ގާސިމް އާއެކު ބޭއްވި ދެ ދުވަހުގެ މަޝްވަރާއަށްފަހު ރައީސް މާލެއަށް

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ ތާއީދު ހޯއްދެވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެނބުރި މާލެ ވަޑައިގަންނަވަން ފުރާވަޑައިގެންފި އެވެ.
މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 5،460 ވޯޓު ލިބިވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމުގެ އަރިހަށް، ސަން އައިލެންޑަށް ރައީސް ސޯލިހު ވަޑައިގަތީ މިދިޔަ ބުދަ ދުވަހު އެވެ. އަދި މިދިޔަ ދެ ދުވަހު އެ މަނިކުފާނު ހޭދަކުރެއްވީ ގާސިމް އާއެކު މަޝްވަރާތައް ކުރެއްވުމަށް އެ ރިސޯޓުގަ އެވެ.
މަޝްވަރާތަކަށްފަހު ރައީސް މާލެ ވަޑައިގެންނެވި ނަމަވެސް، މަޝްވަރާތަކުން ނިމުނު ގޮތެއް އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް ސަން އައިލެންޑުގައި ހުންނަވައި ގަށިމުގެ އަރިސް ޖުމްހޫރީ ޕާޓީގެ ބޭފުޅަކު ވަނީ ދެވަނަ ބުރުގައި ގާސިމް، ރައީސް ސޯލިހަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާ ކަމުގެ ފެހި ސިގުނަލެއް ދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމުގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ދެވަނަ ބުރަށް ޖުމްހޫރީ ޕާޓީގެ ތާއީދު ހޯއްދެވުމަށް ރައީސް މަޝްވަރާތަކެއް ކުރެއްވި އިރު، ލައްކައަކަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެން އެ މަނަިކުފާނުގެ މައްޗަށް ކުރި ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފު ވަނީ މި މަހުގެ 12 ވަނަ ދުވަހު ސަން އައިލެންޑަށް ވަޑައިގެން ގާސިމާ މަޝްވަރާ ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ