ވެހިކަލް ގެންގުޅެވޭނެ މުއްދަތު ކަނޑައަޅާ ނިޒާމެއް ގާއިމްކުރަނީ

ރާއްޖޭގައި ވެހިކަލް ގެންގުޅެވޭނެ މުއްދަތު ކަނޑައެޅުމަށް "ސެޓްފިކެޓް އޮފް އެންޓައިޓަލްމަންޓް" ނިޒާމެއް ތައާރަފްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެ އަށް 70،000 އާ ގާތްކުރާ އަދަދަކަށް އުޅަނދު އެތެރެކޮށްފައިވާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ ގިނަ ސަރަހައްދުތައް ތޮއްޖެހި ވަކިން ޚާއްސަކޮށް މާލެ ސަރަހައްދު ތޮންޖެހުމުގެ ކަންބޮޑުވުންވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެ މައްސަލަ ހައްުކުރުމަށް ސަރުކާރުން މިހާރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން "ސެޓްފިކެޓް އޮފް އެންޓައިޓަލްމަންޓް" ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރާނެ ކަން އިއުލާންކުރީ މި އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އުޅަނދުފަހަރުގެ ރަޖިސްޓްރޭޝަން ނިޒާމު ހަރުދަނާކުރުމަށްޓަކައި ސެޓްފިކެޓް އޮފް އެންޓައިޓަލްމަންޓް (ސީ.އޯ.އީ) އިފްތިތާހުކުރަނީ އަމާން ރައްކާތެރި ތަނަކަށް މާލެ ހެދުމަށްޓަކައި ފަށާފައިވާ މާލެފަހި ޕްރޮގްރާމްގެ ދަށުންނެވެ.
މިކަމާ ގުޅުންހުރި އިތުރު މައުލޫމާތު ހިމަނާފައިވަނީ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ފޮތުގައެވެ.
އެ މިނިސްޓްރީން އާންމުކުރި މަުލޫމާތުތަކުގައި މިހާރު ނިމިފައި ހުރި މަސައްކަތްތަކާއި، ހިނގަމުންދާ ކަންކަން އަދި އަންނަ އަހަރަށް ތާވަލްކޮށްފައިވާކަންކަން ވެސް ހިމަނާފައިވާއިރު އޭގެ ތެރޭގައި ސެޓްފިކެޓް އޮފް އެންޓައިޓަލްމަންޓްގެ މަސައްކަތްތައް ހިމަނާފައިވެއެވެ.
މިނިސްޓްރީން ބުނިގޮތުގައި މާލެ ސަރަޙައްދަށް ވެހިކަލް ގެންނަން ބޭނުންވާ ފަރާތްތަކަށް އެއްހަމައަކުން އޯޕަން ބިޑިންގ ސިސްޓަމެއްގެ ތެރެއިން ފުރުޞަތު ދިނުމަށް "ސެޓްފިކެޓް އޮފް އެންޓައިޓަލްމަންޓް" ނިޒާމް އަންނަ އަހަރު ފަށާނެއެވެ.
މީގެ ސަބަބުން މިހާރު އުޅަނދުތައް ގެންގުޅޭ ފަރާތްތަކަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދެއެވެ. އެގޮތުން މިހާރު ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތްތަކަށް ސީ.އޯ.އީގެ ފުރަތަމަ ފުރުޞަތު ދެވޭނެ ކަމަށް ބުނެފައިވެއެވެ.
މި އައު ނިޒާމު ފަރުމާކޮށްފައިވަނީ ކޯޓާ އެކުލަވާލުމާއި، ކޯޓާ ބިޑްކުރުމާއި، އަދި ބިޑްކޮށްފައިވާ ޕޭމަންޓްތައް ރައްކާތެރި ގޮތުގައި ބެލެހެއްޓޭނެ ގޮތަށެވެ. މީގެއިތުރުން، މި އައު ނިޒާމު ފަރުމާކޮށްފައިވަނީ ކެންސަލްކުރެވޭ އަދި ނައްތާލެވޭ އުޅަނދުތަކުގެ ކޯޓާ އަލުން އިތުރުކުރެވޭނެ ގޮތަށެވެ. އަދި އަލަށް ރަޖިސްޓަރީކުރެވޭ އުޅަނދުތަކުގެ ކޯޓާ ވަކި މުއްދަތަކަށް ނުވަތަ އުޅަނދު ކެންސަލްކުރެވެންދެން ލޮކްކުރެވޭނެ އެވެ.
ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކޮންމެ ރަށެއްގައި ވެސް އެންމެ ގިނަ އަދަދަކަށް ބޭނުންކުރެވޭނެ އުޅަނދުގެ ލިމިޓް (ކެރީން ކެޕޭސިޓީ) އަދި އުޅަނދުގެ އުމުރު ކަނޑައެޅުމުގެ އުސޫލެއް ސަރުކާރުން ވަނީ މި އަހަރު އާންމުކޮށްފަ އެވެ. އަދި ސަރުކާރުން ހެދި މި އުސޫލާއި އެކު އެކަން މެނޭޖްކުރުމަކި ކޮންމެ ރަށެއްގެ ވެސް ކައުންސިލްގެ ޒިންމާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ