ސްކޫލް ގަޑިތަކަށް ބައެއް މަގުތައް ބަންދުކުރަނީ

ޓްރެފިކް ކާރޫބާރު ބޮޑު ސަރަހައްދުތަކުގައި ހުރި ސްކޫލްތަކުގެ ކިޔެވުން ފެށޭ ގަޑިއާއި ނިމޭ ގަޑިއާ ދިމާކޮށް، ބައެއް މަގުތައް ބަންދުކުރާގޮތަށް ހަމަޖައްސަވާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރައްވައިފިއެވެ. 
ފުލުހުން ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓެވުމަށް ޚާއްސަ މަސައްކަތްތަކެއް ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ފަށްޓަވާފައިވާކަމަށެވެ. އަދި މާލޭގެ ސްކޫލްތަކުގެ ތެރެއިން ޓްރެފިކް ކާރޫބާރު ބޮޑު ސަރަހައްދުތައް ފާހަގަކޮށް، އެސަރަހައްދުތަކުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑިއާ ދިމާކޮށް، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭނެ ގޮތަށް ބައެއް މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. 
މީގެ އިތުރުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގެ ޓްރެފިކް ޚާއްސަ ގޮތެއްގައި ބެލެހެއްޓުމުގައި ޓްރެފިކް ފުލުހުންވެސް ހަރަކާތްތެރިވަމުންދާނޭކަމަށް ފުލުހުން ވިދާޅުވެއެވެ. 
މީގެ އިތުރުން މަގުތައް ބޭނުންކުރާ ފަރާތްތަކުން ސްކޫލް ހިމެނޭ ސަރަހައްދުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި ޚާއްސަ ގޮތެއްގައި އެއްގަމު އުޅަނދުތަކުގައި ސްކޫލަށް ވަޑައިގަންނަވާ ބޭފުޅުން އުޅަނދުތައް ތަރުތީބުން ޕާކް ކުރުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދުތަކާއި އެއްގޮތަށް މަގުތައް ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް ޢަމަލުތައް ބެހެއްޓުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ