އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައިކޯޓަށް ނުބެލޭނެ ކަމަށް ކުރި ހުކުމް ސުޕްރީމް ކޯޓަށް

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެން ނުވާކަމަށް އެ ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެން ނުވާކަމަށް މާޗް 21 ވަނަ ދުވަހު ހައިކޯޓުން ހުކުމް ކުރީ އަމިއްލަ ފަރާތަކުން އެމްޑަބްލިއުއެސްސީގެ އޮޑިޓް ރިޕޯޓެއް ހޯދަން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅި މައްސަލައިގައި ކޮމިޝަނަރު ނިންމެވި ގޮތް އެމްޑަބްލިއުއެސްސީއިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ. މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ ހުކުމަކީ އިސްތިއުނާފު ކުރުމުގެ ހައްގުން މަހުރޫވުމާވާ ގޮތަށް ހައިކޯޓުން ކޮށްފައިވާ ހުކުމެއް ކަމަށެވެ. https://twitter.com/AGOmv/status/1379786973058002945 އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައިވެ އެވެ. އެހެން ނަމަވެސް، ހައިކޯޓުން ކުރި ހުކުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރީ ގާނޫނުގައި އޮތް އިބާރާތެވެ. އެ ގާނޫނުގައި ވަނީ "އިންފޮމޭޝަން ކޮމިޝަނަރުގެ" ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ގާނޫނުގައި ލިޔެފައިވުމުންނެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ މުއައްސަސާއަކަށް ނުވާތީ އޭނާ ނިންމަވާ މައްސަލަތައް އިސްތިއުނާފު ކުރުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެން ނުވާ ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ