އައްޑޫއަށް އިސްކަންދީގެން ނޫނީ ތާއީދެއް ނުލިބޭނެ: ނަޝީދު

ސަރުކާރަށް ތާއީދު ލިބޭނީ އައްޑޫގެ ތަރައްގީއަށް ހާއްސަ އިސްކަމެއް ދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތަދޫގައި ހަރަކާތްތެރިވާ އެމްޑީޕީގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ އައްޑޫއާ މެދު ސަރުކާރު ތަކުން ކަންކަން ކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެކަމަކު ސަރުކާރަށް ތާއީދު ލިބޭނީ އައްޑޫގެ ތަރައްގީއަށް މަސައްކަތް ކޮށްގެން ކަމަށާއި އެކަމަށް އިސްކަން ދޭން ޖެހޭ ކަމުގައި ވިދާޅުވި އެވެ.
"މިތަނަށް ރަނގަޅު ގޮތް ހޯދައިދޭން އަޅުގަނޑުމެން އުޅޭ އުޅުން ހުއްޓާލައިގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
އައްޑޫ އަކީ ވަސީލަތްތައް ގިނަ ތަނެއް ކަމަށް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ މިސަރުކާރުން އިތުރަށް ތާއީދު ބޭނުންވާނަމަ އައްޑޫއަށް މިހާރަށް ވުރެ ބޮޑު އަޅާލުމެއް ބަހައްޓަންޖެހޭ ކަމަށެވެ.
ނަޝީދުގެ މިބައްދަލުވުމުގައި ބައިވެރިވި މީހުންނަށް ހިޔާލުފާޅުކުރަން ފުރުސަތު ދިނުމުން ބައެއް މީހުން ވަނީ އެމްޑީޕީގެ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން ބައެއް މީހުން ބުނީ އެމްޑީޕީއަށް ވެރިކަން ލިބުމާ ގުޅިގެން ޕާޓީގެ އިސް ބޭފުޅުން އައްޑޫއަށް ވަޑައިނުގަންނަވާ ކަމަށެވެ.
ޝަކުވާތައް އަޑުއެއްސެވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ތަންކޮޅެއް ގިނައިން އައްޑޫ އަށް ވަޑައިގަންނަވާނެ ކަމަށެވެ. އެމަނިކުފާނަށް އައްޑޫއަށް ތަންކޮޅެއް ފަހުން ވަޑައިގެންނެވުނީ މިދިޔަ އަހަރު މެއި ހަވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އުޅުއްވަން ޖެހިވަޑައިގެންނެވި ގޮތުން ކަމުގައިވެސް ވިދާޅުވި އެވެ.
އައްޑޫގެ ތަރައްގީއަށް އިސްކަން ދިނުމަށް ނަޝީދު، ސަރުކާރަށް ގޮވާލެއްވިއިރު މިސަރުކާރުން އައްޑޫގެ ތަރައްގީއަށް ވަރަށް ބޮޑު އިސްކަމެއްް ދީގެން އެތައް މަޝްރޫއުތަކެއް އައްޑޫގައި ހިންގަމުން އެބަގެންދެ އެވެ. މިސަރުކާރުން އައްޑޫއަށް ބޮޑު އިސްކަމެއް ދޭ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވެސް ކުރިން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ