ސުޕްރީމް ކޯޓުގެ ބާރުތައް ހަނިކޮށް ޝަރުއީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ސްޕްރީމް ކޯޓަށް ލިބިފައިވާ ބާރުތައް ހަނިކޮށް، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއަށް ދޭން ޖެހޭ ބާރުތައް އިތުރުކުރުމަށް އެމްޑީޕީން މަޝްވަރާކޮށް ގޮތްތަކެއް ނިންމައިފި އެވެ.
އެމްޑީޕީން "އެޖެންޑާ 19"ގެ ނަމުގައި އިއްޔެ ކުރިއަށް ގެންދިޔަ ވޯކްޝޮޕް ނިންމާލުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސައިން ވިދާޅުވީ އެމްޑީޕީން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ތިން ދާއިރާއަކުން ކަންކަން އިސްލާހު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދަށުން މިހާރު ހިންގަމުން ގެންދާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ސުޕްރީމް ކޯޓާ ވަކިކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޑީޖޭއޭ އަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަންކޮށް، އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ދަށުން ޑީޖޭއޭ ހިންގާ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. ޑީޖެއޭ އަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަންކުރުމުގެ ބާރު ދޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށްވެސް ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ކުރިން އޮންނަ އުސޫލާ ހިލާފަށް ކޯޓުގެ ރަޖިސްޓްރާއިން އައްޔަންކުރުމުގެ ބާރުވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ޒިންމާއަކަށް ހެދުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ކޯޓުތަކުގައި މސައްކަތްކުރާ މުވައްޒަފުންގެ ކަންކަން ބެލުމުގެ ބާރު ޑީޖޭއޭއާ ހަވާލުކުރުމަށްވެސް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ޝަރުއީ ކޯޓުތަކުގެ ރަޖިސްޓްރާއިންނަށް ފަނޑިޔާރުންގެ ބައިވެރިވުމެއްނެތި، މައްސަލަތައް ބަލައިގަތުމުގެ ބާރު ދިނުމަށް ހުށަހަޅަން ނިންމާފައިވާ ކަމަށްވެސް ހިސާން ވިދާޅުވި އެވެ. ކޯޓުތަކަށް މައްސަލައެއް ހުށަހެޅުމުން ފަނޑިޔާރުންގެ ބަހާއި އެކު ކޯޓުތަކަށް މައްސަލަ ބަލައިގަތުމާ މެދު ރަޖިސްޓްރީ ގޮތް ނިންމުމުން މައްސލަަ ހުށަހަޅާ ފަރާތުގެ ގިނަ ހައްގުތަކެއް ގެއްލިގެންދާ ކަން ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ އެމްޑީޕީން ހުށަހަޅަން ނިންމާފައިވާ އިސްލާހުތަކުގެ ސަބަބުން މިހާރު ކޯޓުތަކުގައި އިސްކޮށް ތިއްބަވާ ފަނޑިޔާރުން ކުރައްވާ އިދާރީ ބައެއް މަސައްކަތްތައް ރަޖިސްޓްރާއިން ކުރާ މަސައްކަތްތަކަކަށް ބަދަލުވެގެން ދާނެ ކަމަށެވެ. އަދި މިބަދަލުތަކާ އެކު ފަނޑިޔާރުންގެ ހަމައެކަނި މަސައްކަތަކީ މައްސަލަތައް ބަލައި އިންސާފުވެރި ހުކުމެއް އިއްވައިދިނުމަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ވަކީލުން ހުވާކުރުމާއި ވަކީލުންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ސުޕްރީމް ކޯޓުން މިހާރު ކުރަމުންދާތީ އެމްޑީޕީން ޝަރުއީ ދާއިރާއަށް ގެންނަން ބޭނުންވާ އިސްލާހުތަކުގެ ތެރޭގައި ވަކީލުންނާ ގުޅުންހުރި ކަންކަމުގެ ގޮތް ނިންމުމުގެ ބާރު ސުޕްރީމް ކޯޓުން ނެގުމަށް ވަނީ ހިމަނާފަ އެވެ. އަދި އެ ބާރުތައް މިނިވަންކަމާ އެކު ހިންގާ ބާއެސޯސިއޭޝަނަކާ ހަވާލުކުރަން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ