އިޒްރޭލާއި އެމެރިކާއިން އިރާނަށް ހޮނިހިރު ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ، 86، އަވަހާރަކޮށްލުން ދުނިޔޭގެ ގަދަ ދެ ބާރު ކަމަށްވާ ރަޝިއާ އާއި ޗައިނާއިން ކުށްވެރިކޮށްފި އެވެ.
ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވަނީ އިރާނުގެ ރައީސަށް ތައުޒިގެ މެސެޖެއް ފޮނުއްވާފަ އެވެ. އަދި އެއީ "އިންސާނީ އަހުލާގީ މިންގަނޑުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް" ހިންގި ޖަރީމާއެއްގެ ގޮތުގައި ޕުޓިން ސިފަކުރެއްވި އެވެ.
ރަޝިއާއިން ޚާމަނާއީގެ ހަނދާންތައް އާކުރާނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެމަނިކުފާނު ކުރެއްވި އަގުހުރި މަސައްކަތްތައް ހަނދާންކުރަމުން ކަމަށް ޕުޓިންގެ މެސެޖުގައި ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުން ބުނެފައިވާ ގޮތުގައި ޚަމަނާއީ އަވަހާރަކޮށްލުމަކީ އިރާނުގެ ސިޔާދަތާއި މިނިވަންކަމަށް އަރައިގަތުމުގެ އަމަލެކެވެ. އެއީ އދ. ގެ ޗާޓަރާއި ބައިނަލްއަގުވާމީ ހަމަތައް މުގުރާލުމުގެ އަމަލެއްގެ ގޮތުގައި ޗައިނާ ސަރުކާރުން ވަނީ ސިފަކޮށްފަ އެވެ.
ވަގުތުން ހަމަލާ ބަދަލުކުރުން ހުއްޓާލައި މެދުއިރުމަތީގައި އަމަންއަމާންކަން ގާއިމުކުރުމަށް ޗައިނާގެ ސަރުކާރުން ވަނީ ގޮވާލާފަ އެވެ.
އިރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި ޚާމަނާއީގެ އިތުރުން އޭނާގެ ދަރިކަނބަލުންނާއި، ދަނބިދަރިފުޅާއި، ކާފަ ދަރިފުޅުވެސް ވަނީ މި ހަމަލާތަކުގައި މަރުވެފައެވެ.
ހޮނިހިރު ދުވަހު އިޒްރޭލުން ދިން މިސައިލް ހަމަލާތަކަށް ފަހު، އިރާނުގައި "ބޮޑު އަސްކަރީ އޮޕަރޭޝަނެއް" ފަށާފައިވާކަން އިއުލާން ކުރެއްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އޭނާގެ މަގުސަދުތައް ހާސިލްވަންދެން މުޅި ހަފުތާގެ ތެރޭގައި ނުވަތަ ބޭނުންވާ މުއްދަތަކަށް މެދުނުކެނޑި ބޮން އެޅުން ކުރިއަށްދާނެ ކަމަށެވެ.
ޚާމަނާއީ އަވަހާރަކޮށްލުމަށް އެމެރިކާއިން މީގެ ކުރިން އެތައް ހަމަލާއެއް ދީފައިވެ އެވެ. އެފަދަ ސިލްސިލާ ހާދިސާތަކުގެ ފުރަތަމަ ފިޔަވަޅު އެޅުނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެއީ ރައީސް ޓްރަމްޕްގެ ސީދާ އަމުރަށް، އިރާނުގެ ގުދުސް ފޯސްގެ އެންމެ އިސް ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހިސާބުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް އިރާނުގެ ލީޑަޝިޕަށް ވަނީ އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މީގެ ތެރޭގައި އެހެން އަސްކަރީ ކޮމާންޑަރުން އަވަހާރަކޮށްލުމާއި، ތެހެރާންގައި ހުންނަވަނިކޮށް ހަމާސްގެ އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމާއި، އަދި ލުބުނާނުގައި ހިޒްބުﷲގެ ހަސަން ނަސްރުﷲ އަވަހާރަކޮށްލުން ހިމެނެއެވެ. މީގެ އިތުރުން، އިރާނުގެ ރޫހާނީ ލީޑަރަށް ވަނީ ގައުމުގެ އެތެރޭގެ އިގްތިސާދީ އެތައް މައްސަލަތަކަކާ ވެސް ކުރިމަތިލައްވަން ޖެހިފައެވެ. މީގެ ބޮޑުބަޔަކީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި ކަންކަމެވެ.
ޚާމަނާއީ އަވަހާރަކޮށްލުން ކުށްވެރިކޮށް ރަޝިއާ އާއި ޗައިނާގެ ތައުޒިޔާ ޚާމަނާއީ އަވަހާރަކޮށްލުން ކުށްވެރިކޮށް ރަޝިއާ އާއި ޗައިނާގެ ތައުޒިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ