ތިޔަ ލޯބި އެދިގެން... - 14

"އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް. ހިނގާބަލަ ދާން..." އައިހަމް ޔޫލިންގެ އަތުން އަތް ދޫކޮށްލަމުން، ޖީންސްގެ ޖީބަށް އަތް ޖަހައިލިއެވެ. އެ ދެމީހުން ހިނގައިގަތްއިރު، އެ ދެމީހުންނަކަށް ނޭނގުނުކަމަކީ އިތުރު މީހެއްގެ ލޮލުގައި އެ މަންޒަރު އަޅައިގަތްކަމެވެ. ޔޫލިންއާ އައިހަމް ދިޔަ މަންޒަރު ބަލަން ހުރި މިންހާގެ މޫނުމަތިން ތަފާތު ޝުއޫރުތައް ފެންނަމުން ދިޔައެވެ. ޔޫލިންއާ އައިހަމްއާ ދެމީހުންގެ ހުރިހާ މަންޒަރެއްވެސް، އޭނާއަށް ރީތިކޮށް ފެނުނެވެ. އަނެއްކާ ޔޫލިންއާ އައިހަމްއާ ދެމެދު ގުޅުމެއްވަނީ ހެއްޔެވެ؟ އެހެންކަމަށްވަންޏާ ޔޫލިން އޭނާއާ އެ ވާހަކަ ހިއްސާނުކުރީ ކީއްވެހެއްޔެވެ؟ އެއީ ކޮން އިރަކުވީ ކަމެއްހެއްޔެވެ؟ މިންހާގެ ހިތަށް ތަފާތު އެއްޗެހ އަރާ ފައިބަމުންދިޔައެވެ. އެތަނުގައި ހުރެފައި އޭނާ ވެސް ވަނީ އެތެރެއަށެވެ. **** ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ހޭލައިގެން ފެންވަރާ ހަދާލައިގެން މިންހާ ނުކުތީ ޔޫލިންއާ ދިމާކޮށްލުމުގެ ބޭނުމުގައެވެ. އޭނާ ނުކުތްއިރު ނަސީބުވެސް ރަނގަޅުކަމުން ޔޫލިން ކުނިކަހަން އުޅެއެވެ. އޭނާ ފައިވާނަށް އަރައިގެން އެ ދިމާލަށް ހިނގައިގަތެވެ. "ލީން..." ކުނި ކަހަން އޮތް ޔޫލިން މަސައްކަތް ހުއްޓާލާ ތެދުވެ މިންހާއަށް ބަލައިލިއެވެ. އެ މޫނުމަތިން ކަމެއް ދެނެގަންނަން މަސައްކަތް ކުރާދަފަ އަސަރުތަކެއް ޔޫލިންއަށް ފެނުމާއެކު، އޭނާ މިންހާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. "ކިހިނެއްވީ؟" ޔޫލިންއަށް ބުމަ އަރުވައިލެވުނެވެ. "ކަމެއްވެއްޖެ؟" މިންހާ ބުނެލިއެވެ. "އަހަންނަށް އެނގިއްޖެ ކޮންމެވެސް ކަމެއްވެއްޖެ. ކިޔާބަލަ!" ޔޫލިން އަހައިލިއެވެ. "ކޮން ކަމެއްތަ އަހަންނަށް ތި ފޮރުވަނީ؟" މިންހާ އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ސުވާލުކޮށްލިއެވެ. އެ ބެލުމުގައިވި ތޫނުކަނުން ޔޫލިންއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. މިންހާއަށް އޭނާއާ އައިހަމްގެ ކަންތައް އެނގުނީބާއޭ އޭނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ކިހިނެއްހެއްޔެވެ؟ "ދެން މާ ނޭނގޭ ކަމަށް ހަދާނެކަމެއްނެތް... ލީންއާ އައިހަމްއާ ކޮންކަމެއްތަ؟" މިންހާ ދެލޯ ބޮޑުކޮށްލިއެވެ. "އޭތް...." "ކޮން އޭތް އެއް ކިޔާކަށް. ބުނެވެސް ނުލާ..." މިންހާ އަނެއްކާވެސް ބުނެލިއެވެ. "އެކަމަކު މިންނުއަށް ކިހިނެއް އެނގުނީ؟" ޔޫލިންއަށް ސުވާލުކޮށްލެވުނެވެ. އޭރު މިންހާގެ މޫނުމައްޗަށް އަރާފައިވާ ކުލަވަރުތައް މާނަ ކުރާކަށް އޭނާއަކަށް ނޭނގުނެވެ. އެ މޫނުމައްޗަކުން އުފާވެރިއަސަރުތަކެއް ނުފެނެއެވެ. ހަމަ އެއާއެކު އެ މޫނު މަތިން ރުޅިވެރިކަމުގެ އަސަރުތަކެއްވެސް ނުފެނެއެވެ. "ރޭގަ ހުރިހާކަމެއް ވެސް ފެނުނޭ. އަހަންނަށް ޔަޤީން ތި ދެމީހުންގެ ދެމެދު ގުޅުމެއް ނުވާނަމަ އެހެން ނޫޅޭނެދޯ..." މިންހާ ބުނެލިއެވެ. "އެ ވާހަކަ ދޯ..." "ކިޔައިދީބަލަ ދެން. އޭނަގެ ޖީ.އެފް އެއް ހުންނައިރު ކީއްވެ ލީން އޭނައާ އެފަދަ ގުޅުމެއް ބާއްވަނީ؟" މިންހާ ސުވާލުކޮށްލިއެވެ. "މިންނު. އޭނަ ޖީއެފް އާ ބްރޭކްއަޕްއޭ... ކުއްޖަކާ ރައްޓެހިވެގެން އުޅޭނަމަ އަހަންނެއްވެސް އެގޮތަކަށް ކަންތަކެއް ނުުކުރާނެ ދޯ!" މިންހާ އެދުމުން އެގުޅުން ފެށުނުގޮތާ އޭނާއާ އައިހަމްއާ މެދު ދެކެވުނު ބައެއް ވާހަކަތައް ޔޫލިން މިންހާއަށް ކިޔައިދިނެވެ. ޔޫލިން ވާހަކަތައް ކިޔައިދެމުން ދިޔަވަރަަކަށް މިންހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުންދިޔައެވެ. އޭނާގެ މޫނުމައްޗަށް ލާނެތްކަމުގެ އަސަރުތައް ވެރިވަމުންދިޔައެވެ. ދެން ކީއްވެ އަހަންނަށް ނޭނގީ... އަހަރެން މީ މިހާރު ލީންގެ ބެސްޓީއެއް ނޫން ދޯ..." ތުންކޮޅު އޫކޮށްލަމުން މިންހާ ބުނެލިއެވެ. އޭނާގެ އަޑާއި މޫނުމަތީގައިވަނީ ޝަކުވާގެ އަސަރުތަކެވެ. "މިންނުގެ ލައިފްގަވެސް ބައިވަރުކަންތައްތައް ހިނގައިފި ދޯ. ތިހާ ދެރަވެފަ ހުއްޓާ އަހަންނަށް ކިހިނެެއް އަހަރެންގެ އުފާވެރިކަން މިންނު އާ ހިއްސާކުރަން ކެރޭނީ... ރަނގަޅުވަގުތަކުން ބުނަން އަހަރެން މަޑުކުރީ. މި ބުނީ ކަންތައްތައް ހަމައަކަށް އެޅުނީމަ..." ޔޫލިން ބުނެލިއެވެ. "އަހަރެން އޯކޭއޭ މިހާރު. ދެން ހެދޭނެ އިތުރު ގޮތެއް ނޯންނާނެ ދޯ. އޭނައާ ކައިވެނި ކުރުމެއްނު އޮންނާނީ..." މިންހާގެ އަޑަށް މާޔޫސްކަން ވެރިވިއެވެ. "ހޭ. ހުރިހާކަމެއް ވެސް ރަނގަޅުވާނެ. މާ ބޮޑަށް ކަންތައްތަކާ ނުވިސްނާ. ވެދާނެ ހަމަ ޝިޒާންއާ ކައިވެނި ކުރުމަކީ މިންނުއަށް ވެސް ލިބޭ ނަސީބަކަށް... ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ ބުނެއެއްނު. އެހެންވީމަ ގޯސްކޮށް ނުވިސްނާ. " ޔޫލިން މިންހާއަށް ވިސްނައިދިނެވެ. މިންހާ ފުންނޭވާއެއް ދޫކޮށްލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ. ***** މިންހާއާ ޝިޒާންއާ ދެމީހުންގެ ކައިވެނި ކުރެވޭ ދުވަސް އައިސް ޖެހުނުއިރު އަނެއްކާ ވެސް ހަނީފް ކޮންމެވެސް ވަރަކަށް ބަލިވިއެވެ. އެޑްމިޓްކުރާ ވަރު ނުވާތީ ގެއަށް ދޫކޮށްލެވުނު ނަމަވެސް އޭނާގެ ހަށިގަނޑު ވަރަށް ބަލިކައްޓެވެ. މިންހާ އިނީ ކޮޓަރީގައެވެ. އެކަނި މާ އެކަންޏެވެ. ގޭތެރޭގައި ކޮންމެވެސް ވަރަަކަށް އާއިލާ މީހުން ޙަރަކާތްތެރިވާ އަޑު އޭރުވެސް އިވިއިވި ހުއްޓެވެ. ކަންފަތުގައި ދަތް އަޅާލައިގެން އެނދުގައި ލެނގިލައިގެން ޓައިލްސްތަކު މަތީގައި އިން މިންހާއަށް ރޮވެމުންދިޔައެވެ. އޭނާ ރޭގައި ކައިވެނި ކުރާ ވާހަކަ އާހިލްއަށް ގުޅާފައި ބުނިފަހުން އާހިލް ފޯނެއް ނުނަގައެވެ. އަޑު ބޭރުވެދާނެތީ އޭނާ އަނގަމަތީގައި އަތް އަޅާލައިގެން އިނެވެ. ޔޫލިން ދިޔައީ އޭނާގެ ލުއިލުއި މޭކަޕެއް ކޮށްދީފައިކަމަށް ވިނަމަވެސް ރުއިމުގެ ސަބަބުން އޭނާގެ މޫނުމަތި ވެސް ވަނީ އެކީ ހަޑިވެފައެވެ. ކައިވެނީގެ ދުވަހަށޭ ކިޔާފައި އޭނާ ވަކި ޚާއްސަ ހެދުމެއް ވެސް ނުފަހައެވެ. ޝިޒާން އޭނާއަށް ހަދިޔާއަކަށް އެރޭ ލާން ހެދުމެއް ގެނެސްދީފައި ވީނަމަވެސް، އޭނާ ކޮންމެހެން އެ ހެދުން ލާކަށްވެސް ބޭނުމެއް ނުވިއެވެ. އޭނާގެ އުފާވެރިކަން އަމިއްލަ އަތުން ނުގުޅައިގަނެފައި ޝިޒާންއަށް އޭނާއަށް ހޯދައިދެވޭނެ އެއްވެސް އުފަލެއް ނޯންނާނެއެވެ. އޭނާގެ ލޮލުން އެ އޮހޮރޭ ކަރުނައިގެ އަސްލަކީ ޝިޒާންއެެވެ. އޭނާ ދުވަހަކުވެސް ޝިޒާންއަށް މާފެއް ނުކުރާނެއެވެ. މިންހާ އަނެއްކާވެސް އާހިލްއަށް ގުޅައިލިއެވެ. އެތައް ފަހަރަކު ގުޅިފަހުން އާހިލް ފޯނު ނެގިނަމަވެސް އާހިލް ވާހަކައެއް ނުދައްކައެވެ. އެކަމުން މިންހާއަށް ލިބުނު ހިތްދަތިކަން އިތުރުވެގެން ދިޔައެވެ. އޭނާއަށް ރޮވޭ ވަރުން ވާހަކަ ދައްކަން އުނދަގޫ ވިނަމަވެސް ގިސްލަމުން ވެސް އާހިލްއާ ވާހަކަ ދައްކަން ފެށިއެވެ. "އާހިލް... ޕްލީޒް. އަހަރެން ދޫކޮށްނުލާ... އަހަރެން... އަހަރެން އޭނަ ކައިރިން ވަރިވެގެން ވެސް އާހިލް ކައިރިއަށް ދާނަން." މިންހާ އެއީ އޭނާގެ ބައްޕަގެ ފަހުގެ ނިންމުންކަމަށާއި އެ ކައިވެނިނުކޮށް ވާން ނެތްކަމަށް އާހިލްއަށް ކިޔައިދިނީ ރޮމުންނެވެ. އެހެންނަމަވެސް އޭނާ ވަރިވެގެން ވެސް އާހިލް ކައިރިއަށް ދާނެކަމުގައި މިންހާ ބުންޏެވެ. "އާހިލް. ޕްލީޒް. އަހަންނާ ވާހަކަ ދައްކަބަލަ! އާހިލްވެސް ތިހެން ކަންތައް ކުރީމަ ދެން އަހަންނަށް ވާނީ ކިހިނެއް؟" މިންހާ އަށް ބުނެވުނެވެ. "މިންނު ތިއުޅެނީ ކައިވެނި ކުރާކަށްނު. ދެން މިންނު ވާނީ އެހެންމީހެއްގެ އަންބަކަށް. އަހަރެން..." އާހިލް އެ ހިސާބަށް ބުނެފައި ވާހަކަ ހުއްޓައިލިއެވެ. "އެކަމަކު އަހަރެން މިބުނީނު އަހަރެން ވަރިވެގެން އާހިލް ކައިރިއަށް ދާނަމޭ. އަހަންނަށް އާހިލްއާ ނުލާ ނޫޅެވޭނެ. މި ކައިވެނި ވާނީ ވަގުތީ ކައިވެންޏަކަށް. އަަހަރެން އާހިލް ނޫން މީހެއްދެކެ ލޯތްބެއް ނުވާނަމޭ..." މިންހާއަށް އަދިވެސް ގިސްލެވެނީއެވެ. އާހިލްއަށް ވެސް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނީ ކަންނޭނގެއެވެ. އޭނާ ޚިޔާރުކުރީ ހިމޭންކަމެވެ. ފޯނުން އާހިލްއަށް ކޮންމެވެސް މީހަކު ގޮވައިލި އަޑު އިވުމާއެކު، އޭނާ ދާން ޖެހިއްޖެކަމުގައި ބުނެ އާހިލް ފޯނު ކަނޑައިލިއެވެ. އެއާއެކު މިންހާގެ ރުއިމުގެ އަޑު ބާރުވެގެން ދިޔައެވެ. އޭނާ އެހެން އިންދާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލާފައި މީހަކު ދޮރުގެ ތަޅު އަނބުރައިލިއެވެ. އެއާއެކު މިންހާ އެނދުމައްޗަށް ފޯނު އެއްލައިލަމުން، ތެދުވެލިއެވެ. ލާފައިހުރި ހެދުމުގެ ފަސްބަޔަށް ދަމައިލަމުން އޭނާ ކާކުހޭ އަހައިލަމުން މޫނުމަތި ފުހެލިއެވެ. އެއަށްފަހު، ތެދުވެލިއެވެ. "އަހަންނޭ މީ. ލީން! ހުޅުވަބަލަ!" އިވުނީ ޔޫލިންގެ އަޑެވެ. މިންހާ ދެލޯ މަތި އަނެއްކާވެސް ފުހެލިއެވެ. އަދި ގޮސް ކުޑަކުޑަކޮށް ދޮރު ހުޅުވައިލިއެވެ. އެއާއެކު ޔޫލިން އެތެރެއަށް ދެމިގަތެވެ. "ސުބްޙާނަ ﷲ. މިންނޫ. މޫނަށް ކިހިނެއް ހަދާފަ ތިހުރީ؟" މިންހާގެ މޫނަށް ބަލައިލަމުން ޔޫލިން ބުނެލިއެވެ. މިންހާ އިތުރު އެއްޗެއް ނުބުނެ އިސްޖަހައިލިއެވެ. "އަހަރެން ބޭނުންވަނީ ފިލަން..." މިންހާ ކުއްލިއަކަށް ބުނެލިއެވެ. "އޭތް. މިންނޫ. ހަމަޖެހިބަލަ! މިހިސާބަށް އައިސް ތިހެން ހެދީމަ ބައްޕައަށް ވާނީ ކިހިނެއްތަ؟ ވިސްނާލަބަލަ!" ޔޫލިން މިންހާއަށް ވިސްނައިދޭން އެތަކެއް ވާހަކަތަކެއް ދެއްކިއެވެ. "ހިނގާ މޫނުރީތިކުރަން. ދޭ ދޮވެގެން އަންނަން..." ޔޫލިން ބުނެލިއެވެ. މިންހާ މޫނު ދޮވެގެން އައުމުން، އެނދުމަތީގައި ބައިންދާފައި މިންހާގެ މޫނު ރީތިކޮށްދޭންވެގެން، ޔޫލިން އަވަސްވެގަތެވެ. "ހޭ. ދެން ނުރޮއިބަލަ!" ފެންކަޅިވަމުންދިޔަ މިންހާގެ ދެލޮލަށް ބަލައިލަމުން، ޔޫލިން ބުނެލިއެވެ. "ދެރަވެޔޭ..." މިންހާ ބުނެލިއެވެ. "އޯކޭ ވާނެޔޭ އިރާދުކުރެއްވިއްޔާ ހުރިހާކަމެއްވެސް... ދެން ހުއްޓާލަބަ. މިހާރު ގާޒީވެސް އަންނަ ގަޑި ޖެހުނީ..." ޔޫލިން ބުނެލިއެވެ. އޭނާ މިންހާ ރީތިކޮށްގެން ނުކުތްއިރު، ހަނީފް ވެސް އެ ހިސާބާ އަރާ ހަމަވަނީއެވެ. "ދަރިފުޅާ. އަވަހަށް ދޭ އެކޮޅަށް. ބައްޕަ އަންނާނަށް ޝިޒާން ކޮބައިތޯ ބަލައިލާފަ!" ކައިވެނި ކުރަން ހަމަޖެހިފައިވާ ތަނުގައި ހުރި މޭޒު ދައްކައިލަމުން ހަނީފް ބުނެލިއެވެ. ޔޫލިން މިންހާގެ އަތުގައި ހިފައިގެން އެދިމާލަށް ހިނގައިގަތްއިރު، ހަނީފް ޝިޒާން އުޅޭ ބަޔާ ދިމާލަށް ހިނގައިގަތެވެ. ***** ރީތިވެ ނިމިގެން އަމިއްލަ މީހާގެ ސޫރައަށް ޝިޒާން ބަލައިލިއެވެ. އޭނާ މިންހާއަށް ދިން ހެދުން މިންހާ ނުލާނެކަންވެސް އޭނާއަށް އެނގޭކަހަލައެވެ. ޝިޒާން ލާފައިހުރީ ހުދުކުލައިގެ އަތްދިގު ގަމީހެކެވެެ. އުޅަބޮއްޓާ ހިސާބަށް އަތް ކުރި އޮޅާލާފައިވުމުން އޭނާގެ އެ ބާރުގަދަ މުލައްދަނޑި އޮތީ ހާމައަށެވެ. ގަޑި އަޅައިލަމުން ފޯނަށް ބަލައިލި ޝިޒާން ފުންނޭވާއެއް ދޫކޮށްލިއެވެ. ގަޑި ކުޑަތަން ވެފައި ހުރުމުން އޭނާ ނުކުންނަން ހިނގައިގަތް، ވަގުތު ކޮންމެވެސް މީހަކު ދޮރުގައި ޓަކި ދިނެވެ. ހުޅުވައިލިއިރު، ދޮރުމަތީގައި ހުރި ހަނީފް ފެނި ޝިޒާން ހިނިތުންވެލިއެވެ. "ގާޒީވެސް އަންނަ ގަޑި ޖެހެނީ. ހިނގާ ދަމާ..." އަށެއް ޖަހަން އޭރު ހުރީ ގައިގަނޑަކަށް ފަނަރަ މިނެޓަށް ވެފައެވެ. "ޝިޒާންގެ އާއިލާއަށްވެސް އާދެވޭނެނަމަ ކިހާ ރަނގަޅު ދޯ..." ހަނީފް ބުނެލިއެވެ. ޝިޒާން ވަނީ އޭނާގެ އާއިލާ ރާއްޖޭން ބޭރުގައި އުޅޭތީ ކައިވެންޏަށް ނާދެވޭނެ ވާހަކަ ހަނީފް ގާތުގައި ބުނެފައެވެ. ދެމީހުން އެކުގައި ގޮސް ގޭތެރެއަށް ވަތްއިރު ޒުބައިދާގެ އާއިލާގެ މީހުންނާ ޔޫލިންގެ އާއިލާގެ މީހުންވެސް އުޅެއެވެ. އެފަރާތެއްގައި މަޑުކޮށްލައިގެން ރަފްހާން ހުރިއިރު އެ މޫނުމަތީގައިވަނީ މާޔޫސްކަމެވެ. ޝިޒާން ކައިރިއަށް ޖެހިލާފައި އެއްޗެއް ބުނުމުންވެސް އޭނާއަށް ހިނިތުންވެލާކަށް ވެސް ނޭނގުނެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ ޚިޔާލުތަކަކަށް ގެއްލި ހުސްވެފައެވެ. ނޫނީ ޝިޒާންއާއި މެދު ޝަކުވާ އުފެދިފައެވެ. ބަރާބަރު އަށެއްޖެހިއިރު ގާޒީ ހުރީ އެގޭގައެވެ. ކައިވެނީގެ ރަސްމިއްޔާތު ފެށިގެން ކުރިއަށް ދިޔައެވެ. ވަލީ ދިނީ ހަނީފްއެވެ. މިންހާގެ ހިތް ބާރަށް ރޮމުންދިޔައިރު، އޭނާ އިނީ އެއް އަތުން އަނެއް އަތުގައި ބާރަށް ހިފައްޓައިލައިގެންނެވެ. ހިތާ ދެކޮޅަށް އޭނާ އެ ނިންމުން ނިންމީ ހަމައެކަނި ބައްޕަގެ ޙައްޤުގައެވެ. ބައްޕައަށް ބަލައިލިއިރު އެ މޫނުމަތީގައިވި ހިނިތުންވުން ފެނި މިންހާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ބޮލުގެ އިސްތަށިގަނޑު ނިވާވާ ގޮތަށް އަޅާފައިވާ ޝޯލް ރަނގަޅުކޮށްލަމުން ޝިޒާންއަށް ބަލައިލާފައި، އޭނާ އަވަސް އަވަހަށް އެ ނަޒަރު ވަކިކޮށްލީ އޭރުވެސް ޝިޒާން އޭނާއާ ދިމާލަށް ބަލަހައްޓައިގެން އިނީތީއެވެ. މިންހާ އިސްޖަހައިލިއެވެ. އެ ހިތް ދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ. ޝިޒާންވެސް އިރުއިރުކޮޅަކާ މިންހާއަށް ބަލައިލިއެވެ. މިންހާގެ ރަތްވެފައިވާ ދެލޮލާ އެ މޫނުމަތީގައިވި އަސަރުތައް ޝިޒާންއަށް އެތަކެއް ވާހަކަތަކެއް ކިޔައިދެމުން ދިޔައެވެ. ގާޒީ އަނބިގަބޫލުކޮށްފިންތޯ އަހައިިލި ވަގުތު، ޝިޒާންއަށް އަނެއްކާވެސް ބަލައިލެވުނީ މިންހާއަށެވެ. "އަނބި ގަބޫލުކޮށްފިން." (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ