ދިއްގަރު ދާއިރާގެ ފަސް ރަށަކަށް ރައީސް މާދަމާ ވަަޑައިގަންނަވަނީ

މ. އަތޮޅު ދިއްގަރު ދާއިރާގެ ފަސް ރަށަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ 27 އިން 29 ނިޔަލަށް މ. އަތޮޅަށް ރައީސް ސާލިހް ކުރައްވާ ދަތުރުފުޅުގައި ފަސް ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ރަށްތަކަކީ ރަތްމަންދޫ، މަޑުއްވަރި، ދިއްގަރު، ވޭވަށުގެ އިތުރުން މުލިއެވެ.
އަދި މި ރަށްތަކުގައި ހިނގަމުންދާ މަޝްރޫއުތައް ރައީސް ސޯލިހު ބައްލަވާނެއެވެ. މީގެ އިތުރުން ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރުއު ނިންމުމުގެ ރަސްމިއްޔާތާއި ވޭވަށު ބަނދަރާއި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ނިންމުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވާއިރު ދިއްގަރުގައި ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢުތަކުގެ ތަފްސީލް އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގައިވެސް އޮޅުން ފިލުއްވާފައެވެ.
އޮންލައިންކޮށް، ރައީސުލްޖުމްހޫރިއްޔާ ކުރިޔަށް ގެންދެވި އެ ބައްދަލުވުމަކީ ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހުތަކާއެކު ކައުންސިލުތަކަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމެވެ.
އެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާން ވިދާޅުވީ، ސަރުކާރުން އެ ރަށުގައި ކުރިއަށްގެންދާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހަލުވި ދުވެލީގައި ކުރިއަށްދާ ކަމުގައެވެ. މީގެ އިތުރުން އެ ރަށުގެ ރައްޔިތުންނަށް މުހިންމު އެހެން ކަންކަމާގުޅޭ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން ކައުންސިލުގެ ރައީސް ވަނީ އެރަށުގައި ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ހުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ ބޭސް ލިބުމުގައި މިހާރު ރޭވިފައި ހުރި އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، ޞިއްޙީ މަރުކަޒު އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާކަން ކައުސިލުގެ ރައީސް ފާހަގަކުރިއެވެ.
މީގެ އިތުރުން ސްކޫލް ހޯލް އިމާރާތާ އަދި އުމްރާނީގޮތުން ސްކޫލަށް ބޭނުންވާ ކަންކަންމުގެ އިތުރުން މަތީ ތަޢުލީމު ފުޅާކުރުމަށް އިތުރު ފުރުޞަތުތަކާއި ލުއިފަޞޭހަތައް ބޭނުންވާކަން ކައުންސިލުން ފާހަގަކުރިއެވެ. އަދި ރަށުގެ ނަރުދަމާ ނިޒާމުގެ އައުޓްފްލޯއާ ގުޅިގެން ކުރިމަތިވާ ދަތިތަކާއި ކަނދުފަތިތައް ކައިރި ސަރަޙައްދެއްގައި ނެތުމާއި އަދި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި އެރަށުގެ ރިޒޯޓްދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުރި ދަތިތަކާއި، އެ ދާއިރާއިން އިތުރު ފުރުޞަތުތައް އެ ސަރަޙައްދުގައި ފަހިވެފައި އޮތުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ