ސަލާމަތީ ސަފުތަކުގެ މެދުގައި ދެން ހަމަނުޖެހުން ނުހިނގާނެ: އުމަރު

ރާއްޖޭގެ ސަލާމަތީ އިދާރާތަކުގެ ތެރޭގައި ހަމަނުޖެހުމެއް ހިނގާފާނެ ކަމަށް ބެލެވޭ ކަންކަން ނައްތާލެވިފައިވާތީ ހަމަނުޖެހުމެެއް ހިނގާފާނެ ކަންކަން ހައްލުކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވީ ރިޔާސީ ލޯންޗްކޮޅުގައި ގޮއްވާލި މައްސަލައިގެ ތަހުގީގު ކުރި އެމެރިކާގެ އެފްބީއައިގެ ތަހުގީގީ ރިޕޯޓާއި ހަވާލާދީ އެމެރިކާގެ ވޯލްސްޓްރީޓް ޖާނަލްގައި އިއްޔެ އާންމުކުރި ހަބަރެއްގައި ލޯންޗްކޮޅުގައި ގޮވީ އައިއީޑީއެއް ކަމެއް ނުވަތަ ބޮމެއް ކަން އިނގޭ ވަރުގެ ހެއްކެއް ލިބިފައި ނުވާ ކަމަށް ބުނުމާއި އެކު ޓީވީއެމްއަށް ރޭ ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ސަލާމަތީ އިދާރާތަކަށް ގެނެވުނު ބަދަލުތަކާއި ގުޅޭ ގޮތުން އުމަރު ނަސީރު ވިދާޅުވީ ސަލާމަތީ އިދާރާތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން "ކަމުނުދާ" މީހުން މިހާރު ތިބޭނީ މަގާމުން ވަކިކުރެވިފައި، ނުވަތަ ސަސްޕެންޑް ކުރެވިފައި ނުވަތަ ކޮންމެވެސް ތަނެއްގައި ބަންދުކުރެވިފައި ކަމަށެވެ. އަދި ވިދާޅުވީ މިފިޔަވަޅުތައް ސަރުކާރުން އެޅީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ.
"ސަލާމަތީ ބާރުތަކުގެ މެދުގައި މިހާރަކު އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ. ރައްޔިތުންނަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި މިހާތަނަށް ލިބިފައިވާ ބޭރުގެ ތަހުގީގީ ރިޕޯޓްތަކާއި ގުޅޭގޮތުން އުމަރު ވިދާޅުވީ މި ތަހުގީގުގައި އުޅުނު އެމެރިކާގެ އެފްބީއައިގެ ޓީމުން ލޯންޗްކޮޅުން ނެގިސާމްޕަލްތަކުން އެއްޗެއް ގޮއްވާލިކަން މުޅިން ޔަގީންކޮށްދެވިފައި ނުވަނީ ގޮއްވާލި އެއްޗެއްގެ ބާރުގަދަކަމުން ކަމަށް ރަނގަޅު ސާމްޕަލްތަކެއް ލިބިފައި ނުވާތީ ކަމަށެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ މި ތަހުގީގަށް އެހީތެރިވުމަށް ރާއްޖެ އައި ސައުދީ ޓީމުންވެސް ލޯންކޮޅުން ހަ ސާމްޕަލެއް ގެންދިޔަ ކަމަށާއި އެއިގެ ތެރެއިން އާރުޑީއެކްސް މާއްދާ ފެނުނީ އެންމެ ސާމްޕަލަކުން ކަމަށެވެ. އެހެންކަމުން ލޯންޗްކޮޅުގައި ގޮއްވާލީ ބާރުގަދަ އެއްޗެއް ބޭނުންކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެފްބީއައިގެ ތަހުގީގު ޓީމުން ގެންދިޔަ ސާމްޕަލްތައް ޓެސްޓްކުރުމަށްފަހު ފޮނުވި ރިޕޯޓުގައި އެމީހުން ގެންދިޔަ ސާމްޕަލްތަކުން އެއްޗެއް ގޮއްވާލިކަން ކަނޑައެޅިގެން ޔަގީންކުރެވެން ނެތް ކަމަށް ބުނެފައިވުމަކީ ލޯންޗްކޮޅުގައި އެއްޗެއް ގޮވާފައި ނެތުން ކަމަށް ނުބެލެވޭނެ ކަމަށެވެ.
"އެހެން ބުނަން އެ މެދުވެރިވަނީ ގޮއްވާލުމުގެ ބާރުމިން އާދަޔާ ހިލާފަށް ބާރު ގަދަވުމުން. އެމީހުން ބުނެފައެއް ނުވޭ އެއްޗެއް ގޮއްވާ ނުލާ ކަމަކަށް. އެހެންވީމާ އަޅުގަނޑު ދަންނަަވާނީ ވޯލްސްޓްރީޓް ޖާނަލްގައިވާ ހަބަރުގެ އެއްބައި ރަނގަޅޭ،" އުމަރު ވިދާޅުވި އެވެ.
ލޯންޗުކޮޅުގައި ގޮއްވާލާފައި ވަނީ އައިއީޑީއެއް ކަމަށް ބެލެވޭނެ އެކަށީގެންވާ ހެއްކެއް ނެތް ކަމަށް އެފްބީއައިއާ ހަވާލާދީ އެމެރިކާގެ ނޫހަކުން ބުނި ނަމަވެސް މިމައްސަލަ ތަހުގީގުކުރަން ރާއްޖެ އައި ސްރީލަންކާ އަދި ސައުދި އަރަބިއްޔާގެ ޓީމުގެ ތަހުގީގު ރިޕޯޓުގައި ބާރުގަދަ އެއްޗެއް ބޭނުންކޮށްގެން ލޯންޗްކޮޅު ގޮއްވާލީ ކަމަށް ބުނެފައިވާ ކަމަށް މިމައްސަލަ ބެލުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަނުން ބުނެފައިވެ އެވެ. ނަމަވެސް ބޭރުގެ ފަރާތްތަކުގެ ތަހުގީގު ރިޕޯޓްތައް މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލާފައިވަނީ އަމިއްލަ އަށް ހަދާފައިވާ ބޮމެއް ބޭނުންކޮށްގެން ކަމަށް ނެޝަނަލް އިންކްއަރީ ކޮމިޝަނުން ވެސް ބުނެފައިވެ އެވެ. އަދި ހާދިސާ ގުޅޭ ހެކިތައް ނައްތާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ތުހުމަތުގައި މިމަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަހްމަދު އަދީބް ހައްޔަރުކުރެއްވުމަށްފަހު މި މަހުގެ 25 ވަނަ ދުވަހު ވަނީ އެ މަނިކުފާނުގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ. އަދި މިމައްސަލައިގެ ތުހުމަތުގައި ނައިބް ރައީސްގެ ދެ ހަށިފާރަވެރިންގެ ގޮތުގައި މަސައްކަތް ކުރި ސިފައިންގެ ދެ މީހުންނާއި، ނައިބް ރައީސްގެ ޑްރައިވަރުގެ ގޮތުގައި މަސައްކަތް ކުރެއްވި ސިފައިންގެ މީހަކާއި، އެމްއެންޑީއެފްގެ ބަޑިގުދަނު ކުރީގެ ވެރިޔާ ވަނީ ސިފައިންގެ މަރުކަޒެއް ކަމުގައިވާ ކޭކޭގައި ހައްޔަރުކޮށްފަ އެވެ. އަދި މިމައްސަލައާއި ގުޅޭ ހެކި ނައްތާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސިފައިންގެ ތިން މީހެއްގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހާފަ އެވެ. މީގެ އިތުރުން ނައިބް ރައީސް އަހްމަދު އަދީބްގެ ބޭބެ، އަދި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވެސް ވަނީ ހައްްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ