ކަމެއް ދިމާވާއިރަށް މުސްލިމަކު އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަންކަން މިކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައިވެސް ފަހުން ހިތާމަކުރަންޖެހޭނެ ގޮތަށް އަދި އާޚިރަތް ގެއްލިގެން ހިނގައިދާނެ ގޮތަށް ކަންކަން މިކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ޙައްލަކީ ކޮބައިހެއްޔެވެ؟ މިފަދަ ހުރިހާ ސުވާލުތަކަށްވެސް އޮތީ ހަމަ އެންމެ ޖަވާބެކެވެ. އެޖަވާބަށްދާން މަސައްކަތްކުރަމާ ހިނގާށެވެ!
މިއަދުގެ ޙާލަތައް ބަލައިފިނަމަ އެންމެން މިތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައެވެ. ކޮންމެ މީހަކުވެސް އަނެކަކާއި ޝަކުވާތައް ކުރަނީއެވެ. މައިންބަފައިން ދަރިންނަށެވެ. ދަރިން މައިންބަފައިންނަށެވެ. ދެމަފިރިން އެކަކު އަނެކަކަށެވެ. މިހެންގޮސް އެންމެން އެންމެންނަށެވެ. އެންމެންގެ ސިކުނޑީގައިވަނީ އަނެކަކާއިމެދު އުފެދިފައިވާ ކަންބޮޑުވުންތަކެވެ. ޝަކުވާތަކެވެ.
މިފަދަ ހުރިހާ މައްސަލަތަކެއް އެންމެ 2 ލަފްޒުން ޙައްލުކުރެވެން އެބައޮތެވެ. އެއީ اتق الله އެވެ. މާނައަކީ ﷲ އަށް ބިރުވެތިވާށެވެ. ﷲ އަށް ބިރުވެތިވާ މީހަކު އަނެކާ ރުޅިއަންނަންޖެހޭނެ ނުވަތަ އަނެކާއަށް ގެއްލުމެއް ލިބިދާނެ އެއްވެސް ޢަމަލެއް ނުކުރާނެއެވެ. އަދި އެއްވެސް މީހެއްގެ ހިތުގައި ޖެހިދާނެ ކަމެއްވެސް ނުކުރާނެއެވެ. މިފަދަ ކަންކަން އެކުރަނީ ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭތީއެވެ.
ހުރިހާވެސް މައްސަލައަކީ ހަތިޔާރުހިފައިގެން ހުންނަ މީހާއަށް ބިރުގަނެފައި ﷲ ތަޢާލާއަށް ބިރުވެތިނުވެވޭކަމެވެ. ﷲ ތަޢާލާ ތިމާއަށް ކުރިމަތިކުރައްވަވައިފާނެ މުޞާބާތަކަށް އަދި ޤިޔާމަތް ދުވަހު ތިމާ އާއިމެދު ކަންކަން ވެދާނެ ގޮތަކަށް ބިރުވެތި ނުވެވޭކަމެވެ.
މީސްތަކުންނޭވެ! ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އަދި ބަހެއް ބުނުމުގެ ކުރިންވެސް އަމިއްލައަށް ވިސްނައިލާށެވެ. ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކުރާށެވެ. އެއިރުން ތިބާވެސް އަދި އެހެން އެންމެންވެސް ތިބޭނީ ހަމަ ވަރަށް އުފަލުންނެވެ. އެއްވެސް މީހަކަށް އަނެކާއަށް އެއްވެސް ޝަކުވާއެއް ކުރާކަށް ނުޖެހޭނެއެވެ. އަނެކާ އާއިމެދު ކަންބޮޑުވެގެން އުޅޭކަށްވެސް ނުޖެހޭނެއެވެ. އިން ޝާ ﷲ
الثانى: عن أبي ذر جندب بن جنادة، وأبي عبد الرحمن معاذ بن جبل، رضي الله عنهما، عن رسول الله صلى الله عليه وسلم، قال: " اتق الله حيثما كنت واتبع السيئة الحسنة تمحها، وخالق الناس بخلق حسن"
((رواه الترمذي وقال حديث حسن )).
Abu Dharr and Mu'adh bin Jabal (May Allah be pleased with them) reported that:
Messenger of Allah (ﷺ) said, "Fear Allah wherever you are, do good deeds after doing bad ones, the former will wipe out the latter, and behave decently towards people".[At- Tirmidhi, who categorized it as Hadith Hasan].
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން
ހަމައެންމެ ކަމަކުން ހުރިހާ ކަންބޮޑުވުންތަކާ ނުރައްކަލާ އަނިޔާވެރިކަން ފިލުވާލެވެން އެބައޮތް!: ޝައިޚް އަބޫބަކުރު ޒައުދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ