އިދިކޮޅު ފަރާތްތަކާ ބައްދަލުކުރަނީ ސަރުކާރުގެ ފަރާތަކުން ނޫން: އުމަރު

ޖުމްހޫރީ ޕާޓީއާ އެމްޑީޕީގެ ބޭފުޅުންނާ މާދަމާ ބައްދަލުކުރައްވަނީ ސަރުކާރުގެ ފަރާތުން ނޫން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ހޯމް މިނިސްޓަރު އެޕޮއިންޓްމަންޓެއް ދެއްވާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ރޭ ބުނެފައިވަނިކޮށެވެ.
މިނިސްޓަރު އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެމްޑީޕީގެ ބޭފުޅުންނާ ހޯމް މިނިސްޓްރީގައި ބައްދަލުކުރެއްވުމަށް އެޕޮއިންޓްމެންޓެއް ދެއްވާފައިވާނެ ކަމަށެވެ. ނަމަވެސް އެބައްދަލުވުމަކީ އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު ކުރިއަށްދާ މަޝްވަރާ ބައްދަލުވުމެއްގެ ގޮތުގައި އެއްވެސް ފަރާތަކުން ނުދެކުމަށްވެސް އުމަރު ވަނީ އެދިވަޑައިގެންފަ އެވެ.
ޖޭޕީއާ އެމްޑީޕީއާ ދެމެދު އުފައްދާފައިވާ އިންޓަ ޕާޓީ ކޮމިޝަނުން ރޭ ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކަނޑައަޅާ ބަޔަކާ ބައްދަލުކުރެއްްވުމަށްޓަކައި މާދަމާ ހެނދުނު 10:00 ޖަހާއިރު ހޯމް މިނިސްޓަރު އެޕޮއިންޓްމަންޓެއް ދެއްވާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި އަމީން ވަނީ މިނިސްޓަރަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.
އެމްޑީޕީއާ ޖޭޕީ ގުޅިގެން ސަރުކާރަށް މިހާރު ވަނީ 13 ޑިމާންޑެއް ހުަށަހަޅާފަ އެވެ. އެ ޑިމާންޑްތައް ހާމަކުރެއްވީ މިދިޔަ ހުކުރު ދުވަހު ޖޭޕީއާ އެމްޑީޕީން ގުޅިގެން ބޭއްވި ބޮޑު އެއްވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެެވެ.
އެދުވަހުގެ ބޮޑު ހިނގާލުން ނިމުނުތަނާ ކަހަލަ ގޮތަކަށް ހޯމް މިނިސްޓަރު އެދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރަކީ ކަންކަމަށް އިޖާބަދޭ އަދި ޒިންމާދާރު ސަރުކާރެއް ކަމަށެވެ. އަދި ރައްޔިތުންގެ އެދުންތައް ފެނި އަޑުއިވިއްޖެ ކަމުގައިވެސް އުމަރު އެދުވަހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ