ރިސޯޓުތަކުގެ ސެކިއުރިޓީ ވަނީ ކަންބޮޑުވާ ހާލަތުގައި: މިނިސްޓަރު ޒުލްފާ

ރިސޯޓްތަކުގެ ސަލާމަތީ ކަންކަން އޮތް ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގެންނަވާ ކަމަށާއި ރިސޯޓު ތަކުގެ ސެކިއުރިޓީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމާއި ބެހޭ ކޮންފަރެންސެއް ވަރަށް އަވަހަށް ބާއްވަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެ އެވެ.
~
ފަހަކަށް އައިސް ރިސޯޓް ތަކަށް އަރައި މުވައްޒަފުންނަށް ބިރުދެއްކުމަށް ފަހު ވައްކަންކޮށް ފޭރެމުންދާ މައްސަލަތަކާ ގުޅޭގޮތުން ސަން އަށް އިންޓަވިއުއެއް ދެއްވަމުން ރާއްޖެގެ ފުރަމަ އަންހެން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ދިވެހި އިގްތިސާދު އެކަމަކަށް ބަރޯސާވެފައިވާ ޓޫރިޒަމް ދާއިރާގެ ރިސޯޓު ތަކުގެ ސެކިއުރިޓީއާ މެދު ވަރަށް ބޮޑަށް އެކަމަނާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގްސާދަށް ލިބިދާނެ ގެއްލުމަކާ ދޭތެރޭ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
ޖީއެމްއާރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައިގެން ދެއްވި އިންޓަވިއުގައި ޑރ. ޒުލްފާ ފޯނުން ވިދާޅުވީ ކުރިއަށް އޮތް ދެ ތިން ހަފުތާގެ ތެރޭގައި ފުލުހުންނާއި ގައުމީ ދިފާއީ ބާރާއި ގުޅިގެން ރިސޯޓު ސެކިއުރިޓީއާބެހޭ ކޮންފަރެންސެއް ބާއްވަން ނިންމަވާފައިވާ ކަމަށާއި އެ ކޮންފަރެންސްގައި ރާއްޖޭގެ އެތެރޭގެ ސެކިއުރިޓީ އާއި ބޭރުގެ ސެކިއުރިޓީގެ އިތުރުން ޓެރަރިޒަމްގެ މައްޗަށް ވެސް ސަމާލުކަން ދެއްވާނެ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެ ކޮންފަރެންސަށް ފަހު ވަރަށް ބޮޑަށް ސެކިއުރިޓީގެ ކަންތައްތަކަށް މީހުން ހެލުންތެރިވެގެންދާނެ. މުޅި ކޮންފަރެންސް ގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރިސޯޓް ތަކުގެ ސެކިއުރިޓީ އަށް. އަޅުގަނޑު ދެކެނީ މިއީ ވަރަށް މުހިންމު ކޮންފަރެންސެއްގެ ގޮތުގައި،" ޑރ.ޒުލްފާ ވިދާޅުވި އެވެ.
ރޭ ފަތިހު މާލެ އަތޮޅު ބަރޮހަށް ބަޔަކު ވަނީ ވައްކަން ކުރަން އަރާފަ އެވެ. އޭގެ ކުރިން މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ވެސް މޫނު ނިވާކޮށްގެން ތިބި ބަޔަކު ބ. ކިހާދުއްފަރު ރިސޯޓަށް އަރައި މުވައްޒަފުންނަށް ބިރުދެއްކުމަށްފަހު އެ ރިސޯޓުގެ ތިޖޫރީ ވަގަށް ގެންގޮސްފައި ވެއެވެ. ރޭ ފަތިހު ބަރޮހަށް ބަޔަކު އަރައި ވައްކަން ކުރަން އުޅުމުގެ ތެރޭ ފިލަން އުޅުނު އެކަކު ވަނީ އެރަށު ފަޅުތެރެއަށް ގެނބިގެން މަރުވެސް ވެފަ އެވެ.
ރިސޯޓު ތަކުން ވައްކަން ކުރުމުގެ މައްސަލަ ފެންމަތިވެ، އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް މިނިސްޓަރު ޒުލްފާ ވިދާޅުވާއިރު އެކަމަނާގެ ފިރިކަލުން، ސިމް އިބްރާހިމް މުހައްމަދު ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ )މަޓީ( އިން ވެސް ވަނީ ރިސޯ ސެކިއުރިޓީ އާ މެދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ