ސަރުކާރާ ދެބަސްވެ ވެރިންތައް އިސްތިއުފާ ދިން ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމަށް ފިނިތަރުހީބެއް, އަލުން އިއުލާން ކޮށްފި
ސަރުކާރާ ދެބަސްވެ ވެރީންތައް އިސްތިއުފާދިން ޕެންޝަން އޮފީހުގެ ޗެއާޕާސަނަކު ހޯދަން އިއުލާނުކުރުމުން، އެކަށީގެންވާ ވަރަށް މީހުން ކުރިމަތިނުލާތީ، ޕެންޝަން ބޯޑުގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޯދުމަށް މިއަދު އަލުން އިއުލާނުކޮށްފިއެވެ. ރައްޔިތުންގެ ރިޓަޔާމަންޓަށް ފައިސާ ރައްކާތެރިކޮށް, އިންވެސްޓް ކުރާ, ޕެންޝަން އޮފީހުގެ ޗެއާޕާސަނެއް ހޯދުމަށް އެ އޮފީހުން ފުރަތަމަ އިއުލާނުކުރީ މިމަހުގެ ދެވަނަ ދުވަހެވެ. އެއީ އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އިނާޒް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. https://sun.mv/217482 އެ އޮފީހުން މިއަދު ނެރެފައިވާ އިއުލާނެއްގައި ވަނީ، ކުރީގެ އިއުލާނަށް އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ، ޕެންޝަން ބޯޑުގެ ޗެއާޕާސަންކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައި ވާކަމަށެވެ. އަދި އެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުން، އަލުން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށް އެ އޮފީހުން ނެރެފައިވާ އިއުލާނުގައި ބުނެފައިވެއެވެ. އެ އިއުލާނުގައި ވަނީ ޗެއާޕާސަން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ގާނޫނުގައި ވާގޮތުގެ މަތީން، އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން އެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ތިން މީހެއްގެ ނަން ޝޯޓްލިސްޓް ކުރުމަށްފަހު، ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ މީހުންގެ ޝަރުޠު ހަމަވާކަން ޔަގީންކުރާނެ ކަމަށެވެ. ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާއެވެ. ސަރުކާރުން ބޭނުންވި ގޮތަށް، ޕެންޝަން ފަންޑުގެ މުއާމަލާތް ހިންގަން ނިންމިއިރު ބޯޑުގައި ތިއްބެވި ބޭފުޅުން -- އެ އިއުލާނުގައިވާ ވާގޮތުން، ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމަށް ކުރިމަތިލާ މީހެއްގެ ދެ ޝަރުތެއް ހުންނަން ޖެހެއެވެ. އެއީ އިގުތިސާދު ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުމާއި، ޕެންޝަން ނުވަތަ އިންވެސްޓުމަންޓުގެ ދާއިރާގައި މަސައްކަތްކޮށް، ތަޖުރިބާ ހާސިލުކޮށްފައިވުމެވެ. އެހެންކަމުން ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ލިޔެކިޔުންތަކާއެކު އަންނަ އަންގާރަ ދުވަހުގެ 13:00ގެ ކުރިން، ޕެންޝަން އޮފީހުގެ އީމެއިލް [email protected] އަށް އެޕްލިކޭޝަން ހުށަހެޅުމަށް އެ އޮފީހުން ވަނީ އެދިފައެވެ. ޕެންޝަން ފަންޑުގެ އިސް ވެރިން އިސްތިއުފާ ދެއްވީ، މަރުކަޒީ ބޭންކު، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން ނިންމި ފަހުންނެވެ. އެއީ ފައިސާ ޗާޕުކުރުމުގެ ގޮތުގައި ސިފަކޮށް، އިދިކޮޅުން ވެސް ވަނީ އެ މުއާމަލާތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މުއާމަލާތް ހިންގަން އެއްބަސްވި ފަހުން, އިނާޒްގެ އިތުރުން، ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސުޖާތާ ހަލީމާއި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޙައްވާ ފަޖުވާއާއި އެ އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރެއްވި މެންބަރު ސަރުވަޝް އާދަމް ވަނީ އިސްތިއުފާދެއްވައިފައެވެ. އިސްތިއުފާ ދެއްވަމުން އިނާޒް ވަނީ، އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގުތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ފަންނީ ގޮތުން ގަބޫލުކުރެވޭ ކަމަށް ވިދާޅުވެފައެވެ. https://sun.mv/217410 އެ މުއާމަލާތާ ގުޅޭ ގޮތުން މި މަހުގެ ތިން ވަނަ ދުވަހު ޕެންޝަން އޮފީހުން ބުނެފައިވަނީ، ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ރިޓާން ނުވަތަ ފައިދާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ "ޑުއަލް ކަރަންސީ" ޓްރެޒަރީ ބޮންޑެއްގައި 2.4 ބިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ކަމަށެވެ. ޕެންޝަން އޮފީހުން ބުނި ގޮތުގައި އެ މުއާމަލާތުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުމަކީ، ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެން ދިއުމެވެ. މީގެ އިތުރުން، މިހާރު ހުރި ބައެއް ޓްރެޒަރީ ބިލްތައް ދިގު މުއްދަތުގެ ބޮންޑުތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބި، ޕޯޓްފޯލިއޯގެ އެވަރެޖް ޑިއުރޭޝަން ދިގުވެ، ލިބޭ ފައިދާ އިތުރުވާނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ. https://www.sun.mv/217547 އެހެންނަމަވެސް، ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވި ސަރުވަޝް "ސަން"އަށް ވިދާޅުވީ މިއީ އިގްތިޞާދުގައި ދައުރުވާ ދިވެހި ފައިސާގެ އަދަދު ގިނަ ވަގުތެއް ކަމަށާއި، އެ ފައިސާ ''މޮޕްއަޕް'' ކުރަން ޖެހޭ ކަމަށެވެ. އަދި މިއީ ފައިސާ ދައުރުވާ މިންވަރު އިތުރުކުރަންޖެހޭ ހާލަތެއް ނޫން ކަމަށާއި ނަމަވެސް ޕެންޝަން އޮފީހުގެ މުއާމަލާތާ ގުޅިގެން، ފައިސާ ދައުރުކުރާ މިންވަރު އިތުރުކުރާނަމަ އިންފްލޭޝަންގެ ރިސްކު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެ މުއާމަލާތް ހިންގަނީ އުސޫލާ ޚިލާފަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވަނީ، ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން އެ މުއާމަލާތާ ގުޅޭ ގޮތުން ދެކޭ ގޮތެއް ދެނެގަތުމަށް ޓަކައި މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ