ހަނގާކުރާ ފަރާތްތަކާ މެދު ޖިނާޢީ ފިޔަވަޅު އެޅުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހާއެކު މަސައްކަތްކުރަމުން އަންނަކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ހަނގާކުރުމާއި އިޖުތިމާޢީ އާންމު މިންގަނޑާއި ޚިލާފު އެނޫންވެސް ކުށްތައް ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށެވެ.
ސްކޫލްތަކާއި، އޮފީސްތަކާއި އެނޫންވެސް ތަންތަނުގައި ހަނގާކުރުން ނުވަތަ ބުލީ ކުރުމުގެ މައްސަލަތައް އިތުރުވެ އޭގެ ސަބަބުން ހިތާމަވެރި އެކި ޙާދިސާތައް ދަނީ ހިނގަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މީހުންގެ ފުރާނައަށް ނުރައްކާވެދާ މިފަދަ ކުށްތަކަކީ ސީރިއަސް ކުށެއްގެ ގޮތުގައި ނުވަތަ ޖިނާޢީ ކުށެއްގެ ގޮތުގައި ހެދުމަށްޓަކައި މަސައްކަތްކުރަމުންއަންނަކަމަށެވެ.
ވަޒީރު ވިދާޅުވީ މިފަދަ ކުށްތަކަކީ ޖިނާޢީ ދަޢުވާ އުފުލޭވަރުގެ ކަންކަމަށް ހެދޭނެ ގޮތްތައް ދެނެގަތުމަށް ބަންޑާރަނައިބުގެ އޮފީހާއެކު މަޝްވަރާކުރައްވަމުން އަންނަކަމަށެވެ. ވަޒީރު ވިދާޅުވީ ބުލީގެ ޝިކާރައަކަށްވެ މީހުންގެ ފުރާނައަށް ނުރައްކާވެދާ ޙާލަތަށް ބައެއް ކަންތައްތައް ހިނގަމުންދާކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމުގައި ޖިނާޢީ ފިޔަވަޅު އެޅޭނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ބުލީކުރުމާއި ގުޅޭގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަށް، ޚާއްސަކޮށް ޖިނާޢީގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ އަޅުގަނޑުމެން މިހާރު މިދަނީ އެޓަރނީ ޖެނެރަލްގެ އޮފީހާއެކު މަސައްކަތްކުރަމުން." އިޙްސާން ވިދާޅުވިއެވެ
ހަނގާކުރުމުގެ މައްސަލަތައް ސްކޫލްތަކާއި ކޮލެޖް ޔުނިވަރސިޓީތަކުގައާއި މަސައްކަތުގެ މާޙައުލުގައި ކުރިމަތިވުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. މީގެ ސަބަބުން މީހުންގެ ފުރާނަ ގެއްލި ހިތާމަވެރި އެތައް ޙާދިސާތަކެއްދަނީ ހިނގަމުންނެވެ. މުޖުތަމަޢުގެ އެކި ފަރާތްތަކުން މިފަދަ މައްސަލަތަކުގައި ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު މިހާތަނަށް އައިއިރު ރާއްޖޭގައި ޤާނޫނީ ނިޒާމެއްގެ ތެރޭގައި މިއީ ކުށެއްކަމަށް ކަނޑައަޅައި އެކަމަށްދެވޭނެ އަދަބެއް ކަނޑައަޅާފައި ނުވެއެވެ.
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ