ބަޖެޓު 2026: ރައީސްކަން ކުރެއްވި ބޭފުޅުންނަށް 19.7 މިލިއަން ރުފިޔާ ބަޖެޓު 2026: ރައީސްކަން ކުރެއްވި ބޭފުޅުންނަށް 19.7 މިލިއަން ރުފިޔާ

ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ދެމުންދާ އިނާޔަތްތައް ކުޑަކުރުމުގެ ވިސްނުން ރައީސް މުހައްމަދު މުއިއްޒު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަޝްވަރާ ކުރި ނަމަވެސް އެ އިނާޔަތް ކުޑަނުކޮށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ހިމަނައިފި އެވެ.
ސަރުކާރުން ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކުރީގެ ހަތަރު ރައީސުންނަށް އެކި އިނާޔަތްތައް ދިނުމަށް ހިމަނާފައިވަނީ 19.7 މިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭސިކް އެލަވަންސް، ލިވިން އެލަވަންސް، އޮފީސް ހިންގަން އަދި ބޭސް ފަރުވާއަށް ދޭ ފައިސާ އެވެ.
މިއީ މި އަހަރު ރިވައިޒްކުރި ބަޖެޓަށްވުރެ ކުޑަ އަދަދެކެވެ. މި އަހަރުގެ ބަޖެޓު އިތުރުވީ ބައެއް ރައީސުންގެ ބޭސް ފަރުވާއަށް، ބަޖެޓުކުރި 700،000ރ. އަށްވުރެ ގިނައިން ހަރަދުކުރީމަ އެވެ. ބަޖެޓު ކުރި އަދަދަށް ވުރެ ގިނައިން ބޭސްފަރުވާއަށް ހަރަދު ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (1.1 މިލިއަން ރުފިޔާ) އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (1.6 މިލިއަން ރުފިޔާ) އެވެ.
އެހެންކަމުން އަންނަ އަހަރު ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ އަދަދު 19.7 މިލިއަނަށްވުރެ އިތުރުވުމުގެ ފުރުސަތު ވެސް ބޮޑެވެ.
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރުމުގެ ވިސްނުން މުއިއްޒު ފާޅުކުރެއްވީ އާންމުންގެ މެދުގައި ސަރުކާރަށް އޮތް ތާއިދު ކުޑަވަމުންދަނިކޮށް، ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ.
މަޖިލީހުގެ ކުރީގެ މެންބަރުންނާއި ރައީސުންނަށް ދެމުން އަންނަ އިނާޔާތްތައް ކުޑަކުރަން ނުވަތަ ކަނޑާލުމުގެ ބަހުސް ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ. އަލުން އަނެއްކާ މި ބަހުސް ތިލަވި ދަނޑިވަޅަކީ ތަކެތީގެ އަގުތައް ބޮޑުވެ، އަތްމަތި ދަތިވަމުންދާތީ އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެކެވެ.
"އަޅުގަނޑަށް ފެންނަނީ މަޖިލިސް މެންބަރުކަން ކޮށްފައި ތިއްބަވާ ކުރީގެ އެމްޕީންނަށް މިހާރު ގާނޫނުން ދޭ ފައިސާގެ އަދަދު މަދުކުރަން. އަދި ކުރީގެ ރައީސުންނަށް ދޭ އަދަދު މަދުކުރަން. ރައްޔިތުން އެދެނީ އެ ގޮތް. އަޅުގަނޑުމެންނަކީ ރައްޔިތުންގެ މަންދޫބުން، ޚާދިމުން،" ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތިއްބަވާ ގްރޫޕެއްގައި އެހެން ބޭފުޅުންގެ ހިޔާލަށް އެދިވަޑައިގެން މުއިއްޒު އިއްޔެ ލިޔުއްވި އެވެ.
ކުރީގެ މަޖިލިސް މެންބަރުންނަށް ލިބޭ އިނާޔަތްތަކަކީ ބަޖެޓުގައި ވަކިން ފެންނަން އޮންނަ އަދަދެއް ނޫން ކަމުން، އެ އިނާޔަތްތައް އަންނަ އަހަރުގެ ބަޖެޓުގައި ކުޑަކޮށްފައިވާކަން ކަށަވަރެއް ނޫނެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އެފަދަ ނިންމުމެއް މިހާތަނަށް ނިންމާފައެއް ނުވެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދެނީ ގާނޫނެއްގެ ދަށުން ކަމަށްވާތީ، އެ އިނާޔަތް މަދުކުރަން ނުވަތަ އުވާލަން ނިންމާނަމަ އެކަން ކުރަން ޖެހޭނީ މަޖިލީހަށް ބިލެއް ހުށަހަޅައި އެ ބިލު ފާސްކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ