އެއާޕޯޓުން ޑޮލަރު ފޭރުނު މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭޭ)ން ޑޮލަރުތަކެއް ފޭރުނު މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު 4:45 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓް ތެރެއިން، ބީއެމްއެލްގެ ފައިސާ ބްރިފްކޭސް ފޭރިގެންފައި ވަނީ، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގެ ތެރެއިންނެވެ.
ތަފްސީލް - އެ މައްސަލައާ ގުޅިގެން 4 މީހަކު ފުލުހުން ހައްޔަރު ކުރީ 28 ވަނަ ދުވަހުގެ ހެނދުނު ކ. ހުރާއިންނެވެ. އެއީ:
މާޒިން މޫސާ، 25، ރޭޝަން/ލ. މާވަށް
އަހުމަދު ރައިހާން ނައީމް، 20، މ. ކޯރަސް
އިބްރާހިމް އަނޫފް، 24، އަޅިވިލާގެ/ކ. ގުރައިދޫ
ހުސެން ޝަހުދު، 30، އަޅިވިލާގެ/ކ. ގުރައިދޫ
އެ މީހުންގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ 5 ދުވަހެވެ.
އެ މުއްދަތު ހަމަވެގެން މިއަދު އެ ހަތަރު މީހުން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުންޏެވެ.
އެނގުން މުހިއްމު - ބްރިފްކޭހުގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ދޫކުރަން ބީއެމްއެލްއިން ގެންދިޔަ ޑޮލަރެވެ. އެގޮތުން:
ބްރިފްކޭސް ތެރޭ ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުރިކަން ކަށަވަރުކުރެވޭ 
އެ ފޭރުން ހިންގި މީހުން ބްރިފްކޭސް ޖަހައިގަތީ ވަޅިން ބިރުދެއްކުމަށް ފަހު 
ފައިސާ އުފުލުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުން ކޮށްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައި
ފޭރުނު ފައިސާ އަދި މިހާތަނަށް ހޯދުނު ކަމަށް ފުލުހުން ނުބުނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ