ދިރާގު ދިވެހި ލީގުގައި މިރޭ ބީޖީގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރި ހޯދާ ލީގުގެ ފުރަތަމަ މޮޅު ވިކްޓްރީ ސ.ކ އިން ހޯދައިފި އެވެ.
މި މޮޅާއެކު ވިކްޓްރީ އޮތީ 4 ޕޮއިންޓާއެކީ ލީގުގެ 5 ވަނައިގަ އެވެ. ބީޖީ އޮތީ 1 ޕޮއިންޓާއެކީ 7 ވަނައިގަ އެވެ. ލީގުގެ އެއްވަނައިގައި 9 ޕޮއިންޓާއެކީ އޮތީ ނިއު އެވެ.
ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ވިކްޓްރީއިން ކާމިޔާބުކުރީ މެޗުގެ 36 ވަނަ މިނެޓްގަ އެވެ. ޝިމާޒް ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ ވިކްޓަރ ބްރަނިމިރޯވް މަޓޭވް އެވެ.
މެޗުގެ 48 ވަނަ މިނެޓްގައި ވިކްޓްރީގެ އަވީލޯއަށް ވަނީ ލީޑު ފުޅާކޮށްލަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން ބީޖީގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު އަވީލޯ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. އަދި އޭގެ އިރުކޮޅެއްފަހުން އަވީލޯ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަޑިމަތިން ބޭރަށެވެ.
ވިކްޓްރީން މި މެޗުގައި ޖެހި ދެވަނަ ގޯލްޖެހީ މެޗުގެ 79 ވަނަ މިނެޓްގަ އެވެ. ކަކާ ނަގައިދިން ހިލޭޖެހުމެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ގޯލް ކާމިޔާބުކޮށްްދިނީ އެޓީމުގެ ފޯވާޑް ހުސެއިން ޝިމާޒް (ކޮކީ) އެވެ.
މެޗުގެ ނިމުމުގެ ކުރިން ވެސް ވިކްޓްރީއަށް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އަވީލޯ ދިން ޕާހަކުން ވިކްޓްރީގެ ޝައުއާ ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަޑިއަށެވެ.
މެޗަށްފަހު ވާހަކަދައްކަމުން ވިކްޓްރީގެ ކޯޗު އަހުމަދު އާތިފް (އާތީ) ބުނީ މި މެޗުން މޮޅުވީ ޓީމުގަ ތިބި ޅަ އަދި ސީނިއާ ކުޅުންތެރިންގެ ތަޖުރިބާގެ އެހީގައި ކަމަށެވެ. ވިކްޓްރީގަ ތިބި ބިދޭސީ ކުޅުންތެރިންނާއި އަދި ދެންތިބި ދިވެހި ކުޅުންތެރިންނާ އެކުވެގެން ވިކްޓްރީއަށް ލީގުގައި ރަނގަޅު ދިމާލަކަށް ދެވޭނެކަމަށް ވެސް އާތީ ބުންޏެވެ.
މި މެޗަށްފަހު ބީޖީގެ ކޯޗު އިހުސާން އަބްދުލް ޢަނީ (ސާންތި) ބުނީ މި މެޗުން ބަލިވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ކުރެވުމުގެ ސަބަބުން ކަމަށާއި ވިކްޓްރީން އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިކަމަށެވެ.
"ލީގުގައި ކުޅޭ ކޮންމެ މެޗަކީ ވެސް މުހިއްމު މެޗެއް. ކުރިއަށް ހުރި މެޗުތަށް ކާމިޔާބުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނަން" ސާންތި ބުންޏެވެ.
ލީގުގައި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި މަހިބަދޫ ސ.ކ އެވެ.
ބީޖީގެ މައްޗަށް ކުރި ހޯދާ ލީގުގެ ފުރަތަމަ މޮޅު ވިކްޓްރީން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ