ވެންޓިލޭޓަރު މައްސަލައިގެ ތަޙުޤީޤު އޮތީ ނިމުމުގެ މަރުހަލާގައި: އޭސީސީ

ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދުމުގައި މާލިއްޔަތު ޤާނޫނާއި މާލިއްޔަތު ޤަވާޢިދާ ޚިލާފުވެފައިވާ ކަމުގައި އޮޑިޓު ރިޕޯޓުން ދެއްކުމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަތައް ތަހުގީގުކުރަން ފަށާފައިވާ މަސައްކަތް ލަސްތަކެއް ނުވެ ނިމޭނެ ކަމުގައި އެ ކޮމިޝަނުން ބުނެފިއެވެ. އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓު ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކުރުމާ ގުޅިގެން ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނުވަނީ އަމިއްލަ އިސްނެންގެވުމަށް މިނިސްޓަރު ކަމުގެ މަސްއޫލިއްޔަތުތަކުން އެއްފަރާތަށް ޖެހިވަޑައިގެންފައެވެ. ވަގުތީ ގޮތުން މިހާރު އެ މިނިސްޓްރީ ހިންގަވަނީ ނޭޝަނަލް ޕްލޭނިން އިންފްރަސްޓްރަކްޗާ އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމެވެ. މި މައްސަލާގައި ފުލުހުންނާއި އޭސީސީ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ފާށާފައިވަނީ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެންގެވުމާ ގުޅިގެންނެވެ. މިއަދު "މިހާރު" ނޫހުން ރިޕޯޓުކުރި ގޮތުގައި އޭސީސީގެ މީޑިޔާ އޮފިޝަލު އެ ނޫހަށް މައުލޫމާތު ދެއްވާފައިވަނީ އެ މައްސަލައިގެ ތަހުގީގު މިހާރު އޮތީ ނިމުމުގެ މަރުހަލާގައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ސުވާލުކަން ކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް މުއައްސަސާތަކުން އޮޅުންފިލުވަން ޖެހޭ ކަންކަން އޮޅުންފިލުވަމުންދާ ކަމަށް އޭނާ ވިދާޅުވި ކަމުގައި އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެންނަން ނިންމައި، އެ މަޝްރޫޢުގެ އަގުގެ 90 އިންސައްތަ އެ ކުންފުންޏަށް ސަރުކާރުންވަނީ ދޫކޮށްފައެވެ. އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އެ ކުންފުންޏަށް ފައިސާ ދޫކޮށްފައިވަނީ ޕާފޯމޭންސް ގެރެންޓީ ނުހޯދައެވެ. އަދި އެކުންފުނިން އިޚުތިޔާރުކުރީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ލަފާދީގެން ކަމުގައި ހެލްތު މިނިސްޓްރީން ބުނި ނަމަވެސް، ރަސްމީކޮށް އެ ޖަމްޢިއްޔާއިން އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމަށް ބުނެފައިނުވާ ކަމުގައި އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައެވެ. މި މައްސަލާގައި ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނުގެ އިތުރަށް ފައިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށްވެސް ތުހުމަތުގެ އިނގިލި ދިއްކުރެވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ