ރާއްޖޭގެ ޕްރައިމަރީ ހެލްތުކެއާ ޕްރޮގްރާމަކީ ނަމޫނާއެއް: ޑަބްލިއުއެޗްއޯ

ދިވެހިރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާ ޕްރޮގްރާމަކީ ނަމޫނާ ޕްރޮގްރާމެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.
ޑަބްލިއު އެޗްއޯއިން ވަނީ މިހަފްތާގެ ތެރެެގައި ވިހެއުމަށްފަހު މައިންގެ ފަރާތުން ތުއްތު ދަރިފުޅަށް ޖެހޭ ނުރައްކާތެރި ތިން ބައްޔެއް ނައްތާލެވުނުކަން އިއުލާނުކޮށްފައެވެ. މިކަމާ ގުޅިގެން ވަރލްޑް ހެލްތު އޮގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޑިސް ބީ ނައްތާލުމަށް ރާއްޖެއިން ކޮށްފައިވަނީ ނަމޫނާ މަސައްކަތެއް ކަމަށެވެ. މިކަމުން އެނގެނީ ޖިއޮގްރަފީގޮތުން ވަކިވަކި ވެފައިވާ ރަށްތަކެއްގައި އުޅުނު ނަމަވެސް އަޒުމާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެ ކަންކަމަށް ޑަބްލިއެޗްއޯއިން ފާހަގަކުރިއެވެ.
ޑަބްލިއުއެޗްއޯއިން ބުނީ މިކަމުން ދައްކުވައިދެނީ ރާއްޖޭގެ ޕްރައިމަރީ ހެލެތްކެއާ ނިޒާމުގެ ފުރިހަމަ ކަން ކަމަށާއި، މިއީ ފަރުވާ ހޯދާ މައިންނާއި، ސިއްހީ ހިދުމަތްތެރިންގެ އިތުރުން ޞިއްޙީ ނިޒާމަށް އިތުބާރުކުރާ މުޖުތަމަޢުއަށް ލިބިގެންދިޔަ މުހިންމު ކާމިޔާބީއެއްކަމަށެވެ. މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޕޭޑެން ވިދާޅުވީ ރާއްޖެއަށް ލިބުނު މި ކާމިޔާބީ ދެމެހެއްޓުމަށާއި، ކޮންމެ ކުއްޖަކަށްވެސް ދުޅަހެޔޮ މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދެމުންގެންދާ  ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ކުރިއަށް ގެންދާނޭކަމަށެވެ. އެ އިދާރާއިން ވަނީ ރާއްޖޭގެ ޕްރައިމަރީ ހެލްތުކެއާ ޕްރޮގްރާމްގެ އުސޫލްތައް ދެމެހެއްޓުމުގައި ތަފާތުކުރުމެއްނެތި ބިދޭސީން ހިމެނޭތީ އެކަންވެސް ފާހަގަކޮށްފައެވެ.
އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޑިސް ބީ ރާއްޖެއިން ނައްތާލާފައިވާއިރު، ރާއްޖެއިން ވަނީ މެލޭރިއާ، ހިމަބިހި، ފައިލޭރިއާފަދަ ބަލިތައްވެސް ނައްތާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ