ހަރްޝްއަށް ޖޯންގެ ފިލްމު 'ފޯސް 3'
ބޮލީވުޑް އެކްޓަރު ޖޯން އަބްރަހްމްގެ މަޝްހޫރު ފްރެންޗައިސް "ފޯސް"ގެ ތިން ވަނަ ބަޔަށް އެކްޓަރު ހަރްޝްވަރުދަން ރާނޭ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުތެރޭ ޝޫޓިންގް ފަށަން ތައްޔާރުވަމުން އަންނަ މި ފިލްމަށް ސޮއިކުރިކަން ހަރްޝް ވަނީ އަމިއްލަ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ވެސް ކަށަވަރުކޮށްދީފައެވެ. މި ފިލްމުގައި ހަރްޝްއަށް ވަރަށް މުހިއްމު ރޯލެއް ހުށަހަޅާފައިވާއިރު މިއީ މިހާތަނަށް އޭނާއަށް އެންމެ ބޮޑު ފީއެއް ވެސް ހުށަހެޅި ފިލްމު ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމީ ރިޕޯޓުތައް ބުނާގޮތުން ހަރްޝް ޖޯންގެ ފިލްމަށް ސޮއިކޮށްފައި ވަނީ 15 ކްރޯޑު ރުޕީސް (1.7 މިލިއަން އެމެރިކާ ޑޮލަރަ)ށެވެ. ފިލްމު "ފޯސް 2"ގެ މަންޒަރެއްގައި ޖޯން އަދި ސޮނާކްޝީ ސިންގްހާ--ފޮޓޯ/ބޮލީވުޑްހަންގާމާ ޖޯންގެ ފިލްމަކަށް ހަރްޝް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ދާދިފަހުން ހަރްޝް ބުނެފައި ވަނީ ޖޯން އަކީ އޭނާ ވަރަށް އިހުތިރާމްކުރާ އޭނާގެ ރޯލް މޮޑެލްއެއް ކަމަށެވެ. ބޮލީވުޑްގައި ހަރްޝްގ ފިލްމީ ކެރިއަރު ފެށުމަށް މުމްބާއީއަށް އައުމާއެކު އެންމެ ބޮޑު އެހީތެރިކަމެއް ވެސް ލިބުނީ ޖޯންގެ ފަރާތުން ކަމަށް ހަރްޝް ވަނީ ބުނެފައެވެ. ފިލްމު "ސަނަމް ތޭރީ ކަސަމް"އިން ބޮލީވުޑަށް ތައާރަފްވި ސައުތު އެކްޓަރުގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"އެވެ. މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ފިލްމު "ފޯސް 3"ގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު އެ ފިލްމުގެ ޑައިރެކްޓަރަކީ ބާވް ދޫލިއާއެވެ. އަދި ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގައި ބަތަލާގެ ރޯލް ކުޅޭނީ ސައުތު ސިނަމާގެ ފިލްމީ ތަރި މިނާކްޝީ ޗައުދަރީއެވެ. މި ފްރެންޗައިސްގެ ފުރަތަމަ ފިލްމު ގެނެސްދިނީ 2011ވަނަ އަހަރުއެވެ. އޭގެފަހުން ދެވަނަ ފިލްމު ރިލީޒްކޮށްފައި ވަނީ 2022 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ