ގައިދީގެ މަރު ތަހުގީގު ކުރުމަށް މެމްބަރު އަބްދުﷲ އަހުމަދު ގޮވާލައްވައިފި

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ރޭ މަރުވި ގައިދީގެ މަރު ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ގޮވާލައްވައިފިއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ރޭ މަރުވީ ގދ.ތިނަދޫ، ސިލްވަރ، ހަމްޒަތު އަހުމަދެވެ.
ހަމްޒަތުގެ މަރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނަ މަރުވެފައިވާ ގޮތް ބަލަންޖެހޭ ކަމަށެވެ.
އަދި އެޗުއާރުސީއެމާއި ޕޮލިސް ސާވިސް ޓެގު ކުރައްވައި އަބްދުﷲ ވަނީ ހަމްޒަތުގެ މަރުގެ ތަހުގީގު ހިންގުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.
38 އަހަރުގެ ހަމްޒަތު މަރުވީ ސްޓްރޯކެއް ޖެހިގެން އޭޑީކޭގައި ފަރުވާދެމުން ދަނިކޮށެވެ. ބުދަ ދުވަހު ހަވީރު އޭނައަށް ސްޓްރޯކް ޖެހުމުން މާލެ ގެނެސް ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. ފަހުން އޭޑީކޭއަށް ބަދަލުކުރީ އާއިލާއިން އެދިގެން ކަމަށް ވެއެވެ.
ހަމްޒަތުގެ އާއިލާއިން ބުނީ ސްޓްރޯކް ޖެހުމުން ފުރަތަމަ ދެއްކީ މާފުށީ ޖަލުގެ ޑޮކްޓަރަށް ކަމަށާއި ހާލު ބޮޑުވުމުން އައިޖީއެމްއެޗަށް ގެންދިޔައީ ފަސް ގަޑިއެއްހާއިރު ފަހުން ކަަމަށެވެ. ކަރެކްޝަނަލް ސާވިސްއިން ހަމްޒަތަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށާއި ގަސްދުގައި މަރާލީ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.
ކަރެކްޝަނަސަލް ސާވިސްއިން ބުނީ އެއްވެސް ގައިދީއަކާމެދު އެ މުއައްސަސާއިން އިހުމާލުނުވާނެ ކަމަށާއި ފަރުވާ ދިނުމަށް އެއްވެސް އިރެއްގައި ދެކޮޅު ހަދާފައިނުވާނެ ކަމަށެވެ.
މިކަމާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަމްޒަތަކީ އޭނާއާއެކު ކުލަބް ވެލެންސިއާގައި ފުޓްބޯޅަ ކުޅުނު ކުޅުންތެރިއެއް ކަމަށެވެ.
މަހުލޫފް ވަނީ މައްސަލައަކަށް ވާނީ ޖަލުގައި ކިތައް މީހުން މަރުވުމުންތޯ ސުވާލުކުރައްވާފައެވެ. އަދި ވިދާޅުވީ ޖަލުގައި މީހުން މަރުވާ ވާހަކަ ދެއްކުމުން އަދިވެސް މަސައްކަތް ކުރަނީ އޭނާއަށް ހުކުމްކުުރުމަަށް ކަމަށެވެ.
މިފަހަކަށް އައިސް ޖަލުގައި ގިނަ ބަޔަކު ދަނީ މަރުވަމުންނެވެ. މި މަރުތަކުގައި އިހުމާލުވުން ހިމެނޭ ކަމަށް އާއިލާތަކުން ދަނީ ތުހުމަތުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ