ރަސްފަންނުގައި މިނިސްޓްރީ އޮފް ހައުސިން އިން ތަރައްގީކުރަމުންގެންދާ ޖޮގިން ޓްރެކްގެ މަަސައްކަތް ނުނިމި ލަސްވަމުންދަނީ މޫސުން ތަންނުދޭތީކަމަށް އެ މަސައްކަތް ކުރަމުންދާ ވިސްޓާރިޔާ ސިންގަޕޫރު ލިމިޓެޑުން ބުނެފިއެވެ.
އެކުންފުނިން މިހެން ބުނެފައިވަނީ ޖޮގިން ޓްރެކްގެ މަސައްކަތް ނުނިމި އުޅެނިކޮށް އެތަން ހަލާކުވެފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ހަގީގަތާއި ހިލާފު ވާހަކަތަކާއި ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
ވިސްޓާރިޔާ ސިންގަޕޫރު ލިމިޓެޑުން ބުނީ ޖޮންގިން ޓްރެކްގެ މަސައްކަތަކީ ފަންނީ ދިރާސާތައް ކުރުމަށްފަހު އަދި ބަލަންޖެހޭ ހުރިހާކަމެއް ބެލުމަށްފަހު ފަށާފައިވާ މަސައްކަތެއްކަމަށާ ދުވާ ޓްރެކެއްގައި ހުންނަންޖެހޭ އެންމެ އަސާސީ މިންގަނޑުތަކަށް ފެތޭގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ދުނިޔޭގެ ފެންވަރުގައި މިފަދަ މަސައްކަތްތައް ކޮށްފައިވާގޮތުގެ މައުލޫމާތުތައްވެސް ދިރާސާކޮށްފައިވާކަމަށެވެ.
އަދި މިފަދަ މަސައްކަތެއް ރާއްޖޭގައި ކުރާއިރު، ވިސްނަންޖެހޭ ކަންތައްތަކާއި، ބޭނުންކުރަންޖެހޭ އެންމެ ފެންވަރު ރަނގަޅު މެޓީރިއަލް ބޭނުންކުރުމަށްޓަކައިވެސް ބަލަންޖެހޭ ބެލުންތައް ބަލާފައިވާނެކަމަށާއި މިއަދާއި ހަމައަށްވެސް މި މަސައްކަތްކުރުމުގައި މަސައްކަތްކުރާ ކުންފުނީގެ ހައިސިއްޔަތުން އެ މިންގަނޑުތައް ފޮލޯކުރަމުންދާކަމަށެވެ.
"ރަސްފަންނުގައި ހަދަމުންދާ ޖޮގިން ޓްރެކްގެ ކޮންކްރީޓް ސްލެބްއަކީ ޓްރެކްގައި ބޭނުންކޮށްފައިވާ ސިންތެޓިކް ރަބަރު އުފައްދާފައިވާ ކުންފުނިން ދީފައިވާ ޑިޒައިންނާއި މެޝަމަންޓްތަކަށް ފެތޭގޮތަށް އަޅާފައިވާ ސްލެބެކެވެ. މިގޮތުން ސްލެބްގެ ބޯމިނުގައި ހުންނަންޖެހޭ އެންމެ އަސާސީ ބޯމިނަކީ ފަސް އިންޗިކަމުގައިވާއިރު، މި ސްލެބްގައިވެސް ހުންނާނީ ފަސް އިންޗިއެވެ. އަދި ކޮންކްރީޓް އެޅިފައިވާނީ ހަތަރު މީޓަރުގެ ބްލޮކް ބްލޮކަށް ދިގު މުއްދަތަކަށް މެއިންޓެއިންކޮށް ބެލެހެއްޓޭނެފަދަ ގޮތަކަށެވެ. މިފަދަ ދިގު ކޮންކްރީޓް ސްލެބެއް އަޅަންޖެހެނީ ވަކި މިންގަނޑަކަށް ބްލޮކްތައް ބަހައްޓައިގެން އަދި ބިންގަނޑަށް އަތުވެދާނެ ބަދަލްތަކަކާއި ގުޅިގެން ޓްރެކް މަރާމާތުކުރެވޭނެ ގޮތަކަށްކަމަށްވާތީ އެ ހުރިހާ މިންގަނޑުތަކަށް ފެތޭގޮތަށްކަމުގައިވެސް ދަންނަވަމެވެ. ނަމަވެސް ބައެއް ފަރާތުން ސްލެބްގެ ބޯމިނާއި ގުޅޭގޮތުންނާއި، ކޮންކްރީޓް އެޅިފައިވާ ދިގުމިނާއި ގުޅޭގޮތުންވެސް އެއްވެސް ހަގީގަތެއް ނެތް މައުލޫމާތު މީޑިއާއާއި އެނޫން ވަސީލަތްތަކުގެ ބޭނުންކޮށްގެން ފަތުރާފައިވާކަން ހިތާމައާއިއެކު ފާހަގަކުރެމެވެ." އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރަށް ޓްރެކްގެ ފިނިޝިން މެޓީރިއަލްގެ ގޮތުގައި ބޭނުންކޮށްފައިވާ ސިންތަޓިކް ރަބަރަކީ ބައިނަލްއަގުވާމީ ޓްރެކްތަކުގައިވެސް ބޭނުންކޮށްފައިވާ އެންމެ ފެންވަރު ރަނގަޅު ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ މެޓީރިއަލްއެއްކަމަށާ މި މެޓީރިއަލްއަކީ މަރާމާތުކުރަން ޖެހިއްޖެ ހާލަތެއްގައި ފަސޭހައިން މަރާމާތުކުރެވޭ، އަދި ހަލާކުވާ ތަންކޮޅު އެކަނި މަރާމާތުކޮށްގެން ހަރަދުކުޑަގޮތަކަށް ބެލެހެއްޓޭނެ މެޓީރިއަލްއެއްކަމަށްވެސް ވަނީ ބުނެފައެވެ. މި ޓްރެކްގައި އަޅާފައިވާ ސިންތަޓިކް ރަބަރަކީ ޓްރެކް ބޭނުންކުރައްވާ ފަރާތްތަކަށް ސިއްހީގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން އެންމެ ރައްކާތެރި ބޯ މިނެއްގައި އެޅިފައިވާ ރަބަރެއްކަމަށާ އެގޮތުން ޓްރެކްގައި އަޅާފައިވާ ސިންތަޓިކް ރަބަރުގެ ބޯމިނަކީ އެގާރަ މިލިމީޓަރުކަމަށްވީއިރު، މިއީ އާދައިގެ ޓްރެކްތަކުގައި އަޅާފައިހުންނަ ފަދަ ސިންތަޓިކް ރަބަރުގެ ބޯ މިނަށްވުރެ މާ ރައްކާތެރި އަދި ބައިނަލްއަގްވާމީ މިންގަނޑަށް ފެތޭ މިންގަނޑެއްކަމުގައިވެސް އެ ކުންފުނީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
"ރަސްފަނުގައި ހަދަމުންދާ ޖޮގިން ޓްރެކް ނުނިމި ދިގުލައިގެންދާ ހަމައެކަނި ސަބަބަކީ ޓްރެކްގެ ފިނިޝިންގ މެޓީރިއަލް އިންސްޓްރޯލްކުރުމަށް ބޭނުންވާ ޑްރައި ކޮންޑިޝަން ރާއްޖޭގައި މި ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ތަނަވަސްވެފައި ނެތުމެވެ. ނަމަވެސް ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި މި ގޮންޖެހުންތަކާއިއެކުވެސް ޓްރެކްގެ ބޭނުން އާންމު ރައްޔިތުންނަށް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރަމެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ދިގުލައިގެން މިދިޔަ ގިނަ ދުވަސްތަކަކީ ރާއްޖެއަށް މޫސުން ގޯސް ވިއްސާރަ ދުވަސްތަކަކަށްވުމުން މިފަދަ މަސައްކަތެއް ކުރުމަށް މިއީ ގޮންޖެހުން ބޮޑު ދުވަސްތަކެކެވެ. ޓްރެކްގެ ފިނިޝިންގ މެޓީރިއަލް އިންސްޓްރޯލްކުރުމަށް ބޭނުންކުރާ ކެމިކަލްގެ ބޮންޑިންގއަކީ ވެޓް ކޮންޑިޝަންގައި ރިއުކްޓްނުކުރާ ކެމިކަލްއަކަށްވާތީ މޫސުން ތަންދީގެން މެނުއީ މުޅި މަސައްކަތް ނިންމާލުމަކީ ކުރެވޭނެކަމެއް ނޫނެވެ. މިހާރު ޓްރެކްގެ ބައެއް ސަރަހައްދުތަކުން ސިންތެޓިކް ރަބަރު ކޮންކްރީޓް ސްލެބުން ނެއްޓިފައި އަދި އުފުލިފައިވާ ސަބަބަކީ މަސައްކަތް ކުރަމުންދިޔަ ވަގުތުތަކުގައި ވިއްސާރައިގެ އަސަރުކޮށްފައިވުމެވެ. ނަމަވެސް ބައެއް ފަރާތްތަކުން މީޑިއާއި އެނޫންވެސް ވަސީލަތްތަކުގައި ފަތުރަމުންދާގޮތަށް މިއީ މާބޮޑު މައްސަލައެއް ނޫންކަމުގައި ދަންނަވަމެވެ." ކުންފުނީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މޫސުން ރަނގަޅުވެ ޓްރެކްގެ ފިނިޝިންގ މެޓީރިއަލް އިންސްޓްރޯލްކުރުމަށް ބޭނުންފަދަ މާހައުލެއް ލިބިއްޖެނަމަ މިއީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފަސޭހައިން ހައްލުކޮށް ރަނގަޅު ކުރެވޭނެ ކަމެއްކަމަށާއި، އަދި މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ކުރަމުންގެންދާ މަސައްކަތްތަކަކީ ސީދާ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރަމުން ގެންދާ މަސައްކަތްތަކެއްކަމުގައިވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އަދި އެ ކުންފުނިން މަސައްކަތްކުރަމުން ގެންދަނީ ވީހާވެސް ކުރުމުއްދަތެއްގެ ތެރޭގައި މި މަސައްކަތް އެންމެ ފުރިހަމައަށް ނިންމާލުމަށްފަހު ހައުންސިން މިނިސްޓްރީއާއި ޓްރެކް ހަވާލްކުރުމަށްވެސް ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
ޖޮގިން ޓްރެކްގެ މަސައްކަތް ނުނިމި ލަސްވަނީ މޫސުން ގޯސްވުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ