"ދަ ގްރޭޓާ އައްޑޫ"ގެ ތަސައްވުރު ރައްޔިތުން ބަލައިގެންފި

ވެރިކަން ކުރާ ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ"ގެ ތަސައްވުރު ރައްޔިތުން ވަރަށް ބަލައިގެންފައިވާ ކަމަށް އައްޑޫގެ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މުޝްރިފު އަލީ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ މަރަދޫން ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނު ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މުޝްރިފް ވިދާޅުވީ ކުރީ ޒަމާނަށް ބަލާއިރު ރާއްޖޭގެ އެހެން ރަށްތަކާ ބަލާއިރު އައްޑޫ އޮތީ ވަރަށް ކުރީގައި ކަމަށާއި ނަމަވެސް މިއަދު އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބަލާއިރު ވެސް އެހެން ރަށްތަކަށް ވުރެ އައްޑޫ އޮތީ ފަހަތުގައި ކަމަށެވެ.
އެކަން ބަދަލުކުރަން ޕީއެންސީން ހުށަހަޅަނީ "ގްރޭޓާ އައްޑޫ"ގެ ތަސައްވުރު ކަމަށާއި ބޭނުންވަނީ އައްޑޫގެ ރަންޒަމާނާއި ރީތި ނަން އަނބުރާ ގެންނަން ކަމަށް މުޝްރިފް ވިދާޅުވި އެވެ.
މި ޖަލްސާގައި "ގްރޭޓާ އައްޑޫ"ގެ ތަސައްވުރަށް އަލިއަޅުވާލަމުން މުޝްރިފް ވިދާޅުވީ އައްޑޫގައި ވަޒީފާތައް އުފެއްދޭނެ ގޮތްތައް ޕްލޭންކޮށް، އެކަން ކުރެވޭނެ ގޮތް މަގުފަހިކޮށްފައިވާ ކަމަށާއި އެއީ ދޫދިނުމެއް ނެތި ކުރަމުންދާނެ ކަމެއް ކަމަށެވެ. އައްޑޫއަކީ އިންވެސްޓަރުން ލޯބިކުރާ، އައު އީޖާދުތަކަށް ފުރުސަތު އޮތްތަނަކަށް ވެސް ހަދަންޖެހޭ ކަމަށާއި އެކަން ކުރުމަށް ވެސް ޕްލޭންތައް ހަދާފައިވާއިރު ހަމައެކަނި ކުރަންޖެހޭ ކަމަކީ ތަންފީޒުކުރުން ކަމަށް ވިދާޅުވި އެވެ.
"މި ކަންކަން ކުރަން ހަގީގަތުގައި ނިކުމެފައި މިތިބީ. ދަ ގްރޭޓާ އައްޑޫގެ ތަސައްވުރަކީ މި ސިޓީގެ ހުރިހާ ރައްޔިތުން ހަގީގަތުގައި ވެސް ވަރަށް ބަލައިގަތް ތަސައްވުރެއް. ލިބެމުންދާ ތާއީދާއި، ފޮނުވަމުންދާ ހެޔޮ ހިޔާލުތަކަށް ދޭ ލަފާ ފުރިހަމައަށް ބަލައިގަންނަން،" މުޝްރިފް ވިދާޅުވި އެވެ.
މުޝްރިފް ވިދާޅުވީ އައްޑޫގެ ފަހުރުވެރި މާޒީ އަނބުރާ އިޔާދަކުރަންޖެހޭ ކަމަށާއި އަދި ދުނިޔޭގެ ޗާޓުގައި އައްޑު ފަވާލަންޖެހޭއިރު އެކަމަށް މިހާރު ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެކަންކަމަށް ހައްލު ހޯދައި ފަހި ފުރުސަތުތަކެއް ހޯދައިގެން ކުރިއަށްދާން ޕީއެންސީގެ ކެންޑިޑޭޓުން ތިބީ ތައްޔާރަށް ކަމަށާއި ރައްޔިތުންގެ އުއްމީދުގައި ކުލަޖައްސައިދިނުމަށް ކުރާ މަސައްކަތުގައި ރައްޔިތުން ބައިވެރިވުމަށް ވެސް މުޝްރިފް ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ