އިދިކޮޅުގެ މުޒާހަރާގެ ތެރެއިން މެމްބަރު ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް

މިރޭ ޕީޕީއެމް-ޕީއެންސީ ކޯލިޝަން މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމާ ގުޅިގެން އިދިކޮޅުން މިރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޕީޕީއެމްއިން ވަނީ މައުލޫމާތު ދީފައެވެ. އަދި އޭނާގެ އިތުރުން ޕީޕީއެމްގެ ބައެއް ކައުންސިލު މެމްބަރުންނާއި، ހޯރަފުށީ ދާއިރާގެ ޕީޕިއެމްގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސަފައިވާ ކަމަށް ޕީޕީއެމްއިން ބުންޏެވެ. މުޒާހާރާގެ ތެރެއިން ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކިތައް މީހުންކަމެއް އަދި ސާފެއް ނުވެއެވެ. އެކަމާ ބެހޭގޮތުން ފުލުުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެެވެ. ރައީސް ޔާމީން ޖަލަށް ލުމާ ގުޅިގެން ރޭ ޕީޕީއެމް-ޕީއެންސީއިން މާލޭ ޖަލު ކުރިމަތީގައި މުޒާހަރާ ކުރިއެވެ. އޭރު ރައީސް ޔާމީން ހުންނެވީ އެ ޖަލުގައެވެ. ނަމަވެސް މިހާރު އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ގެންގޮސްފައެވެ. ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމާ ގުޅިގެން، އަންނަ ބުދަ ދުވަހު ގައުމީ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް މިއަދު އިދިކޮޅުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ