ފާފަނުކުރިޔަސް އެފަދަ ނިޔަތެއް ނެތިވެސް ކައިވެނިކުރުމުގެ ކުރިން ދެމީހުން އެކަނި ބައްދަލުކޮށް އުޅުމަކީ ކައިވެނީގެ ބަރަކާތް ކެނޑިދާނެ ގެއްލުން ބޮޑު ކަމެއް!

ކައިވެނީގައި އުފާވެރިކަން ލިބުން އޮތީ ކައިވެނީގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުމުންނެވެ. ﷲ ތަޢާލާ ބަރަކާތް ލައްވަވާނީ އެކަލާނގެ އެންގެވިމަގުން ޢަމަލުކުރުމުންނެވެ. އެކަންކަމާއި ކައިރިވެސް ނުވާން އަންގަވާފައިވާ ކަންތައްތަކަކާއި ކައިރިވެސް ނުވެ ރިވެތި ގޮތުގައި އުޅުމުންނެވެ. ﷲ ތަޢާލާ އެއްވެސް ކަމަކާއި ކައިރިވެސް ނުވާން އަންގަވާނީ އެކަމުން އެމީހަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެތީއެވެ. އަދި އެކަމަކާއި ކައިރިވުމަށް ﷲ ތަޢާލާ ރުހިވޮޑިނގަންނަވާތީއެވެ.
މީސްތަކުންނޭވެ. ހިލޭ އަންހެނުންނާއި ފިރިހެނުން ކައިރިވެ، ގައިގޯޅިވެ، އެކަނިވެ އުޅޭނަމަ ފާހިޝް އަމަލުތަކަށް މަގުފަހި ނުވެ ނުދާނެކަން އެއީ ޔަޤީންކަމެކެވެ. އެހެނެއްކަމަކު ފާފަތަކާއި ކައިރި ނުވާން ބުނުމުން މިއަދު ގިނަ ބައަކު ބުނަނީ ކައިރިވީ ނަމަވެސް އެމީހުން ފާފަ ނުކުރާނެ ކަމަށެވެ. ފާފަ ނުކުރާނަމަ ޢަޛާބު ނުލިބޭނެ ކަމަށެވެ.
ހިލޭ އަންހެނުންނާ ފިރިހެނުން ރެސްޓޯރަންޓްތަކަށް 2 މީހުން އެކަނި ދިއުމާއި 2 މީހުން އެކަނި އެކުގައި ކާރު ދުއްވުމާއި ސައިކަލް ދުއްވުން ފަދަ ކަންކަން އިސްލާމް ދީނުގައި މަނާ ކަމަށް ބުނުމުން އެކަމުގެ ދަލީލަކީ ކޮބައިތޯ އާއި ކީރިތި ޤްރުއާނުން އެކަން ފެންނަން ނުވަތަ އެނގެން އެބައޮތްތޯ ބައެއް މީހުން ސުވާލުކުރެއެވެ.
މީސްތަކުންނޭވެ. އެކަމުގެ ދަލީލު ކީރިތި ޤްރުއާނުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ.
މިބުނާ ބަސް ރަނގަޅަށް އަޑުއަހާށެވެ! އާދަމްގެފާނު އުފެއްދެވީ ﷲ ތަޢާލާގެ ދެ އަތްޕުޅުންނެވެ. އާދަމްގެފާނާއި އާދަމްގެފާނުގެ ދަރިންގެ އަމަލުތައް ހުންނާނެ ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެހެންކަމާއިއެކު ﷲ ތަޢާލާ އާދަމްގެފާނަށް ކުރެއްވެވި ފުރަތަމަ އަމުރުފުޅުންވެސް މިކަމަށް ދަލީލު ލިބެއެވެ.
"އަދި ތިމަންރަސްކަލާނގެ ވަޙީ ކުރެއްވީމެވެ. އޭ އާދަމްގެފާނެވެ! ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި ވަޒަންވެރިވެ، އުޅުއްވާށެވެ! އަދި ތަނަވަސްކަމާއި ފަހިކަމާއެކު، ތިއަ ދެކަނބަލުން އެދިވަޑައިގަންނަވާ ގޮތަކަށް އެތަނުން ފަރިއްކުޅުއްވާށެވެ! އަދި ތިއަ ދެކަނބަލުން މިހިރަ ގަހާ ކައިރިވެވަޑައި ނުގަންނަވާށެވެ! އޭރުން (އެބަހީ: އެގަހާ ކައިރިވެވަޑައިގެންފިނަމަ) ތިއަ ދެކަނބަލުންވާހުށީ، އަނިޔާވެރިވާ މީހުންގެ ތެރެއިންނެވެ. (ބަޤަރާ: 35)
މިއާޔަތުގެ މާނައަށް ބަލައިފިނަމަ އަމުރުފުޅު ކުރައްވަވާފައި އެވަނީ ގަހުން ފަރިއްނުކުޅުއްވެވުމަކަށް ނޫނެވެ. ގަހާއި ކައިރިވެވަޑައިވެސް ނުގަތުމަށެވެ. ސަބަބުވެސް އެވަނީ ބަޔާން ކުރައްވަވައިފައެވެ. އެގަހާއި ކައިރިވެވަޑައިގެންފިނަމަ އެ ދެކަނބަލުން އަނިޔާވެރިވާ މީހުންގެ ތެރެއިން ވެވަޑައިގަންނަވާނެ ކަމަށްޓަކައެވެ.
ދެން ބަލައިލަންވީ އިސްރާ ސޫރަތުގެ 32 ވަނަ އާޔަތަށެވެ. "އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ."
މިއާޔަތުގައިވެސް ވަޙީ ކުރައްވަވާފައި އެވަނީ ޒިނޭ އާއި ގާތްވެސް ނުވުމަށެވެ. ޒިނޭއަށް މަގުފަހިވެދާނެ އެއްވެސް ކަމެއް ނުކުރުމަށެވެ.
ކުރިން މި ބަޔާން ކުރި ދެ އާޔަތުގައިވެސް އެގޮތަށް އެކަން ބަޔާން ކުރައްވަވާފައިއެވަނީ އެސަބަބަށްޓަކައެވެ. ހިލޭ އަންހެނުންނާ ފިރިހެނުން ރެސްޓޯރަންޓްތަކަށް ގޮސް އުޅުމާއި (ޚާއްޞަކޮށް އެކަނި) އެކުގައި ކާރު ދުއްވުމާއި ސައިކަލް ދުއްވުން ފަދަ ކަންކަން އިސްލާމް ދީނުގައި ވަނީ މަނާވެގެންކަން ވަރަށް ސާފުކޮށް އެނގެން މިއޮތީ ކީރިތި ޤްރުއާނުންނެވެ.
ކީރިތި ޤްރުއާނަކީ ވާހަކަފޮތެއް ނޫނެވެ. ވާހަކަފޮތެއް ކިޔަމުންދާއިރު ވަކި ބައިތަކެއް ކިޔާފައި މި ބައިތައް ޤަބޫލުނުކުރާ ކަމަށް ބުނާ ފަދައިން ކީރިތި ޤްރުއާނާއިމެދު އަމަލެއް ނުކުރެވޭނެއެވެ. ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ ހުރިހާ ކަންކަންވެސް ޖެހޭނީ ހަމަ ޤަބޫލުކުރާށެވެ! ޖެހޭނީ އެކަންކަމަށް ޢަމަލުވެސް ކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވުމަކީ އެއީއެވެ.
--ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ