ސުޕްރީމް ކޯޓުގެ 19 ނިންމުމެއް އުވާލައިފި

ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ ނިންމުންތަކުގެ ތެރެއިން 19 ނިންމުމެއް އުވާލައިފި އެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ނިންމުންތައް އުވާލީ އެ ނިންމުންތަކަކީ، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން މިހާރު އަމަލުނުކުރެވޭ ނިންމުންތަކަކަށްވާތީ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން އުވާލި ނިންމުންތަކުގެ ތެރޭގައި ސުޕްރީމް ކޯޓުން ނެރެފައިވާ ރޫލިންގ، ސާކިއުލާ، އާންމު ސިޓީ އަދި އުސޫލުތައް ހިމެނެ އެވެ. އެގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިނގަމުންދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ކަމަށާއި އަދި އެ އިދާރާގެ މަސްއޫލުވެރިންނާ ހަވާލުކުރެވޭ މަސައްކަތާ ބެހޭގޮތުން އެ ފަރާތްތަކުން ޖަވާބުދާރީވާން ޖެހޭނީވެސް ސުޕްރީމް ކޯޓަށް ކަމަށް ކަނޑައެޅި ރޫލިން ވަނީ އުވާލައިފަ އެވެ. އުވާލި އާންމު ސިޓީތަކުގެ ތެރޭގައި ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ޗުއްޓީ ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާއި ފަނޑިޔާރުންނަށް ހައްޖު އުމްރާ ޗުއްޓީ ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ހިމެނެ އެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމާބެހޭ އުސޫލާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާބެހޭ އުސޫލާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ބެހޭ އުސޫލު ވެސް ވަނީ އުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ