ރައީސަކަށް ވިދިވިދިގެން ދެދައުރު އަދާނުކުރެވޭ ގޮތަށް ބަދަލުކުރޭ: ފައިސަލް

އެއްވެސް ރައީސަކަށް ވިދިވިދިގެން ދެދައުރު އަދާނުކުރެވޭ ގޮތަށް ހެދުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވަލައްވައިފިއެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދާދެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފައިސަލް ނަސީމް އެހެން ވިދާޅުވީ ފުވައްމުލަކުގައި ވާހަކަ ދައްކަވަމުންނެވެ. 
ފައިސަލް ނަސީމް ވިދާޅުވިގޮތުގައި ގާނޫނު އަސާސީ އަށް ގެންނަންވީ އިސްލާހަކީ އެއްވެސް ރައީސަކަށް ވިދިވިދިގެން ދެ ދައުރު އަދާ ނުކުރޭ ގޮތަށް ބަދަލުގެނައުމެވެ. އޭރުން ވާނެ ގޮތެއް ކަމަށް ފައިސަލް ވިދާޅުވަނީ ނަހަމަ ގޮތުގައި މީހުންނަށް ވަޒީފާ ދިނުން ހުއްޓުމެވެ. ހިތުހުރި ގޮތަކަށް ކަންތައްތައް ކުރުމާއި، ނަހަމަ ގޮތުގައި ދައުލަތުގެ ފައިސާ ހަރަދު ކުރުން އޭރުން ހުއްޓުވޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ދިވެހިން ބުރަ މަސައްކަތުން ހޯދާ ފާއިސާ ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓޭނެ ގޮތަކީވެސް ޖެހިޖެހިގެން ދެދައުރު ރައީސްކަން ކުރަން އެއްވެސް މީހަކަށް ފުރުސަތު ގާނޫނު އަސާސީން ނުދިނުން ކަމަށްވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ. 
ވޭތުވެދިޔަ ގާތްގަޑަކަށް 17 އަހަރު ތެރޭގައި ރާއްޖެ ދެކެމުން މިދަނީ ލާމަރުކަޒީ ނިޒާމެއް ގާނޫނު އަސާސީގެ 230 ވަނަ މާއްދާއިން ބާރު ލިބިގެން ގެނައުމުގެ ފައިދާ ކަމަށް ވިޔަސް މިހާރު ކުރިމަތިވެފަ މިއޮތީ އެކި ނަންނަމުގެ އެކި އެކި ބޭނުންތަކުގައި ގާނޫނު އަސާސީ ބަދަލުކުރުން ކަމަށް ފައިސަލް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖްލިސްގެ މެމްބަރުންނަށް އަދާކުރުމަށްޓަކައި އޮތް ޒިންމާ އަދާ ކުރަން އޮތް ޖާގަ އެެއްކޮށް ބަދަލުކޮށްފިކަމަށާއި މަޖިލީހުގެ މެމްބަރަކަށް މިއަދު ރައްޔިތުންގެ ހައްގުގައި  ރަށުގެ ހައްގުގައި، އަތޮޅުގެ ހައްގުގައި، ވަކާލާތު ކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ފައިސަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ