ހަނގުރާމަ މެދުކަނޑައިލި ނަމަވެސް ހުރްމުޒް ކަނޑުއޮޅި ނުތަނަވަސްކަމެއްގައި

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުން ދިޔަ ހަނގުރާމަ ދެ ހަފުތާގެ މުއްދަތަކަށް މެދުކަނޑައިލުމާއެކު ހުރްމުޒް ކަނޑުއޮޅީގެ މަސްރަޙަށް ލުޔެއް ލިބޭނެކަމަށް ބެލެވުނު ނަމަވެސް، ކަނޑު ދަތުރުފަތުރު ޢާންމު ޙާލަތަކަށް ރުޖޫޢަވުމަށް ގިނަ ދުވަސްތަކެއް ހޭދަވާނެ ކަމުގައި ކަނޑު ދަތުރުފަތުރުގެ ދާއިރާގެ މާހިރުން ލަފާކޮށްފިއެވެ. ޔަހޫދީންނާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމަ ފަށްޓަވާފައި ވަނީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ.
ކަނޑު ދަތުރުފަތުރުގެ މަސްރަޙު ދިރާސާކުރާ ކެޕްލަރއިން ބުނީ، ދަތިކުރުމުގެ ފިޔަވަޅުތަކާއި އިންޝުއަރެންސްގެ ހުރަސްތަކުގެ ސަބަބުން، އުޅަނދުފަހަރު އޮޕަރޭޓުކުރާ ކުންފުނިތަކުން ދަތުރުތައް އަލުން ފެށުމަށް އަދިވެސް ފަސްޖެހެމުންދާ ކަމުގައެވެ. މިހާރުގެ ޙާލަތަށް ބަލާއިރު، ކޮންމެ ދުވަހަކު ވެސް ހުރްމުޒް ހުރަސްކޮށް ދަތުރު ކުރެވޭނީ ގިނަވެގެން 10 އާއި 15 އާ ދެމެދުގެ އަދަދެއްގެ އުޅަނދަށް ކަމުގައި އެ ކުންފުނިން އަންދާޒާ ކުރެއެވެ. ހަނގުރާމައިގެ ކުރިން 100 އަށްވުރެ ގިނަ އުޅަނދު ކޮންމެ ދުވަހަކު ވެސް ހުރްމުޒް ހުރަސްކުރަމުން ގޮސްފައިވާއިރު، މިއީ ނިސްބަތުން ވަރަށް މަދު އަދަދެކެވެ.
ހަނގުރާމަ މެދުކަނޑައިލާފައިވާ ކަން ޓްރަމްޕް އިޢުލާނު ކުރައްވާފައި ވަނީ އޭޕްރިލް 8 ވަނަ ދުވަހުއެވެ. އަދި، އީރާނުން ވެސް ވަނީ އެ ކަމަށް އެއްބަސްވެ، އޭޕްރިލް 10 ގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާ ކަން ހާމަކޮށްފައެވެ. ނަމަވެސް، ފުރިހަމަ އެއްބަަސްވުމެއް އެކުލަވައިލެވުމުގެ ކުރިން އީރާނަށް ޙަމަލާ ދިނުމަށް ފޮނުވާފައިވާ އަސްކަރީ ލަޝްކަރު އެ ސަރަޙައްދުން ބޭލުމަށް ޓްރަމްޕް ވަނީ އިންކާރު ކުރައްވާފައެވެ.
ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދަށުން، މުޅި ހުޅަނގު އޭޝިޔާ ސަރަޙައްދުގައި ޔަހޫދީންނާއި އެމެރިކާއިން ހިންގަމުން ދިޔަ ޖަރީމާތައް ހުއްޓައިލަން ޖެހެއެވެ. ނަމަވެސް، ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ޢާންމު ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޖަރީމާތައް ހުއްޓައިލުމަށް އިންކާރުކޮށްފައެވެ. ޙަމަލާ ބަދަލުކުރުމުގެ އެއްބަސްވުން އިޢުލާނު ކުރި ފަހުން ޔަހޫދީން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ނިރުބަވެރި ޙަމަލާތަކެއްދީ، 254 މީހުން ޝަހީދު ކޮށްލާފައެވެ. އަދި، 1,165 މީހުން ޒަޚަމު ކޮށްލާފައެވެ. ޔަހޫދީންގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާ އެއްބަސްވެ، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ވިދާޅުވީ، ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގައި ލުބްނާން ހިމަނާފައި ނުވާނެ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ