ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މައުމޫން މާލެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭ މާލެ ވަޑައިގެންފިއެވެ.
ރައީސް މައުމޫން މާލެ ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުންނާއި ކައުންސިލް މެންބަރުންގެ އިތުރުން ބައެއް އާންމު މެންބަރުންނެވެ.
ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގެންފައިވަނީ މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހުއެވެ.
އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން، ‏ސިންގަޕޫރުގެ ‏‏ކުރީގެ ބޮޑުވަޒީރު، ލީ ކުއަން ޔޫއަށް އެންމެފަހުގެ އިޙްތިރާމް އަދާ ކުރެއްވުމަށެވެ.
އެގޮތުން އެމަނިކުފާނު ވަނީ ޕާލަމަންޓް ހައުސްއަށް ވަޑައިގެން، ‏ބޮޑުވަޒީރު ލީ ކުއަން ޔޫ‏ އަވަހާރަވުމާ ގުޅިގެން ހުޅުއްވާފައިވާ ‏‏ތަޢުޒިޔާގެ ދަފުތަރުގައި ސޮއިކުރައްވާފައެވެ.
ތަޢުޒިޔާގެ ދަފްތަރުގައި އެމަނިކުފާނު ލިޔުއްވި ބަޔާނުގައި ‏‏ސިންގަޕޫރުގެ ސަރުކާރަށާއި، ބޮޑުވަޒީރު ލީ ކުއަން ޔޫގެ ޢާއިލާއަށާއި، ސިންގަޕޫރުގެ ‏‏‏ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައިވެއެވެ. މީގެއިތުރަށް، ބޮޑުވަޒީރު ލީ ‏‏ކުއަން ޔޫއަކީ، ސިންގަޕޫރަށް ޒަމާނީ ތަރައްޤީ ގެންނެވުމުގެ ވަރުގަދަ ޢަޒުމުގައި ‏‏މަސައްކަތްކުރެއްވި، އަދި އެމަސައްކަތް ވަރަށް ފުރިހަމައަށް ކާމިޔާބު ކުރެއްވި ބޭފުޅެއްކަމުގައި ‏‏ލިޔުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ