ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ޗުއްޓީ ނިންމަވާލެއްވުމަށްފަހު އެނބުރި އޮފީހަށް ނިކުންނަވަން އުޅުއްވުމުން ވަކި މުއްދަތެއް ނެތް ގޮތަށް އޭނާ ގޭގައި މަޑުކުރަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.
އަބްދުﷲ ގާޒީގެ އާއިލާގެ ބޭފުޅަކު ވީނިއުސްއަށް ވަނީ އެކަން ޔަގީންކޮށްދެއްވާފަ އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ގާޒީގެ އާއިލާގެ ބޭފުޅަކު ބުނީ ވަކި މުއްދަތެއް ނެތް ގޮތަށް އަބްދުﷲ ގާޒީ ގޭގައި މަޑުކުރަން އެންގީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރުކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް އަދިވެސް ނިމިފައި ނުވާތީ އެމައްސަލަތައް ނިމެންދެން ކަމަށެވެ.
"އަބްދުﷲ ގާޒީގެ މައްސަަލައެއް އޮވެގެނެއް ނޫން މިގޮތަށް އެންގީ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ބަލަމުންދާ ފަނޑިޔާރުން ވެސް އެގޮތަށް އެދިވަޑައިގަތުމުން ގޭގައި މަޑުކޮށްލުމަށް އެންގީ. އެއީ އެމައްސަލަތައް ބަލަމުންދާއިރު އަބްދުﷲ ގާޒީ ކޯޓަށް ނިކުތުމަކީ މަސްލަހަތު ފުށުއަރާ ކަަމަކަށް ވެދާނެތީއާ ވެސް އެކު ގޭގައި މަޑުކުރަން އެންގި ކަމަށް ވަނީ،" އާއިލާގެ ބޭފުޅަކު ބުންޏެވެ.
އަބްދުﷲ ގާޒީ ޗުއްޓީ ނެންގެވީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އޭނާ ޗުއްޓީ ނެންގެވި ވަކި ސަބަބެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައި ނުވި ނަމަވެސް އަބްދުﷲ ގާޒީ ޗުއްޓީ ނެންގެވީ ނަޝީދުގެ ވެރިކަމުގައި އޭނާ ހައްޔަރުކުރި މައްސަަލާގައި ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލުމުން އަބްދުﷲ ގާޒީ ކޯޓުގައި ހުންނަވައިގެން އެ މައްސަލަތައް ކުރިއަށް ގެންދިއުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށް ފެންނާތީ ކަމަށް އެނގިފައިވެ އެވެ.
ފަނޑިޔާރުންނާ ބެހޭ ގާާނޫނުގައިވާ ގޮތުން ފަނޑިޔާރަކަށް އަހަރީ ޗުއްޓީގެ ގޮތުގައި ލިބެނީ އަހަރަކުު 30 ދުވަހެވެ. އަދި އަހަރީ ޗުއްޓީގެ އިތުރުން އެހެނިހެން ޗުއްޓީ ދިނުމާއި، ސަލާމް ބުނުމުގައި އަަމަލު ކުރަންޖެހެނީ ވަޒީފާ އާއި ބެހޭ ގާނޫނުގެ ދަށުންނެވެ.
އަބްދުﷲ ގާޒީއާ ގުޅޭ މައްސަލަތައް ނިމެންދެން ގޭގައި މަޑުކުރަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ