ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ސައިބާކްރައިމް ގައި ދިވެހިރާއްޖެއިން ސޮއިކޮށްފި

ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ސައިބާކްރައިމް ގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ.
މިއަދު ވިއެޓް ނާމްގެ ހަނޯއީގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ ފަރާތުން ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ސައިބަކްރައިމް ގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލްއެވެ.
މި މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި، ފޮރިން މިނިސްޓަރު ވިދާޅުވީ މި މުއާހަދާއަކީ ދިވެހިރާއްޖޭގެ ގައުމީ ޑިޖިޓަލް ސްޓްރެޓެޖީގެ މުހިންމު އެއް ތަނބުކަމަށެވެ. 2030 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ އިގްތިސާދުގެ 15 ޕަސެންޓު ބިނާވެގެން ވަނީ ޑިޖިޓަލް އިގްތިސާދެއް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި އާއި "މޯލްޑިވްސް 2.0" އަކީ ދެފުށް ފެންނަ އަދި ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ޑިޖިޓަލް އިކޯސިސްޓަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ޓެކްނިކަލް ގާބިލުކަން ހަނިވުމުގެ ސަބަބުން ސައިބާ ރިސްކްގެ ނުރައްކާތައް ބޮޑު ނަމަވެސް، މި ގޮންޖެހުންތަކަކީ ދިވެހިރާއްޖޭގެ އަޒުމުތައް ހަނިކުރާނެ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މުއާހަދާގައި ސޮއިކުރުމުން، ދިވެހިރާއްޖެއިން ވަނީ ސައިބާ ކްރައިމް ހުއްޓުވުމަށާއި، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކުށްތައް ކަނޑައެޅުމަށާއި، ތަހްގީގުކުރުމާއި ދައުވާކުރުމުގައި ބައިނަލްއަގްވާމީ ބައިވެރިންނާ އެކު އެއްބާރުލުން ވަރުގަދަކުރަން ލިބޭ ފުރުސަތެއްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި މި މުއާހަދާގެ ސަބަބުން ޓެކްނިކަލް އެހީތެރިކަމާއި ތަމްރީނުތަކާއި މައުލޫމާތު ބަދަލުކުރުމުގެ ގާބިލްކަން ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އ.ދ. ގެ އާންމު މަޖިލީހުން ޑިސެމްބަރު 24، 2024 ގައި ފާސްކޮށްފައިވާ، ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ސައިބާކްރައިމްއަކީ ސައިބާ ކްރައިމް ހުއްޓުވުމަށް ބައިނަލްއަގްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމާއި ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރުމާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް މެދުވެރިކޮށް ހެކި ހިއްސާ ކުރުމާއި ހުނަރު ތަރައްގީ ކުރުމަށް މަގުފަހިވާ މުއާހަދާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ