ޔޫރަޕުގެ ގޯމަންޑް ވޯލްޑް އެވޯޑަށް ވާދަކުރާ އެންމެ މޮޅު ހަ ފޮތުގެ ތެރޭގައި އާކްގެ ފޮތެއް

މިދިޔަ އަހަރު ފެށި ހީލް ކެމްޕެއިންގެ ދަށުން، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރަން، އާކް އިން އެކުލަވާލި ދެވަނަ ވާހަކަ ފޮތް، ޔޫރަޕްގެ ގޯމަންޑް ވޯލްޑް އެވޯޑްސްގެ ބެސްޓް އިން ދަ ވޯލްޑް ޗިލްޑްރަން ކެޓަގަރީއަށް ވާދަކުރާ އެންމެ މޮޅު ހަ ފޮތުގެ ތެރޭގައި ހިމެނިއްޖެ އެވެ.
ގޯމަންޑް އެވޯޑްސް އަށް ނޮމިނޭޓް ވެފައިވަނީ 2014 ވަނަ އަހަރު ހިންގި ހެލްތީ އީޓިންގ އެންޑް އެކްޓިވް ލައިފް ސްޓައިލް (ހީލް) ކެމްޕެއިންގެ ދަށުން އާކް އިންތައްޔާރުކުރި، ސްނީކީ ސްނެއަރ އޮފް ދަ ސިރަޕް ސްލަރޕް ސްލޮޕްސް ނަމަކަށް ކިޔާ ފޮތެކެވެ.
މި ކެޓަގަރީގައި އާކްގެ މި ފޮތާއި އެކު ހިނެމިފައިވަނީ އެމެރިކާ އިން ތައްޔާރުކުރި ދަ ނެޝަނަލް ޖޯގްރަޕިކް ކިޑްސް ކޫކް ބުކް ކިޔާ ފޮތަކާއި، އަރަބި އެމިރޭޓްސްއިން ނެރުނު ދަ ބަމްބްލް ބީ ކޫކް ބޫކް ކިޔާ ފޮތެއްގެ އިތުރުން ކެނެޑާ، ސްވީޑަން އަދި ސްޕެއިން އިން ނެރުނު ތިން ފޮތެކެވެ.
ގޯމަންޑް ވޯލްޑަށް މި ފަހަރުގެ 205 ގައުމަކުން ފޮތް ހުށަހަޅާފައިވެ އެވެ.
ކުޑަކުދިންގެ ބައިން އެންމެ މޮޅު ހަ ފޮތުގެ ތެރޭގައި އާކްގެ ފޮތް ހިމެނުމާއި ގުޅިގެން ގޯމަންޑް އެވޯޑްސްގެ ރައީސް ވިދާޅުވީ، އެވޯޑުގައި ބައިވެރިވި 200 އަށްވުރެ ގިނަ ގައުމާއި ވާދަކޮށް އެންމެ މޮޅު ހަ ފޮތުގެ ތެރޭގައި އާކްގެ ފޮތް ހިމެނިގެންދިޔުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ގޯމަންޑް އެވޯޑަކީ ކެއިންބުއިމުގެ ބާވަތްތަކާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ އެކި ފޮތްތަކުގެ އިތުރުން ދުނިޔެއަށް މަޝްހޫރު ޝެފުންނާއި ލިޔުންތެރިން ތަމްސީލް ކޮށްދޭ އެވޯޑެކެވެ.
މި އެވޯޑަށް ހޮވުނު އާކްގެ ފޮތަކީ ބުއިމަށް ބޭނުންކުރާ އެކި ބާވަތްތަކާއި ބެހޭގޮތުން ތުއްތު ކުދިން ހޭލުންތެރިކުރުވުމަށް "ރީ ތިންކް ޔުއާ ޑްރިންކް " މި މެސެޖުގެ މައްޗަށް އެކުލަވާލާފައިވާ ފޮތެއް ކަމަށް އާކް އިން ބުނެއެވެ.
ބެސްޓް އިންދަ ވޯލްޑް ކެޓަގަރީގައި ހިމެނިފައިވާ ހަފޮތުގެ ތެރެއިން އެވޯޑް ލިބޭ ފޮތް ހޮވުން އޮންނާނީ މިއަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ