ޝަރީފު މުއިއްޒަށް: ދެއްކޭނެ ބަހަނާއެއް ނޯންނާނެ, ބިލު ނުދައްކާ ނަމަ އަދިވެސް ކަރަންޓު ކަނޑާނަން!

މާލެ ސިޓީ ކައުންސިލުން ކަރަންޓު ބިލުތަކަށް ނުދައްކާ ހުރި ފައިސާ ނުދައްކާން ދެއްކޭނެ ބަހަނާއެއް ނޯންނާނެ ކަމަށާއި ބިލު ނުދައްކާނަމަ އަދިވެސް ކަރަންޓު ކަނޑާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލުން ކަރަންޓު ބިލުތަކަށް ނުދައްކާ ހުރި ދަރަނީގެ ޖުމުލަ 21 މިލިއަން ރުފިޔާއަށް އަރާއިރު, އެ ފައިސާ ނުދައްކައިގެން ސްޓެލްކޯއިން ވަނީ ސިޓީ ކައުންސިލުގެ ބައެއް ތަންތަނުން މިދިޔަ މަހު ކަރަންޓު ކަނޑާލައިފަ އެވެ. ކަރަންޓު ކަނޑާލި ގިނަ ތަންތަނަކީ ކައުންސިލަށް އާމްދަނީ ލިބޭ ތަންތަނުންނެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލާއި ސްޓެލްކޯއިން ދެބަސްވަމުންދާ އިރު, މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފު ވަނީ ސިޓީ ކައުންސިލުން ދައްކަން އޮތް ދަރަނީގެ އަދަދާއި އެކަމުގައި ހިންގި މުއާމަލާތްތަކުގެ ތަފުސީލު ހިއްސާ ކުރައްވައިފަ އެވެ.
ޝަރީފު ވިދާޅުވީ, ސިޓީ ކައުންސިލުން ކަރަންޓު ބިލު ނުދައްކާތީ އޭނާ މަގާމާ ހަވާލުވި ފަހުންވެސް ދެ ފަހަރެއްގެ މަތިން ކައުންސިލާ ބައްދަލުކޮށް, ލުއި ގޮތެއް ހަމަޖައްސައިދިން ކަމަށެވެ.
ނަމަވެސް އެ ބައްދަލުވުންތަކުގައި ސިޓީ ކައުންސިލުން ދެއްކި ބަހަނާއަކީ ސްޓެލްކޯ އިން ކައުންސިލަށް ދައްކަން އޮތް ކަމަށް ބުނާ 68 މިލިއަން ރުފިޔާއެއްގެ ވާހަކަ ކަމަށާއި އެއީ މީރާއަށް ދައްކައި ހަލާސްކޮށްފައިވާ ފައިސާއެއް ކަމަށްވެސް ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ, ސްޓެލްކޯގެ ކަރަންޓުގެ ހިދުމަތް ބޭނުންކުރުމަށް ފަހު އެ ހިދުމަތަށް ފައިސާ ދައްކަން ނުޖެހޭ އެއްވެސް ބަހަނާއެއް ސިޓީ ކައުންސިލަށް ދެއްކެން ނޯންނާނެ ކަމަށެވެ.
“އެެހެންކަމުން ސިޓީ ކައުންސިލަށް އަޅުގަނޑުމެންގެ މި ހިދުމަތްގެ ބޭނުންކޮށްފައި އެ ހިދުމަތުގެ އަގު ދައްކަން ނުޖެހޭނެ އެއްވެސް ބަހަނާއެއް ނެތް. އެހެންކަމުން އަޅުގަނޑު ގޮވާލާނީ ސިޓީ ކައުންސިލުން ޕްރެސްތަކަށް އަރައި ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް. އަވަހަށް ބިލު ދައްކަވާ، ބިލު ދައްކަވާ، އެހެންނޫނިއްޔާމު ކުރިމަގުގައި އަދިވެސް ކަރަންޓް ކަނޑާލާނަން،” ޝަރީފު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ