މ. މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް އެރަށު ކައުންސިލް އިދާރާއިން ބުނެފި އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލަރު ހަސަން މަހާސިން ވިދާޅުވީ އެރަށުން ކަރަންޓް ކެނޑޭތާ ތިން މަސް ވެއްޖެ ކަމަށެެވެ. އަދި މިދިޔަ ތިން ދުވަހު ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 4:00 ޖަހަންދެން ކަރަންޓް ކެނޑޭ ކަމަަށްވެސް ވިދާޅުވި އެވެ. އަދި ރޭގަނޑުގެ ވަގުތު ތަކުގައިވެސް ތަކުރާރުކޮށް ކަރަންޓް ކެނޑެމުންދާ ކަމަށް ވިދާޅުވި އެވެ.
"މިދިޔަ ހޮނިހިރު ދުވަސް ކަރަންޓުގެ މަސައްކަތެއް ހަތްގަޑި އިރު ކަރަންޓް ކަނޑާލާފައި ހުރި. މިއީ ހަގީގަތުގައި ވަރަށް ދެރަކޮށް ވާކަމެއް،" އޭނާ ވިދާޅުވި އެވެ.
މަހާސިން ވިދާޅުވީ އެރަށު އިންޖީންގޭގައި ތިން ޖަނަރޭޓަރު ހުރި ނަމަވެސް ބޭނުންކުރަނީ ދެ ޖަނަރޭޓް ކަމަށެެވެ. ފެނަކައިން ހިންގާ އިންޖީން ގެއިން ކަރަންޓް ކަނޑާލަނީ ނޫން ކަމަށާއި ލޯޑް ބޮޑުވެގެން ކަރަންޓް ކެނޑެނީ ކަަމަށްވެސް ވިދާޅުވި އެވެ.
މަހާސިން ވިދާޅުވީ ރަށުން ކަރަންޓް ކެނޑޭތީ ރަށުގައި ހުރި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ ހިދުމަތްތައް ދޭތެރެއަކުން މެދުކެނޑި ހިދުމަތް ދިނުމަށްވެސް ބުރޫއަރާފައިވާ ކަމަށެވެ. އަދި ވިޔަފާރިވެރިންނާއި ރައްޔިތުން ގެންގުޅޭ އަގުބޮޑު އިލެކްޓްރޯނިކް ބައެއް ތަކެތި ހަލާކުވެގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މަހާސިން ވިދާޅުވީ ރަށުން ކަރަންޓް ކެނޑޭތީ ސިއްހީ މަރުކަޒުން ބަލި މީހުންނަށް ހިދުމަތް ދިނުމަށް ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެެވެ. އަދި ކަރަންޓް ކެނޑި ސިއްހީ މަރުކަޒު ތެރޭގައި އިންނަން އުދަގޫވާ ވަރަށް ތަނުގެ ތެރޭގައި ހޫނުގަދަ ވެފައިވާތީ އެރަށުގައި ހުންނަވާ ޑޮކްޓަރު ބަލި މީހުން ބަލަނީ ސިއްހީ މަރުކަޒުގެ ބޭރުގައި ހުންނަ ބޮޑު ގަހެއްގެ ހިޔަލުގައި އިންނަވައިގެން ކަމަށްވެސް ވިދާޅުވި އެވެ.
މަހާސިން ވިދާޅުވީ ކަރަންޓް ކެނޑޭ މައްސަލަ ހައްލުކޮށްދޭން ފެނަކަ އާއި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގައި ތަކުރާރުކޮށް އެދިފައިވީ ނަމަވެސް އެކަން ކޮށްދޭނެ ކަމަށް ބުނުން ފިޔަވާ އަމަލީ އެއްވެސް ކަމެއް ކުރަމުންދާ މަންޒަރު ނުފެންނަ ކަމަށެވެ.
ރަށުން ކަރަންޓް ކެނޑޭތީ އެކަމާ ރައްޔިތުން ވަރަށް ބޮޑަށް ޝަކުވާ ކުރަމުންދާ ކަަމަށްވެސް މަހާސިން ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ޝަކުވާތައް ކަމާ ގުޅޭ ފަރާތްތަކާއި ހިއްސާކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މަހާސިން އިތުރަށް ވިދާޅުވީ ފެނަކަ އިންޖީނުގެ ހުންނަނީ ރަށުގައި މީހުން އުޅޭ ސަރަހައްދުގައި ކަމަށްވާތީ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދުން ދުރަށް ބަދަލުކުރުމަށް ކޯޓުން އަމުރެއް ވެސް ނެރެފައިވާ ކަމަށެވެ. އަދި ފެނަކައިގެ އިންޖީންގެ ހިންގަން އާ އިމާރާތެއް ހަދާފައިވާ ކަމަށާއި ނަމަވެސް ކޯޓް އަމުރާ އެއްގޮތަށް އާ އިންޖީން ގެއިން އަދި ހިދުމަތް ދޭން ނުފަށާ ކަމަށްވެސް ވިދާޅުވި އެވެ.
"އާ އިންޖީންގެ ނިމިފައި ހުންނަތާ ވެސް ގާތްގަނޑަކަށް ތިން މަސް ވަރު ވެދާނެ. އެކަމަކު ހިދުމަތް ދޭން ނުފަށާ ސަބަބެއް ނޭނގޭ،" މަހާސިން ވިދާޅުވި އެވެ.
މ. މަޑުއްވަރީގެ އާބާދީއަކީ 712 މީހުންނެވެ. އެރަށުގައި ދިރިއުޅެނީ 340 މީހުންނެވެ. ރަށުގައި މީހުން ދިރިއުޅެނީ 83 ގޭގަ އެވެ.
މަޑުއްވަރީގައި އަބަދު ކަރަންޓް ކެނޑި ރައްޔިތުންނަށް އުދަގޫވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ