ގައުމެއްގެ ރައީސަކަށް ހުންނަ ބޭފުޅަކަށް ހަމަލާއެއް ދިނުން ފަދަ ކަމެއް ހިންގައިގެން މިގައުމު ފަސާދަވުމަށް އެއްވެސް ރައްޔިތަކު ފުރުސަތު ދީގެން ނުވާނެ ކަމަށް ރާއްޖޭގެކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރަމުންދާ 47 ވަނަ ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ރައީސް މައުމޫނު ނެރުއްވި ބަޔާނުގައި ވަނީ، ރައީސަކަށް ހުންނަވާ ބޭފުޅެއްގެ ފުރާނަފުޅަށް ނުރައްކާވާ ފަދަ ހަމަލާއެއް ދީގެން ނަމަވެސް ވެރިކަން ފޭރިގަތުމަށް ބައެއް މީހުން މީގެ ކުރިން ވެސް ވަނީ މަސައްކަތް ކޮށްފައިކަމަށެވެ. އަދި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ ފުރާނަފުޅަށް ގެއްލުންދިނުމަށް ރާވާ އެފަފަ ކަމެއް ކުރަން އުޅުމަކީ އިސްލާމް ދިނާއި ގާނޫނު އަސާސީ ވެސް ހުއްދަ ކުރާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.
"ރައީސަކަށް ހަމަލާއެއް ދިނުން، އެފަދަ ކަމެއް ހިންގައި ގެން މިގައުމު ފަސާދަވުމަށް އެއްވެސް ރައްޔިތަކު ފުރުސަތު ދީގެން ވެސް ނުވާނެ. ރައްޔިތުން އިންތިހާބުކުރާ ވެރިއަކާ މެދު ނުރުހޭ މަދު ބަޔަކު ތިބި ނަމަވެސް، ގިނަ ބަޔަކަށް ފެންނަ ގޮތަކަށް ނިންމާ ނިންމުމަށް އިހްތިރާމްކުރުމަކީ ޑިމޮކްރަސީގެ އަސާސް" މައުމޫން ނެރުއްވި ބަޔާނުގައި ވެއެވެ.
މައުމޫނު ވިދާޅުވެފައިވަނީ 3 ނޮވެމްބަރު 1988ގައި އެމަނިކުފާނަށާއި މިދިޔަ އޮކްޓޯބަރުގެ މަހުގެ 28 ގައި ރައީސް އަބްދުﷲ ޔާމިނަށް އަމާޒުކޮށްގެން ދެވުނު ހުރިހާ ހަމަލާތަކުން ﷲ ސަލާމަތްކުރައްވާފައިވާ ކަމަށާއި ރައީސް ޔާމިންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެއް މަސްދުވަހުގެ ފަރުވާއަށް ފަހު ގެއަށް ފޮނުވާލާފައިވާތީ އެކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލާގައި ހިމެނޭ މީހުން ހޯދައި އެ މީހުން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް އެ މީހުންނަށް ހައްގު އަދަބު ދިނުން އަވަސްކުރަން މައުމޫން ވަނީ ގޮވާލައިފައެވެ.
މިމަހުގެ 17 ވަނަ ދުވަހަކީ ދުވަހަކީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ދެ އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވައި މައުމޫންގެ ބަޔާން ނިންމާލެއްވީ ރައީސް ޔާމިނާއި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވަމުންނެވެ.
ގައުމު ފަސާދަވުމަށް އެއްވެސް ރައްޔިތަކު ފުރުސަތު ދީގެން ނުވާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ