އިންޑިއާ ސިފައިން ނެތްކަމަށް ދޭހަވާ މޭރުމަކުން ސަލީމް ދެއްކެވި ވާހަކަ އުމަރު ކުށްވެރި ކުރައްވައިފި

ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށް ދޭހަވާ މޭރުމަކުން، ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓް، އަހްމަދު ސަލީމް (މާޒް) އިއްޔެ ދެއްކެވި ވާހަކަފުޅުތައް އުމަރު ކުށްވެރި ކުރައްވައިފިއެވެ. މާޒް ސަލީމް ވަނީ ރައީސަށް ތާއީދުކުރައްވައި އެ ކަން ހާމަކުރައްވާފައެވެ. އޭނާ އެކަން ހާމަކުރެއްވީ ހުޅުމާލޭގައި އިއްޔެ އޮތް ރައީސްގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިންނެވެ. https://sun.mv/182564 އެ ނިންމެވުމާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އޭނާ ރައީސަށް ތާއީދުކުރައްވަން ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ އޭނާއަކީ އަނިޔާވެރިކަމާ ދެކޮޅު މީހަކަށްވުން ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ގޭންގުތަކުގެ ނުފޫޒު ފޯރާ މަންޒަރު ފެނިލައްވާތީ، އެ ކަމާ ދެކޮޅުވެލައްވާތީ ކަމަށެވެ. އެއީ, އޭނާގެ ބޮޑު ކަންބޮޑުވުމެއްކަމަށް މާޒް ސަލީމް ވިދާޅުވިއެވެ. މިކަމާ ގުޅިގެން އުމަރު ވިދާޅުވީ އެމްޑީޕީގެ ފޯޑިއަމަކުން މާޒް ފެނުމަކީ ވަރަށް ހައިރާން ކުރުވަނިވި ކަމެއް ކަމަށެވެ. "އަދި ވަކިން ޚާއްސަކޮށް އަޅުގަނޑަށް ހައިރާންކަން ލިބުނީ، އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަމަށް ދޭހަވާ ގޮތަކަށް ވާހަކަ ދެއްކީތީވެ،" އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މާޒް ސަލީމަކީ އިންޑިއާ ސިފައިން ބޭލުމަށް އުމަރާއެކު ޕިކަޕިތަކުގައި އަޑު އުފުލި މީހެއް ކަމަށެވެ. ނަމަވެސް މިއަދު އެހެން ޕޯޑިއަމަކަށް އަރާ އެހެން ގޮތަކަށް ވާހަކަ ދެއްކެވުމުން މުޅިން ހައިރާން ވެއްޖެކަމަށް އޭނާ ވިދާޅުވިއެވެ. އުމަރު ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމީ ހަގީގަތެއް ކަމަށެވެ. އަދި އެމީހުން ރާއްޖެއިން ބޭލުމުގެ މަސައްކަތަކީ އޭނާ ފެށި މަސައްކަތެއް ކަމަށާއި އެ މަސައްކަތުގައި ދެމިހުންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ. "އަޅުގަނޑާ އެކު މަސައްކަތް ކުރި މީހަކު ކޮޅު ބަދަލުކޮށްގެން އެހެން ފަރާތަކަށް ދާން ޖެހުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭނެ ކަމެއް ނޫން. އެއީ އެމީހަކު އަމިއްލައަށް ޒިންމާ ވާންޖެހޭ ކަމެއް،" އުމަރު ވިދާޅުވިއެވެ. މީގެ އިތުރުން މިކަމާ ގުޅިގެން އުމަރު ވިދާޅުވީ، ރައްޔިތުންނާމެދު މިފަދަ ގޮތަކަށް ކަންތައް ވީތީ އޭނާ މައާފަށް އެދޭކަމަށެވެ. އަދި އޭނާގެ އަޒުމަށް ބަދަލެއް ނާންނަ ކަމަށާއި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް އަދިވެސް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. މާޒް ސަލީމް މީގެ ކުރިން ވަނީ ހޯމް މިނިސްޓަރުކަމުގެ ނައިބުކަން ވެސް އަދައިކުރައްވައިފައެވެ. އުމަރާ އެކު ގާތްކޮށް މަސައްކަތްކުރެއްވިއިރު، ފުރަތަމަ ބުރަށްފަހު އުމަރު ނިންމެވީ ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރެއްވުމަށެވެ. އުމަރުގެ ވެސް އެންމެ ބޮޑު އެއް ސިޔާސަތުތަކުގެ ތެރޭގައި ގޭންގުތައް ނައްތައިލުން ހިމެނެއެވެ. މި މަހުގެ ނުވަވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 6,348 ވޯޓު ހޯދައި ގާތްގަނޑަކަށް ތިން ޕަސެންޓު އުމަރު ހޯއްދެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ