ހިންގުމުގެ ފައިދާ އެއްވަރެއްގައި ހިފެހެއްޓުނަސް، ބީއެމްއެލްގެ ސާފު ފައިދާ ދަށަށް ހިންގުމުގެ ފައިދާ އެއްވަރެއްގައި ހިފެހެއްޓުނަސް، ބީއެމްއެލްގެ ސާފު ފައިދާ ދަށަށް

މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރަށް ވުރެ މަތިވީ ނަމަވެސް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ދަށްވެފައިވާ ކަމަށް އެ ބޭންކުގެ އެންމެ ފަހުގެ ކުއާޓަލީ ރިޕޯޓުން ދައްކައިފި އެވެ.
ބީއެމްއެލްގެ މި އަހަރުގެ ތިން ވަނަ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުގައި އެ ބޭންކަށް އެ ކުއާޓަރުގެ ތެރޭގައި ހިންގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ ކުއާޓަރުގައި ލިބުނު 790 މިލިއަން ރުފިޔާއާ ދާދީ އެއް ހަމަ އަދަދެކެވެ. އަދި މިކަމުން ދައްކުވައި ދެނީ ބޭންކުގެ ކްރެޑިޓު ރަނގަޅު މިންވަރެއްގައި ކުރިއަރައި، ވިޔަފާރި ހަރަކާތްތަކުގެ ދުވެލި ހިފެހެއްޓިފައިވާ ކަމެވެ.
މިހެން ނަމަވެސް ސާފު ފައިދާ ވަނީ ދެ ވަނަ ކުއާޓަރުގައި ލިބުނު 558 މިލިއަން ރުފިޔާއިން ތިން ވަނަ ކުއާޓަރުގައި 475 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. ބޭންކުގެ ބެލެންސް ޝީޓުގައި ހުރި އަދަދުތަކަށް ބަލާފައި ފައިދާ ދަށްވީ ސަބަބެއް ކަމަށް ބެލެވެނީ، ހަރަދުތައް އިތުރުމާއި ޕްރޮވިޝަންގެ ގޮތުގައި ކަނޑައަޅާ އަދަދުތައް އުފުލުމާ ގުޅިގެންނެވެ.
ތިން ވަނަ ކުއާޓަރުގެ ތެރޭގައި ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ އަގު ވަނީ 1.3 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއާ އެކީ، ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ ވަނީ 57 ޕަސެންޓުން 53 ޕަސެންޓަށް ވެއްޓިފަ އެވެ.
ނިމުނު ކުއާޓަރުގެ ތެރޭގައި ބޭންކުން ކުރި ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަނެ، ބޭންކުގެ ސަބްސިޑަރީއަކަށް ބަދަލުކުރުން ހިމެނެ އެވެ. އޭގެ އިތުރުން ބީއެމްއެލްއިން ވަނީ އިންޑިއަން ރުޕީސް އެކައުންޓާއި ޗައިނީސް ޔުއާން އެކައުންޓު ބޭންކުގައި ހުޅުވޭ ގޮތް ހަދާފަ އެވެ.
ބީއެމްއެލްއިން މިހާރު ހާއްސަ އަހައްމިއްޔަތެއް ދީގެން ކުރަމުން އަންނަ އަނެއް ކަމަކީ އޭޓީއެމް ނެތް ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތެވެ. ބީއެމްއެލްއިން ވަނީ މި މަސައްކަތުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާފަ އެވެ. އެ ބޭންކުގެ ނެޓުވޯކުގައި މިހާރު 258 އޭޓީއެމް ހިމެނެ އެވެ.
ބީއެމްއެލްގެ މާލީ ހާލަތު ރަނގަޅު ނަމަވެސް، ސަރުކާރަށް އެ ބޭންކުގެ އެކްސްޕޯޝާ ބޮޑު ވަމުން އަންނަ މައްސަލައިގައި ކަންބޮޑުވުން އެބަހުއްޓެވެ. މި ކަމުގައި އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، ބީއެމްއެލްއިން ކުރަނީ "ގައުމީ މަސައްކަތެއް" ކަމަށާއި "ގައުމީ ކަންކަމުގައި" އެ ބޭންކުގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.
ބޭންކުން އަންނަނީ ސަރުކާރުގެ ޓީބިލުތަކާއި ބޮންޑުތަކަށް އިންވެސްޓު ކުރުމުގެ އިތުރުން، ސަރުކާރު ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓުތަކާއި ސަރުކާރުން ބޭނުންވެގެން ހިންގާ ޕްރޮޖެކްޓުތަކަށް އަމިއްލަ ކުންފުނިތަކަށް ވެސް ފައިސާ ހަމަޖައްސައިދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ