ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރެވިއްޖެ: ރައީސް
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރެވިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ. އެ މަނިކުފާނު އެކަން އިއުލާނުކުރެއްވީ ލ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގަމު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ރ. ރަސްގެތީމުގައި އިއްޔެ ހަވީރު ފުލުހުންގެ ޚިދުމަތް ގާއިމުކުރެވުމާ އެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރެވުނީ ކަމަށް ރައީސް ރޭ އިއުލާނުކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ނޮވެންބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންއިރު ފުލުހުންގެ ޚިދުމަތް ނެތް 66 ރަށް އޮތެވެ. އެފަދަ ރަށްރަށުގެ މީހުން ފުލުހުންގެ ޚިދުމަތަށް ބަރޯސާވާން ޖެހިފައި ތިބީ އަވައްޓެރި ރަށްރަށަށްކަން ފާހަގަކުރައްވައި، އެ މަނިކުފާނު ގަބޫލުފުޅުކުރައްވަނީ ފުލުހުންގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި އޮތުމަށް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ފުލުހުންގެ އަމިއްލަ އިމާރާތުގައި ޚިދުމަތް ދެނީ، އެންމެ 17 ރަށުގައި ކަމަށާއި، އަމިއްލަ އިމާރާތް ނެތުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ދަތި އުނދަގޫތައް ކުރިމަތިވަމުންދިޔަކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މި އަހަރު ނިމޭއިރު، 130 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނޭ ކަމަށް ވިދާޅުވެ، މި ދައުރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތުގައި، ގާއިމުވެ ތިބެ، ފުލުހުން ޚިދުމަތްދެމުން ގެންދަވާނޭކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ. ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ