލަން. އެއީ އެކަހަލަ ތަންތަނުން ވަރަށް ބޮޑަށް ހުރޭ ގިނަދުވަސްވީމާ ގެއްލިފައި. 
މާލޭގެ ފްރޮންޓްލައިން އޮފް ޕޮލިސިން ގެ ހެޑް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުالله ރަޝީދު 
މިއާއެކު ޗުއްޓިއަށް ރަށްރަށަށް ދާއިރު ގޭގައި ރަނގަޅަށް ތަޅުލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.
ކުށްތަކުގެ މައްސަލަތަކުގައި ތަކުރާރުކޮށް ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި މިއަހަރު މިހާތަނަށް 50 ފަހަރު ހައްޔަރުކުރެވިފައިވާ މީހެއްވެސް ހުރި ކަމަށާ، އަދި 586 ފަހަރު ހުއްޓުވައި ސުވާލުކުރެވިފައި ހުރި މީހުންވެސް ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 128 ހައްޔަރު ކިރެވި 1012 ފަހަރު ހުއްޓުވައި ސުވާލު ކުރެވުނު މީހުންވެސް ތިބި ކަން ފާހަގަކުރެއްވިއެވެ. 
އެފަދަ މީސްމީހުން މަގުމަތީގައި އުޅުމަކީ ކުށް ހިނގަން ދިމާވާ ވަރަށް ބޮޑު ސަބަބެއްކަމަށް އަބްދުالله ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ