ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމް އިންތިހާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ އިންތިހާބުކޮށްފި އެވެ.
މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމް އިންތިހާބުކޮށްފައި މިވަނީ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދު މިއަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މަސީހު މަގާމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަށް މަޖިލީހުގެ މިރޭގެ ޖަލްސާގައި ވޯޓަށް އެހުމަށް ތާވަލްކޮށްފައި ވަނިކޮށެެވެ. މިރޭގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އެެވެ.
މަޖިލީހުގެ މިރޭގެ ޖަލްސާގައި މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރަން ބޭނުންވާ ބޭފުޅުންގެ ނަންތައް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން ގުޅިފައިވާ ޕާޓީ ތަކުގެ ފަރާތުން ގާސިމް އިބްރާހީމްގެ ނަން މަޖިލީހަށް ހުށަހެޅުއްވީ އިންތިހާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހް އެވެ. މިހުށަހެޅުމަށް ތާއީދުކުރެއްވީ އިންތިހާބީ ނައިބް ރައީސް އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމު އެވެ.
ޕީޕީއެމްގެ ފަރާތުން މަޖިލީހުގެ ރައީސް ކަމަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމު އަބްދުﷲގެ ނަމެވެ. ޕީޕީއެމްގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފްގެ މިހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ޕީޕީއެމްގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އެވެ.
މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ސިއްރު ވޯޓަކަށް އެހުމުން މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމް އިންތިހާބުވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ ތެރެއިން 62 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އަބްދުއްރަހީމަށް ލިބިވަޑައިގެންނެވީ 16 ވޯޓެވެ.
މިވޯޓުގައިވެސް މަޖިލީހުގެ މިރޭގެ ޖަލްސާގައި ވެސް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރުމުގެ ސިއްރު ވޯޓުގެ ކަންކަން ކުރިއަށް ގެންދިޔައީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ނެގުނު ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއެއްގެ ބެއްލެވުމުގެ ދަށުންނެވެ. ކޮމިޓީގައި ތިއްބެވީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމުގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް އެވެ.
މިހާރު ކުރިއަށްދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވެސް ގާސިމް އިބްރާހީމް ވަނީ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާފަ އެެވެ. ނަމަވެސް މަޖިލީހުގެ 84 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ވޯޓުން އެ ފަހަރު އެ އިންތިހާބު ކާމިޔާބުކުރެއްވީ އަބްދުﷲ މަސީހު އެވެ. އަބްދުއްރަހީމް އޭރު ވާދަކުރެއްވީ މަޖިލީހުގެ ނައިބް ރައީސް ކަމަށެވެ. މަޖިލީހުގެ މިހާރުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާ ވާދަކުރައްވައިގެން އަބްދުއްރަހީމަށް އޭރު ލިބިވަޑައިގަތީ 41 ވޯޓެވެ. މޫސާ މަނިކަށް ލިބިވަޑައިގަތީ 42 މެންބަރުންނެވެ.
ގާސިމް އިބްރާހީމް މީގެކުރިން ވަނީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ކަންވެސް ކުރައްވާފަ އެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ އެމްއެމްއޭގެ ގަވަރުނަރުކަމާއި، ފިނޭންސް މިނިސްޓަރު ކަމާއި، ހޯމް މިނިސްޓަރު ކަންވެސް ކުރައްވާފަ އެެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމް އިންތިހާބުކުރުމާ ގުޅިގެން މަޖިލީހުގެ ތެރެއިން ހެޔޮ ބަދަލުތަކެއް ފެނި، ރައްޔިތުންގެ އިތުބާރު އަލުން މަޖިލީހަށް ލިބިގެންދާނެ ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ މެންބަރުން ގެންދަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ