ކާޖޮލް އާއި ޓުވިންކަލްގެ 'ޓޫ މަޗް' ޝޯގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ ކުރީގެ ބަތަލާ ޓުވިންކަލް ކަންނާ އަދި މިހާރުވެސް ފިލްމުތަކުން ފެންނަ ކާޖޮލް އެކީގައި ގެނެސްދޭ ޓޯކް ޝޯ "ޓޫ މަޗު ވިތު ކާޖޮލް އެންޑް ޓުވިންކަލް"ގެ ޓްރެއިލާ ދައްކާލައިފިއެވެ. ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މި ޝޯގެ ޓްރެއިލާ ދައްކާލައިރު ޝޯގައި ބެލުންތެރިންނަށް ފެންނާނެ ބައެއް ފިލްމީ ފަންނާނުން ވެސް މިހާރު ބެލުންތެރިންނަށް ވަނީ ފެނިފައެވެ. އެގޮތުން ޓްރެއިލާއިން ފެނުނު ފިލްމީ ތަރިންގެތެރޭ އާމިރު ޚާން، ސަލްމާން ޚާން، ވިކީ ކޯޝަލް، ކަރަން ޖޯހަރު، ވަރުން ދަވަން، ގޯވިންދާ، ޗަންކީ ޕާންޑޭ، އާލިއާ ބަޓް، ޖާންވީ ކަޕޫރު އަދި ކްރިތީ ސެނޮން ހިމެނެއެވެ. އެމެޒޯން ޕްރައިމް ވީޑިއޯއިން ޕްރީމިއާ ކުރާ މި ޝޯ ބެލުންތެރިންނަށް ގެނެސްދޭނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. ޝޯގެ އެޕިސޯޑުތަކަކީ ވަރަށް މަޖާ އެހާމެ ފޯރިގަދަކޮށް ގެނެސްދޭ އެޕިސޯޑުތަކެއްކަން ޝޯގެ ޓްރެއިލާއިން ބެލުންތެރިންނަށް މިހާރު ވަޒަންކޮށްލެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޓުވިންކަލް އާއި ކާޖޮލްގެ ޝޯގެ ޓްރެއިލާގެ ބައެއް މަންޒަރުތައް--ފޮޓޯ/ހިންދުންސްތާންޓައިމްސް މި ޝޯ ޓުވިންކަލްއާ އެކު ހޯސްޓުކުރަން ލިބުނު ފުރުސަތާ ގުޅިގެން ކާޖޮލް ބުނީ، ޓުވިންކަލް އަކީ ވަރަށް ކުޑައިރުއްސުރެ ދަންނަ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. ދެ މީހުން ބައްދަލުވާ ކޮންމެ ފަހަރަކު ވެސް އެހާ ވާހަކަ ގިނަ ކަމަށާއި އެކަކު އަނެކަކަށް ހިއްސާކުރަން ހުންނަނީ ވެސް އެހާ ހެއްވާ މަޖާ ވާހަކަތަކެއް ކަމުން ޝޯއިން ވެސް އެކަން ބެލުންތެރިންނަށް ފާހަގަކުރެވޭނެ ކަމަށެވެ. ޝޯ ހޯސްޓު ކުރުމަކީ ދެ މީހުންވެސް ވަރަށް ކުރާހިތްވާ ކަމެއް ކަމަށާއި މި ޝޯގެ ތެރެއިން ފިލްމު އިންޑަސްޓްރީގައި ތިބި ދެ މީހުންގެ އެކުވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބޭތީ އެއީ ޕްލަސް ޕޮއިންޓެއް ކަމަށް ކާޖޮލް ވަނީ ބުނެފައެވެ. މި ޝޯ އަކީ ހަމަ އެކަނި އެކަކު ހޯސްޓުކުރާނެ ޝޯއެއް ނޫން ކަމަށާއި އެއާ ޚިލާފަށް އެއްވެސް ކަހަލަ ފިލްޓާއެއް ނުލާ ގިނަ ވާހަކަތަކެއް މެހެމާނުންގެ ފަރާތުން އޯޑިއަންސަށް ގެނެސްދޭނެއިރު ޝޯގައި ކުރާ އެއްވެސް ސުވާލަކީ ކުރިން ރިހާސަލްކޮށް ފަރިތަކޮށްގެން ޖަވާބުދާރީވާން ފުރުސަތުދޭނެ ސުވާލުތަކެއް ނޫން ކަމަށް ބަތަލާ ވަނީ ބުނެފައެވެ. މިއީ ކާޖޮލް އާއި ޓުވިންކަލް އެކީގައި ގެނެސްދޭ މިފަދަ ފުރަތަމަ ޝޯއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ