އެމްޕީއެލްއިން ހަރަދު ކުޑަކުރަނީ: މަސައްކަތު ގަޑި ކުރުކޮށް، ދަތުރުތައް ހުއްޓާލައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެމްޕީއެލްގެ ހަރަދުތައް ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ ރަސްމީ ގަޑި ކުރުކުރުން ހިމެނޭހެން ހަ ފިޔަވަޅެއް އަޅަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެމްޕީއެލްއިން ބުނި ގޮތުގައި، މިއީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
ތަފްސީލު - އެމްޕީއެލްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެ ކުންފުނިން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
އެ ފިޔަވަޅުތަކަކީ:
ޝިފްޓު އުސޫލުން މަސައްކަތް ނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑި ހެނދުނު 7:30 އިން މެންދުރުފަހު 3:30އަށް ކުޑަކުރުން
އޮޕަރޭޝަނަލް ޝިފްޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ގަޑި ދުވާލަކު 8 ގަޑިއިރަށް ވުރެ އިތުރު ނުކުރުން
ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުން - މީގެ ތެރޭގައި ބޭރުގެ ފަރާތްތަކުން ދަތުރުގެ ހުރިހާ ހަރަދުތައް ހަމަޖައްސާ ދަތުރުތަކުގައި ވެސް ކުންފުނިން ކުރާ ހަރަދުތައް ވީހާވެސް ކުޑަކުރުމާއި ބޭރުގައި ތިބޭ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އެކު އޮންލައިންކޮށް ބައްދަލުވުން ބާއްވަން ހަމަޖެއްސުން ވެސް ހިމެނޭ
ރާއްޖެއިން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށްގެންދާ ތަމްރީންތައް ހުއްޓާލައި، އެފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން
މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 ފަސްކުރުން
ކަރަންޓުގެ ހަރަދު ކުޑަކުރުން
އޮޕަރޭޝަނަލް ޝިފްޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ގަޑި ދުވާލަކު 8 ގަޑިއިރަށް ވުރެ އިތުރު ނުކުރަން ނިންމި ނަމަވެސް، އެމްޕީއެލްއިން ބުނީ މާލޭ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއާ ކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
"މި ބަދަލާ އެކު ވެސް މުދާ ބޭލުމާއި ކްލިއާ ކުރުމުގެ ހިދުމަތްތައް މިހާރެކޭ އެއް ގޮތަށް ކަސްޓަމަރުންނަށް ލިބޭނެކަމުގެ ޔަގީންކަން އަރުވަމެވެ،" އެމްޕީއެލްގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ