ތޯރިގް ރަހުމާން ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާކުރައްވައިފި

ބަންގްލަދޭޝްގެ އާންމު އިންތިހާބުގައި ހޯދި ބޮޑު ކާމިޔާބީއާ އެކު، އެ ގައުމުގެ އާ ބޮޑުވަޒީރުގެ މަގާމަށް ތޯރިގް ރަހުމާން މިއަދު އައްޔަންކުރައްވައި މަގާމުގެ ހުވާ ކުރައްވައިފި އެވެ.
މިއީ 2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި މަދަނީ ހަމަނުޖެހުންތަކަށް ފަހު، ކުރީގެ ސަރުކާރު ވެއްޓުނު ފަހުން އެ ގައުމުގައި ބޭއްވި ފުރަތަމަ އާންމު އިންތިހާބެވެ.
ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ލީޑަރު، އުމުރުން 60 އަހަރުގެ ތޯރިގް ރަހުމާން ފަސް އަހަރުގެ ދައުރަކަށް މި މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، މިއީ ފާއިތުވި 35 އަހަރުގެ ތެރޭގައި އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފިރިހެން ބޭފުޅާ އެވެ.
ތޯރިގް ރަހުމާނަކީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ދަރިކަލުންނެވެ. މީގެ ކުރިން ބަންގްލަދޭޝްގެ ވެރިކަން ދިގު މުއްދަތަކަށް ދައުރުވަމުން އައީ ހާލިދާ ޒިޔާ އާއި އޭނާގެ ވާދަވެރި ޝައިހް ހަސީނާއާ ދެމެދުގަ އެވެ.
ތޯރިގް ރަހުމާނަށް މަގާމުގެ ހުވާލައިދެއްވީ ރައީސް މުހައްމަދު ޝަހާބުއްދީނެވެ. މި ރަސްމިއްޔާތުގައި ކެބިނެޓްގެ ގިނަ މެންބަރުން ވެސް ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ.
ޖުމްލަ 350 ގޮނޑި ހިމެނޭ ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ 212 ގޮނޑި ބީއެންޕީ އިސްވެ އޮތް އިއްތިހާދުން ކާމިޔާބު ކުރިއިރު، ޖަމާއަތު އިސްލާމީ އިސްވެ އޮތް 11 ޕާޓީގެ އިއްތިހާދުން 77 ގޮނޑި ކާމިޔާބުކޮށް އިދިކޮޅު ފަރާތަށް ވަނީ ވެފަ އެވެ. ނަމަވެސް، 2024ގެ ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ދަރިވަރުންގެ ލީޑަރުން އުފެއްދި އާ ޕާޓީއަށް ލިބުނީ ހަ ގޮނޑި އެވެ.
ލަންޑަނުގައި 17 އަހަރު އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށް ފަހު މިދިޔަ އަހަރުގެ ފަހުކޮޅު އެނބުރި ގައުމަށް ވަޑައިގެންނެވި ތޯރިގް ރަހުމާން ވައުދުވެވަޑައިގެންނެވީ، ގާތްގަނޑަކަށް 170 މިލިއަން މީހުންގެ އާބާދީއެއް އޮތް ބަންގްލަދޭޝްގައި ޑިމޮކްރަސީ ގާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނޯބެލް އިނާމު ހާސިލުކުރައްވާފައިވާ މުހައްމަދު ޔޫނުސްގެ ބެއްލެވުމުގެ ދަށުން ހިންގި ވަގުތީ ސަރުކާރުން އިންތިޒާމުކުރި މި އިންތިހާބަކީ އަމާން އަދި ބަލައިގަނެވޭނެ އިންތިހާބެއް ކަމަށް ބައިނަލްއަގުވާމީ މޮނިޓަރުން ވަނީ ސިފަކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ބޭރު ގައުމުތަކުގެ އިސްވެރިންނާއި ހާރިޖީ ދާއިރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ ތެރޭގައި ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު ވެސް ހިމެނިވަޑައިގެންނެވި އެވެ.
ޝައިހް ހަސީނާ އިސްވެ ހުންނަވާ އަވާމީ ލީގަށް މި އިންތިހާބުގައި ވާދަކުރުން އޮތީ މަނާކޮށްފަ އެވެ. ވެރިކަމުން 2024ގައި ދުރުކުރުމުން އިންޑިއާގައި ހުންނެވި ހަސީނާ ވަނީ މި އިންތިހާބަކީ އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން، 2024ގެ ހަމަނުޖެހުންތަކާ ގުޅިގެން އޭނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަކީ ބޭއިންސާފު ހުކުމެއް ކަމަށް ވެސް އޭނާ ވަނީ ސިފަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ