ޤައުމީ ޕޭމެންޓް ނިޒާމު ފަވަރަ މެދުވެރިކޮށް ދޭ ޚިދުމަތްތަކާއި ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ހާއްސަ ހޮޓްލައިން ނަންބަރެއް ތަޢާރަފްކޮށްފިއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނުގައި ވިދާޅުވީ، އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހޮޓްލައިން ނަންބަރު "1544" ތައާރަފްކޮށްފައިވާ ކަމަށެވެ. މި ހޮޓްލައިން އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
މި ހޮޓްލައިނަކީ އެމްއެމްއޭގެ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ފޯރުކޮށްދޭ ޕޭމަންޓް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ އެކި އެކި މައްސަލަތައް ލުއިފަސޭހަކަމާއެކު އަވަހަށް ހައްލުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރެވުނު ނަންބަރެއް ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވެއެވެ. މި ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލައި، އެ ކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްއެމްއޭގެ ބެލުމުގެ ދަށުން ހިންގާ ޕޭމަންޓް މޯލްޑިވްސް އިންނެވެ.
އެމްއެމްއޭ އިން މައުލޫމާތުދޭ ގޮތުގައި، މާލީ ޚިދުމަތްތަކާ ގުޅޭ އާންމު ޝަކުވާތައް ހުށަހެޅުމަށް މިހާރުވެސް ބޭނުންކުރަމުންދާ 1444 ނަންބަރުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެއެވެ. ނަމަވެސް އަލަށް ތައާރަފްކުރި 1544 ނަންބަރަކީ ފަވަރައާއި ޕޭމަންޓް މޯލްޑިވްސްއިން ފޯރުކޮށްދޭ އެހެނިހެން ޕޭމަންޓް ޚިދުމަތްތަކަށް ޚާއްސަކުރެވިފައިވާ ނަންބަރެއް ކަމަށެވެ.
މިއީ ރާއްޖޭގެ ބޭންކިންގ އަދި މާލީ ނިޒާމުގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ކަސްޓަމަރުންނަށް ދިމާވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ލިބި، ޚިދުމަތުގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއްކަމަށް އެމްއެމްއޭ އިން އުންމީދު ކުރެއެވެ.
"ފަވަރަ" ޓްރާންސްފާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި "ފަވަރަ" ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށްވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެއެވެ. މި ޚިދުމަތާއި މިހާތަނަށް ރާއްޖޭގެ ބޭންކުތަކާއި އަދި ފައިސާގެ މުޢާމަލާތް ކުރާ އެކި ވޮލެޓްތަކުން ވަނީ ގުޅިފައެވެ.
ފަވަރަ ޚިދުމަތްތަކަށް ހާއްސަ ހޮޓްލައިނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ