ޕީޕީއެމްގެ އަހަރީ ޖަލްސާ އެންދެރިމާގޭގައި ބާއްވަން ރައީސް މައުމޫން ނިންމަވައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބާއްވަން އިއުލާންކުރައްވާފައިވާ ޕީޕީއެމްގެ ފަސްވަނަ އަހަރީ ޖަލްސާ މ. އެންދެރިމާގޭގައި ބާއްވަން ރައީސް މައުމޫން ނިންމަވައިފި އެވެ.
ރައީސް މައުމޫންގެ ފަރާތްޕުޅުން މީގެ ކުޑައިރުކޮޅެއް ކުރިން މިކަން އިއުލާންކުރެއްވީ ރައީސް މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވާ ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.
ޝުޖާއު ވިދާޅުވީ ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭގައި ޕީޕީއެމްގެ ޖަލްސާ ބާއްވަން ރައީސް މައުމޫން ނިންމެވީ މިޖަލްސާ ބާއްވާނެ ތަނެއް ހަމަޖައްސައިދިނުމަށް ހައުސިން މިނިސްޓްރީގައި އެދިގެން އެއްވެސް ތަނެއް ހަމަޖައްސައިދީފައި ނުވާތީ ކަމަށެވެ.
ޕީޕީއެމްގެ ޖަލްސާ ބާއްވަން ރައީސް މައުމޫންގެ ފެކްޝަނުން ހައުސިން މިނިސްޓްރީގައި އެންމެ ފުރަތަމަ އެދުނީ ދަރުބާރުގެ ހަމަޖައްސައިދިނުމަށެވެ. ނަމަވެސް އޯލެވަލް ކުދިންގެ އިމްތިހާން ހިނގަމުންދާތީ ކަމަށް ބުނެ ދަރުބާރުގެ ދެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން މިމަހުގެ 18 ވަނަ ދުވަހު އަންގާފައިވާ ކަަމަށް ރައީސް މައުމޫންގެ ފެކްޝަނުން ބުނެ އެވެ. ދަރުބާރުގެ ދެވެން ނެތް ކަމަށް އަންގާފައިވަނީ އެތަން ލިބޭނެ ކަމަށް ކުރިން އެންގުމުން މިމަހުގެ 13 ވަނަ ދުވަހު ފައިސާ ވެސް ދައްކާފައި ވަނިކޮށެެވެ.
ދަރުބާރުގެ ލިބެން ނެތް ކަމަށް އެންގުމުން ރައީސް މައުމޫންގެ ފެކްޝަނުން އެދުނީ ކާނިވާ ސަރަހައްދު އެޕާޓީގެ ޖަލްސާ ބާއްވަން ހަމަޖައްސައިދިނުމަށެވެ. ނަމަވެސް މިސިޓީއަށް ޖަވާބު ދީފައި ނުވާ ކަމަށް ޝުޖާއު މިރޭ ވިދާޅުވި އެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ރައީސް މައުމޫން އިއުލާންކުރައްވާފައިވާ ގޮތަށް ޕީޕީއެމްގެ އާންމު ޖަލްސާ ބާއްވާނެ ކަމަށެވެ. ޖަލްސާ ބާއްވަން ސަރުކާރުން އެއްވެސް ތަނެއް ހަމަޖައްސައިދީފައި ނުވާތީ މިޖަލްސާ ބާއްވާނީ "އެންދެރިމާގޭގެ ގަރާޖުގައި" ކަމަށްވެސް ވިދާޅުވި އެވެ.
"ތިބޭފުޅުންނަށް [ނޫސްވެެރިންނަށް] ވެސް އިނގޭނެ މިދަންނަވާ އެންދެރިމާގޭގެ ގަރާޖު. އަޅުގަނޑުމެން ޕާޓީގެ ބައެއް ޖަލްސާތައް މީގެ ކުރިން ވެސް ހާއްސަކޮށް 'ޔަގީން ޓީމް'ގެ ކެމްޕޭން ޖަލްސާތައް ވެސް އަޅުގަނޑުމެން އެތަނުގައި ބޭއްވިން،" ޝުޖާއު ވިދާޅުވި އެވެ.
ޕީޕީއެމްގެ ފަސްވަަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަހުގެ 31 ވަނަ ދުވަހު އާންމު ޖަލްސާއެއް ބާއްވަން ނިންމަވާ ރައީސް މައުމޫން އެންމެ ފުރަތަމަ އެކަން އިއުލާންކުރެއްވީ ޓްވީޓާ މެދުވެރިކޮށް މިމަހުގެ 13 ވަަނަ ދުވަހު އެވެ.
"ޕީޕީއެމްގެ ފަސްވަަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިރާދަކުރެއްވިއްޔާ 31 އޮކްޓޫބަރު ވަނަ ދުވަހުގެ ރޭ އަޅުގަނޑު އާންމު ޖަލްސާއެއް ބާއްވާނަން. މިޖަލްސާއަށް ވަޑައިގެން ދެއްވުމަށް ޕީޕީއެމްގެ ލޮބުވެތި މެންބަރުންނަށް އަޅުގަނޑު ދައުވަތު އަރުވަން. އެންމެ ފުރަތަމަ ގައުމު،" ޕީޕީއެމްގެ އާންމު ޖަލްސާއާއި ގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ އާންމު ޖަލްސާއެއް ބޭއްވުމަށް ރައީސް މައުމޫންގެ ފެކްޝަނުން ތައްޔާރުވަމުން މިދަނީ ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ކޯޓު އަމުރެއް ނެރެފައިވާ ވަގުތެއްގަ އެވެ.
ސިޔާސީ ޕާޓީގެ ދަފްތަރުގައި ޕީޕީއެމް ރަޖިސްޓްރީ ކުރީ 27 އޮކްޓޫބަރު 2011 ގައެވެ. އެހެންކަމުން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމްއަށް ފަސް އަހަރު ފުރޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ