ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ބަލި ގަބޫލުކުރައްވައިފި: ދާންދޫ ރިޔާޒް

އެމްޑީޕީއާއި ވާދަވެރި ޕީޕީއެމްގެ ރާގު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށާއި މިހާރު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ބަލި ގަބޫލުކުރައްވައިފިކަމަށް ދާންދޫ ދާއިރާގެ މެންބަރު މުހަންމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
ގަލޮޅު ކަންމަތީގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕް މެންބަރު މުހަންމަދު ރިޔާޒް ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީން ނިންމާނީ ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްގެ ކެންޑިޑޭޓުން ހީނުކުރާފަދަ ތަފާތު ބޮޑު ނަތީޖާއަކުން ކަމަށެވެ. އަދި މިހާރު އެބޭފުޅުން ހައްދަވާފައިވާ ޕޯލްތަކުންވެސް ރައީސް ނަޝީދު އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަން ކަށަވަރު ވެފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަބްދުﷲ ޔާމީގެ ހުރިހާ ޕޯލްތަކުން އަބްދުﷲ ޔާމީން ބަލި ގަބޫލުކޮށްފި. ދަންނަވަންތޯ ވަރަށް ފަހުން ޕީޕީއެމްއިން ނެގި ޕޯލްގައި އެބޭފުޅުންނަށް ގުޅުނީ ހަތަރު ސަތޭކަ މީހުންނަށް، އޭގެތެރެއިން ދުވިސައްތަ ފަންސާސް މީހުން ބުނީ އެމްޑީޕީއަށް ރައީސް ނަޝީދަށޭ ވޯޓް ދޭނީ. ޔާމީންއަށް ވޯޓް ދޭންބުނީ ސާޅިސް މީހުން،" ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ އައްޑު އަތޮޅުގައި ސާކްސަމިޓް ބޭއްމަށާއި ފުވައްމުލަކު އެއާރޕޯޓް އަޅަން އުޅުމުން ވާދަވެރި ސިޔާސި ޕާޓީތަކުން ވަރަށް ބޮޑަށް ފާޑުކިޔައި މަލާމަތްކުރިކަމަށެވެ. "އަބްދުﷲ ޔާމިން ވިދާޅުވި ފުވައްމުލަކު އެއަރޕޯޓް އަޅާނީ ޖިންނީންހޭ" ނަމަވެސް މިއަދު ޔާމީންވެސް އެ ރަށަށް ވަޑައިގަންނަވަނީ އެ ވައިގެ ބަނދަރު މެދުވެރިކޮށް ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ސާކް ސަމިޓް އައްޑޫގައި ބާއްވާ ވާހަކަ ދައްކަނީ އެމްޑީޕީން ވޯޓް ހޯދަންކަމަށް ބުނެ ގައުމީ ޕާޓީގެ ރައީސް ހަސަން ސައީދު ވާހަކަ ދައްކަވާފައިވާކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
"ބޭރުގެ އެހީއާއި އެކީގައި ހަ މަސްދުވަސް ތެރޭގައި މުޅި ރައްޖެ ސިއްސުވާލާފަދަ، މުޅި ސައުތު އޭޝިއާގައި ނެތްވަރުގެ ސާކްސަމިޓް ސެންޓަރެއް އައްޑޫގައި ހަދާ ހުޅުވާފައި އެހެރީ. ދުނިޔޭގެ ކަންކޮޅުތަކުން ހިލޭ އެހީގެ ގޮތުގައި ފައިސާ ދިން. ގާސިމް ރައީސްއަށް ދެންނެވި ތިމަންނާ އަތުގައި އެބަހުއްޓޭ ތާރު އަޅާ މެޝިން. އެމެޝިން ހިލޭ ދީފައި، އަޅުގަނޑުމެން ވެރިކަން ބަދަލުވުމަށް ފަހު 2012 އޮގަސްޓްގައި ވަގު އިންވޮއިސް ހަދައިގެން 2.4 މިލިޔަން ރުފިޔާ ނައިގައިފި،" ރިޔާޒް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ