ސުޕްރީމް ކޯޓު ހިނގަނީ ފުލުސް ކޯޓު ހިންގި ގޮތަށް: ނަޝީދު

ރާއްޖޭގެ ސުޕްރީމް ކޯޓު މިހާރު ހިންގަމުންދަނީ 1970 ގައި ރާއްޖޭގައި ހިންގި ފުލުސް ކޯޓާ އެއް ގޮތަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓުގައި މައްޗަންގޮޅި ދެކުނު ދާއިރާގެ ގޮނޑިއަށް ކުރިމަތިލާ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ގެ ކެމްޕޭން ޖަގަހަ "ސިޔާސީ ސައްލާ" ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ 1970 ގައި ރާއްޖޭގައި ހުރި ފުލުސް ކޯޓު، ފުލުސް ކޯޓާ ސުޕްރީމް ކޯޓާ މިހާރު ނެތް ތަފާތެއް، އެ ކޯޓުގައިވެސް ދައުވާ އުފުލާ މީހާއާ ހުކުމް އިއްވާ މީހާއަކީ އެކެއް" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ފުލުސް ކޯޓު އުވާލެވުނީ އަމިއްލައަށް ދައުވާކޮށް އަމިއްލައަށް ތަހުގީގުކުރާތީ މުހައްމަދު ޝިހާބު އިންތިޚާބުވެވަޑައިގަތް ދެވަނަ މަޖިލީހުން ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ފަހަރަށް 19 ބޭފުޅުން އައްޔަން އިންތިޚާބު ކުރެވުނު ފަހަރު ކަމަށާއި އެ ކޯޓު އުވާލީ އެ މަޖިލީހުގައި ދެކެވުނު ވާހަކައާއި ކުރެވުނު ޝަކުވާގެ ސަބަބުން ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނެސް އެންމެހާ ރައްޔިތުންނަށް އިންސާފު ހޯދައިދޭ ތަނަކަށް އެ ކޯޓު ހެދުން އެއީ އެމްޑީޕީގެ އަމާޒު ކަމަށެވެ. އަދި ރާއްޖޭގެ ހާލަތު ގުޅިފައިވަނީ ސަރުކާރާ ކަމަށާއި ސުޕްރީމް ކޯޓުގައި ގިނައީ ވަކި އިލްމެއް އެ ދާއިރާއިން ނެތް ބޭފުޅުން ކަމަށް އަދި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ބޭފުޅުން ގާނޫނީ އުސޫލްތައް ރަނގަޅަށް ދެނެވަޑައިގަންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އަދި މިހާރު ސުޕްރީމް ކޯޓުގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުންނަކީ ވަރަށް ހަރުކަށި އުސޫލެއްގެ ގާނޫނީ ހަމަތަކެއް ގަބޫލުކުރައްވާ ބޭފުޅުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކައިގާ ސަރުކާރުގެ ފުރަތަމަ 100 ދުވަހާމެދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ވިދާޅުވީ މިހާރު މިއޮތް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވާހަކަ ރައްޔިތުންގެ ގާތުގައި އަހާފައިވާކަމަށާއި ރައްޔިތުން ބުނާ ގޮތުން އަބްދުﷲ ޔާމީން ގެ ސަރުކާރަށް ލިބުނީ "އެފެއް" ކަމަށެވެ.
އެމްޑީޕީގެ މަޖިލިސް ކެނޑިޑޭޓް އިބްރާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި އިބްރާހިމް އިސްމާއިލް (އިބްރާ) ކޮންމެހެން ވެސް ހުންނަވަންޖެހޭ ކަމަށެވެ. އަދިއެ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުބަލިއްޔަތެއް އެމްޑީޕީ އަށް ލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ