ރައްޔިތުން ގޮވާލަނީ ރައީސް މުއިއްޒު އިސްލާހުވާން: އިބޫ

މިދިޔަ އިންތިހާބުގައި ރައްޔިތުން ގޮވާލީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާހުވާން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ މިދިޔަ އިންތިހާބުގައި ރައްޔިތުން ދެއްކި ވާހަކަތައް ރައީސް މުއިއްޒު އަޑުއައްސަވަން ޖެހިވަޑައިގަންނަވާ ކަމަށާއި ސިޔާސަތުތައް ބަދަލުކޮށް، ސަރުކާރު ހިނގާ މިސްރާބު ބަދަލުކުރަންޖެހޭ ކަމަށެވެ.
ސަރުކާރުން ހިފަހައްޓާފައި ހުރި ކައުންސިލްތަކުގެ ބާރުތައް ދޫކޮށްލަންޖެހޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި އަޅުވާފައިވާ ތަޅު އަދި ރައްޔިތުންގެ ދޫ ބަންދުކުރަން ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު އަނބުރާ ގެންނަންޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ. އިންތިހާބުގައި ރައްޔިތުން ދެއްކީ މި ވާހަކަތައް ކަމަށާއި ނަމަވެސް މިއަދުވެސް ރައީސް މުއިއްޒު ކުރައްވާ ކަމަކީ ވަޒީފާގައި ތިބި މީހުން އިންސާފެއް ނެތި ވަކިކުރުން ކަމަށް އިބޫ ވިދާޅުވި އެވެ.
"އެޔެއް ނޫން ރައްޔިތުން ދެއްކި ވާހަކަތަކަކީ. ރައްޔިތުން ބުނި ވާހަކައަކީ މަނިކުފާނުގެ ސިޔާސަތުތައް ގޯހޭ. އެޔޭ ބަދަލުކުރަންވީ. ވަޒީފާއަކުން ނޫނޭ މީހުން ކަނޑަންވީއަކީ. މަނިކުފާނު އިސްލާހުވާށޭ. އެއީ އޭ މި ގައުމަށް އޮތް ގޮތަކީ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅުތައް ރައްޔިތުން ބަލަން ތިބިކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށާއި އަދި އެމްޑީޕީން ވެސް ރައްޔިތުން އިންތިހާބުގައި ދެއްކި ވާހަކަތައް އަޑުއަހައި ޕާޓީގެ މިސްރާބާއި މަސައްކަތް ކުރިއަށް ގެންދަންޖެހޭނެ ކަމަށެވެ. މި ސަރުކާރު ބަދަލުކުރަން ރައްޔިތުން ހަވާލުކުރީ އެމްޑީޕީއާ ކަމަށާއި އެގޮތުން އެމްޑީޕީގެ ވިސްނުމަކަށް މިހާރު ވާންޖެހޭނީ މި ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ފެށުން ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ