އަދުގެ ތާރީހަކީ 10 ނޮވެމްބަރު 2015، އަންގާރަ ދުވަހެވެ. ތާރީހުން 10 ނޮވެމްބަރަށް ނަޒަރު ހިންގާލާއިރު ސިޔާސީ ގޮތުން މި ތާރީހަކީ ބޮޑެތި ކަންތައްތަކެއް ހިނގާފައި ވާ އަދި ދިވެހި މި ފަސްގަނޑުގައި ހިތާމަވެރި އެތައް ހާދިސާއެއްވެސް ހިނގައި ދިވެހި އެތައް ދަރީންނެއްގެ ފުރާނަ ގެއްލިފައިވާ ތާރީހެއް ކަން ފާހަގަ ކޮށްލެވެ އެވެ.
ސިޔާސީ ކަންކަމަށް ނަޒަރު ހިންގާލާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މީގެ ހަތް އަހަރު ކުރިން 10 ނޮވެމްބަރު 2008 ވަނަ އަހަރު އޭރުގެ ރައީސް ކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވުމަށްފަހު ދެއްވި ތަގުރީރެވެ.
އެ ތަގުރީރުގައި ރައީސް މައުމޫން ވިދާޅުވީ ރައީސް ކަމުގައި ހުންނަވައިގެން ކަނޑައެޅުއްވި ސިޔާސަތަކުން، ނިންމުމަކުން ނުވަތަ ބަލަންވީ ވަރަށް ނުބެލިގެން އެއްވެސް ރައްޔިތަކަށް ދެރައެއް ނުވަތަ ހިތްދަތިކަމެއް ނުވަތަ ވޭނެއް ނުހައްގުން ތަހަންމަލުކުރަން ޖެހިފައިވާ ނަމަ އެކަމަށް ދީލަތި މާފަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
“މިކަންކަން މިހެން ކުރުމަށް ކިތަންމެ ބޮޑަކަށް މަސައްކަތް ކުރި ނަމަވެސް އަޅުގަނޑު ކަނޑައެޅި ސިޔާސަތަކުން، އަޅުގަނޑު ނިންމި ނިންމުމަކުން، ނުވަތަ ބަލަންވީ ވަރަށް އަޅުގަނޑަށް ނުބެލިގެން އެއްވެސް ދިވެހި ރައްޔިތަކަށް ދެރައެއް، ހިތްދަތިކަމެއް، ވޭނެއް ނުހައްގު ގޮތުގައި ތަހަންމަލު ކުރައްވަން ޖެހިވަޑައިގެންފައިވާ ނަމަ އެކަމަށް ޓަކައި އަޅުގަނޑު ހިތާމަކުރަން. އަދި އެފަދަ ކަމެއް އެއްވެސް ރައްޔިތަކަށް ދިމާވެފައިވާ ނަމަ ދިމާވި ރައްޔިތެއްގެ އަރިހުން އަޅުގަނޑު ދީލަތި މައާފަކަށް އެދެން،” ރައީސް މައުމޫންގެ ވަދާއީ ތަގުރީރުގައި ވިދާޅުވި އެވެ.
ތާރީހުން މިއަދަށް ނަޒަރު ހިންގާލާއިރު ފާހަގަ ކޮށްލެވޭ ދެވަނަ ކަމަކީ 10 ނޮވެމްބަރު މި ތާރީހުގައި ރާއްޖޭގައި ހިތާމަވެރި ހާދިސާތައް ހިނގައި ދިވެހި ފުރާނަތަކެއް ގެއްލިފައި ވުމެވެ. އެންމެ ހާދިސާއެއް ދެ ހާދިސާއެއް ނޫނެވެ. ތަފާތު އެކި އަހަރުތަކުގައި 10 ނޮވެމްބަރު މި ތާރީހުގައި ތަފާތު ފަސް ހާދިސާއެއްގައި ހަ މީހަކު ނިޔާވެފައި ވެ އެވެ.
މީގެ 10 އަހަރު ކުރިން މިއަދު 10 ނޮވެމްބަރު 2005 ގައި އައްޑޫ ލިންކް ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކު ނިޔާވި އެވެ. ނުވަ އަހަރު ކުރިން 10 ނޮވެމްބަރު 2006ގައި ފުވައްމުލަކުގައި ނުވަ އަހަރުގެ ކުއްޖަކު މޫދަށް ގެނބިގެން ނިޔާވި އެވެ. މީގެ އަށް އަހަރު ކުރިން 2007 ވަނަ އަހަރު ރ އުނގޫރާއި ދުވާފަރު ފަޅުތެރޭގައި ނިޔާވެފައި އޮތް ދެމީހަކު ފެނުނެވެ. އެކަކީ 70 އަހަރުގެ މީހެކެވެ. އަނެކަކީ 44 އަހަރުގެ މީހެކެވެ. މީގެ ހަތް އަހަރު ކުރިން 10 ނޮވެމްބަރު 2008ގައި ސ ގަމުން ފުރައިގެން މާލެ ދަތުރުކުރި ފްލައިޓެއްގެ ތެރޭގައި ކުއްލި ގޮތަކަށް އަންހެނަކު ނިޔާވި އެވެ. އަދި މީގެ އިތުރުން މީގެ ހަތަރު އަހަރު ކުރިން 10 ނޮވެމްބަރު 2011 ގައި އައްޑޫ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެފައި ވެ އެވެ.
ތާރީހުން 10 ނޮވެމްބަރުގައި ހިނގާފައިވާ އިތުރު ކަންކަމަށް ނަޒަރު ހިންގާލާއިރު މީގެ 13 އަހަރު ކުރިން 10 ނޮވެމްބަރު 2002 ގައި މަސްތުވާ ތަކެތި އަތުލައިގަތުމަށްގެނެސްފައިވާ ކުއްތާ ބޭނުންކުރަން ފެށި ފަހުންމިހާތަނަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓުންމަސްތުވާ ތަކެތި ފެނިފައި ނުވާ ކަމުގައި ފުލުސްއޮފީހުން ހާމަކުރި އެވެ. އެ ކުއްތާތަށް ރާއްޖެ ގެނައީ އެ އަހަރުގެ އޮކްޓޯބަރު ހަވަނަ ދުވަހު އެވެ. ކުއްތާތަށް ބޭނުންކުރަން ފެށީ ގެނައި ތާރީހުން ފެށިގެން ހަފްތާއެއް ފަހުންނެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެ ކުއްތާތަކަކީ ރަނގަޅަށް ތަމްރީނުކޮށްފައިނުވާ ކުއްތާތަކެކެވެ. އެ ކުއްތާތަށް އަނބުރާ ލަންކާއަށް ފޮނުވާލީ ރަނގަޅަށް ތަމްރީނު ނުކޮށްތިބި ކުއްތާތަކެއްކަން އެނގުމުން ކަމަށް ބުނެ އެވެ.
މުނިފޫހިފިލުވުމުގެ ދާއިރާއިން ތާރީހަށް ބަލާލާއިރުވެސް ތަފާތު ކަމެއް ފާހަގަކުރެވެ އެވެ. އެގޮތުން މީގެ 13 އަހަރު ކުރިން 10 ނޮވެމްބަރު 2002 ގައި، ހުކުމް ތަންފީޒު ކުރުމަށްފަހު ދިވެހި މަޝްހޫރު ދެ ތަރިން ކަމުގައިވާ ނިއުމާ މުހައްމަދު އާއި އަލީ ސީޒަން އަލުން ފިލްމީ ދާއިރާއަށް ނިކުތްކަން އިއުލާނު ކުރި އެވެ. މި ދެމީހުންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ބަދު އަހުލާގީ އަމަލު ހިންގި މައްސަލައެއްގަ އެވެ.
ތާރީހުން އިތުރު ބައެއް ކަންކަމަށް ބަލާލާއިރު މީގެ 12 އަހަރު ކުރިން 10 ނޮވެމްބަރު 2003 ގައި އެސްޓީއޯއިން ފިޔާ އަދި އަލުވި ކިލޯއެއްގެ އަގު ފަސް ރުފިޔާއަށް ހެޔޮ ކުރި އެވެ. މިހާރު ބާޒާރުން ފިޔާ އަދި އަލުވި ކިލޯއެއް ލިބެނީ 22 ރުފިޔާ އަށެވެ. އިތުރު ކަމަކަށް ބަލާލާއިރު މީގެ 11 އަހަރު ކުރިން 10 ނޮވެމްބަރު 2004 ގައި ރާއްޖޭގައި މޯބައިލް ފޯނުގެ ހިދުމަތްދޭނެ ދެވަނަ ފަރާތަކީ ވަތަނިއްޔާކަން ޓެލެކޮމް އިން އިއުލާނުކުރި އެވެ. އޭރެގެ ހަބަރުތަކަށް ބަލާއިރު ވަތަނިއްޔާއަކީ ކޮން ގައުމެއްގެ ކުންފުންޏެއް ކަންވެސް ދިވެހިންނަކަށް ނޭނގެ އެވެ.
މީގެ އިތުރުން މުލިއާގޭ ލޯންޗު ސެކްޝަން އެމްއެންޑީއެފާ ހަވާލު ކުރެވުނީ މީގެ ފަސް އަހަރު ކުރިން 10 ނޮވެމްބަރު 2010 ވަނަ އަހަރުގަ އެވެ. ނައިބުރައީސް ކަމުން ވަހީދުއްދީން އިސްތިއުފާ ދެއްވީ މީގެ ދެ އަހަރު ކުރިން 10 ނޮވެމްބަރު 2013 ގަ އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ކެނޑިޑޭޓް އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވަން މިހާރުގެ ހޯމް މިނިސްޓަރު ނިންމެވީވެސް މީގެ ދެ އަހަރު ކުރިން 10 ނޮވެމްބަރު 2013 ގަ އެވެ. އުމަރު ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ތާއީދު ކުރައްވަން ނިންމެވީ ރައީސް ނަޝީދުގެ ލާދީނީ ކަންތައްތަކުން ގައުމު ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ ޕީޕީއެމާއެކު މަސައްކަތް ކުރުން ކަމުގައިވާތީ ކަމަށެވެ.
ދުވަހުގެ ހެޔޮ އެދުމާއި ދުއާއަކީ މި ތާރީހް، 10 ނޮވެމްބަރު 2015 އަކީ އެންމެހާ ދިވެހިންނަށް އުފާވެރި، ފާގަތި ދުވަހެއް ކަމުގައި ލެއްވުމެވެ.
ތާރީހުން މިއަދުގެ މަސްދަރު : ހަވީރު އޮންލައިން ، ސަން އޮންލައިން
ތާރީހުން މިއަދު: ރައީސް މައުމޫން ވަދާއީ ތަގްރީރުގައި ރައްޔިތުން ކުރެން މައާފަށް އެދިވަޑައިގެންނެވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ